02 ފެބުރުއަރީ 2018 - 20:09

ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކުން، 500 އަށް ވުރެ ގިނަ ދަރިވަރުން ސައިރިކްސް ކޮލެޖުން ރޭ ދަސްވެނިވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ހަފުލާގައި 22 ޕްރޮގްރާމަކުން އެންމެ މަތީ ވަނަތައް ހޯދި ތިން ދަރިވަރުންނަށް ޗެއާމަންސް އެވޯޑު ފޯ ޓޮޕް އެޗީވްމަންޓް ދީފައި ވެ އެެވެ. އަދި ޗެއާމަންސް އެވޯޑު ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ފަސް ދަރިވަރަކު ހޯދާފައި ވެ އެވެ.

ސައިރިކްސް އިން ކިޔެވުމަށްފަހު މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީން މަތީ ވަނަ ހޯދި ޝިމްހާޒު އަލީ ސައީދަށް ވެސް އެވޯޑު ދީފަ އެވެ. މިއީ އެ ކޮލެޖުން އަލަށް ތައާރަފުކުރި އެވޯޑެކެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ރެކްޓާ އިބްރާހިމް ވަހީދު ވިދާޅުވީ ސައިރިކްސް އިން ގްރެޖުއެޓްވާ ހުރިހާ ދަރިވަރުންނަކީ 21 ވަނަ ގަރުނަށް ތައްޔާރުވެފައިވާ ބަޔަކަށް ހަދަންޖެހޭ ކަމަށެވެ. އެކަމަށް ވެސް މި އަހަރު ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ތައުލީމާއި އަމިއްލަ ދިރިއުޅުމުގައި ވެސް ގޮންޖެހުންތައް ދިމާވާނެ ކަމަށެވެ. ނަމަވެސް ކާމިޔާބު ލިބިގެންދާނީ ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ. ދިރިއުޅުމުގެ އެއްބަޔަކީ އެއީކަން ވެސް ވަހީދު ފާހަގަކުރެއްވި އެވެ.
"ނުގުޑާފަދަ އަޒުމަކާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ. ދިރިއުޅުމަކީ އެ ހުރިހާ ކަމެއް ގިރާކުރުމަށްފަހު ވެސް ކާމިޔާބު ހޯދުން،" ވަހީދު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑީވްސް (އައިޔޫއެމް)ގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގްރެޖުއޭޓްވި ދަރިވަރުންނަށް ލިބުނު ސެޓްފިކެޓަކީ، ދިރިއުޅުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. އެހެންވެ ކިޔެވުމުގައި ދަސްވި ކަންތައްތައް އަމިއްލަ ދިރިއުޅުމުގައި ބޭނުންކުރުމަށް ޝަހީމް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ޝަހީމް ވިދާޅުވީ ސައިރިކްސް އިން ފާއިތުވި 25 އަހަރުގެ ތެރޭގައި ބޮޑު ހިދުމަތެއް ކޮށްދީފައިވާ ކަމަށެވެ. އެހެންވެ ރާއްޖޭގައި ތައުލީމް ފޯރުކޮށްދިނުމަށް އެ ކޮލެޖުން ކޮށްދިން މަސައްކަތަށް އޭނާ ވަނީ ޝުކުރު ދަންނަވައިފަ އެވެ.
ސައިރިކްސް ކޮލެޖުން ރޭ ވަނީ މުޖުތަމައުގެ ފައިދާއަށްޓަކައި މަސައްކަތް ކުރާ ހަތަރު ޖަމިއްޔާއަކަށް ކޮމިއުނިޓީ ސްކޮލަޝިޕް ދީފަ އެވެ. އެ ސްކޮލަޝިޕް ލިބުނީ، ޑައިބެޓިކް ސޮސައިޓިީ އޮފް މޯލްޑިވްސް، މޯލްޑިވްސް ރެޑް ކްރެސެންޓް، ސަދަގާތު ފައުންޑޭޝަން އަދި ބިއުޓިފުލް އައިސް ޑައުންސިސްޑްރޯމް އެސޯސިއޭޝަނެވެ.