13 ޖުލައި 2016 - 20:53

މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑު، ފަތާފައި ހުރަސްކުރަން އުޅުނު އަންހެނަކު މިއަދު ސަލާމަތްކޮށް ޖެންޑަ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެ އަންހެންމީހާ ވިލިމާލެ އިން އެކަނި މޫދަށް އެރިގެން މާލެއާ ދިމާލަށް ދާ ކަމަށް ބުނެ މިއަދު މެންދުރުފަހު 2:22 ހާއިރު ވިލިމާލެ ޕޮލިސް ސްޓޭޝަނަށް އެންގި ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ މީހާ މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުގައި އޮތް ކަމަށް ފުލުހުން ބުންޏެވެ.
އެ ވަގުތު، ވިލިމާލޭގައި މަސައްކަތް ކުރާ ދެ ފުލުހަކު ވިލިމާލޭގައި ހުންނަ ފެރީ ޓާމިނަލުން ފެރީއެއްގައި އެ އަންހެން މީހާ އޮތް ސަރަހައްދަށް ގޮސް ކަނޑަށް ފުންމާލައިގެން އޭނާ ސަލާމަތްކޮށްފައި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނާ ގޮތުގައި އުމުރުން 26 އަހަރުގެ އެ އަންހެން މީހާ މިހާރު ވަނީ ޖެންޑަ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އެކަމަކު، އޭގެ ސަބަބެއް ނުބުނެ އެވެ.