ޝަރުތެއް ނެތި ސަރުކާރުން ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް އުއްމީދުކުރަން: އިނގިރޭސި ސަފީރު
ޝަރުތެއް ނެތި ސަރުކާރުން ކޯޓުގެ އަމުރު ތަންފީޒު ކުރާނެ ކަމަށް އުއްމީދުކުރަން: އިނގިރޭސި ސަފީރު

އެކިއެކި ކުށްތަކުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ރޭ ކުރި އަމުރު އެއްވެސް ޝަރުތެއް ނެތި ވީ އެންމެ އަވަހަކަށް ދިވެހި ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްްޓްރޭޓް އަހުމަދު ނިހާންގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ރޭ ނެރުނު އަމުރުގައި ސަރުކާރަށް ވަނީ އަންގައިފަ އެވެ.

އެ އަމުުރު ނެރުނުތާ 12 ގަޑިިއިރަށް ވުރެ ގިނައިރު ވެގެން ދިޔައިރު ވެސް، ސަރުކާރުން އަދި އެ އަމުރު ތަންފީޒެއް ނުކުރެ އެވެެ.

މިކަމާ ގުޅިގެން، އިނގިރޭސި ސަފީރު ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމާއެކު ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކި ގައުމުތަކުން އުއްމީދު ކުރަނީ، ކޯޓުގެ އަމުރު އެއްވެސް ޝަރުތަކާ ނުލައި ވީހާ ވެސް އަވަހަކަށް ދިވެހި ސަރުކާރުން ތަންފީޒު ކުރުން ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ކުށްވެރިން ދޫކުރަން ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން އިންޑިޔާއިން ވެސް މިއަދު ވަނީ ގޮވާލައިފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ ސިޔާސީ މީހުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ފެނިފައިވާ ކަމަށާއި ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް، އަދި ގާނޫނު ނެގެހެއްޓުމަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެ އަށް އަމަލު ކުރުން މުހިއްމު ކަމަށެވެ.