މި ހުކުމަކީ ސަރުކާރު ހިންގުމަށް އޮތް ހުރަހެއް ނޫން: ޕީޕީއެމް
މި ހުކުމަކީ ސަރުކާރު ހިންގުމަށް އޮތް ހުރަހެއް ނޫން: ޕީޕީއެމް

ސިޔާސީ އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަކީ ސަރުކާރު ހިންގުމަށް އޮތް ހުރަހެއް ނޫން ކަމަށް ޕީޕީއެމް އިން މިއަދު ބުނެފި އެވެ.

ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެން ސަރުކާރަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ. އަދި އެ ހުކުމުގައި، ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް އަންނާނެ އެއްވެސް ކަމެއް ބަޔާން ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެއްޗެއް ދަންނަވާކަށް ނެތިން. ޕީޕީއެމަކީ އަބަދުވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އަށް އިހުތިރާމް ކުރާ، ޝަރުއީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާ ޕާޓީއެއް. ދައުލަތުގެ ބަންޑާރަ ނައިބު ވަނީ އެ ހުކުމް ތަންފީޒު ކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކޮށް، އިޖުރާއަތްތައް ފުރިހަމަ ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމް އަބަދުވެސް އޮންނާނީ ގާނޫނުތަކަށާއި ޝަރުއީ ނިޒާމަށް އިހުތިރާމްކުރާ، ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާ ޕާޓީއެއްގެ ގޮތުގަ އެވެ. އަދި ޕީޕީއެމްގެ ކައުންސިލާއި މުޅި ޕާޓީ އޮތީ ރައީސް އަބްދުﷲ ޔާމީނާއެކު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަޒުމަކަށް ބަދަލެއް ނާދޭ. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ގައުމުގެ ހައްގުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އަޅުގަނޑުމެންވާނީ ވަރަށް ސާބިތުކަމާއެކީގައި. މި ގައުމުގެ މިނިވަންކަމާއި އަމާންކަން ގެއްލިގެން ދާނެ ފަދަ ކަމެއް އިރާދަކުރެއްވިއްޔާ މި ގައުމުގައި ހިނގައިގެން ނުދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ގައުމު އަނދަވަޅަކަށް ވެއްޓިގެން ދާކަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ގައުމު ދެކެވާ ލޯބި އެ އަށް ވުރެ ބޮޑު ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި މި ގައުމުގެ ސިފައިންނާއި ފުލުހުން ވަރަށް ސާބިތުކަމާއެކީ، ގައުމާއި ރައްޔިތުންގެ ހައްގުގައި ނުކުމެވަޑައިގަންނަވާނެ. މި ކަންތައްތަކުގައި ވެސް އެ ބޭފުޅުން ވަރަށް ހިކުމަތްތެރިކަމާ އެކީ ތިއްބަވާނެ،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ވަރަށް ހިކުމަތްތެރިކަމާ އެކީ ކަންކަން ކުރައްވާ ބޭފުޅެއް ކަމަށާއި ނަޝީދުގެ ވެރިކަން ނިމުނު ދުވަހު ހިނގި ފަދަ އެއްވެސް ކަމެއް ހިނގިޔަ ނުދޭނެ ކަމަށެވެ.

"އެ އަށް ވުރެ ރައީސް ޔާމީނަކީ މާ ސާބިތުކަންމަތީ ހުންނެވި ބޭފުޅެއް. މިހާރު އަމުރު ނެރުނުތާ އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔައިރު ވެސް މި ގައުމު ހަމަނުޖެހުމަކާ ހަމަޔަށް ނުދިޔަ. އަޅުގަނޑުމެންގެ ޕާޓީ އާއި ކޯލީޝަންގައި ހިމެނޭ އެމްޑީއޭ އާއި ޑީއާރުޕީ އާއި ހުރިހާ ޕާޓީތައް މި ތިބީ ވަރަށް ކެރިގެން، ވަރަށް ސާބިތުކަމާއެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި،" އޭނާ ވިދާޅުވި އެވެ.