02 ފެބުރުއަރީ 2018 - 15:48

ޖަލު ހުކުމް އިއްވާފައިވާ އިދިކޮޅު ތިން ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ޖަލުގައި ތިބި އެހެން ބައެއް ސިޔާސީ ބޭފުޅުން ވެސް ވަގުތުން މިނިވަންކުރަން ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމް އަދިވެސް ތަންފީޒް ކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ސިޔާސީ އެ ތިން ލީޑަރުންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މިނިވަން ކުރުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ އަމުރާ ގުޅޭގޮތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ރޭ ވިދާޅުވެފައި ވަނީ ކޯޓު އަމުރުގައި ހިމެނޭ ގިނަ ކަންތައް އެއީ ދައުލަތުގެ ބަންޑާރަ ނައިބަށް ރައްދުވާ ކަންކަން ކަމަށްވާއިރު އެ ހުކުމާ ބެހޭ ސައްހަ ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންނާއި ކަރެކްޝަނުން ވަނީ ބުނެފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމުގެ ހަމަޖެހުން ހިފެހެއްޓުމަށްޓަކައި ސިފައިންނާ ފުލުހުން އަދި އެހެން މުއައްސަސާތަކުން ވެސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރަން ޖެހޭ ކަމަށެވެ.
އަދާލަތު ޕާޓީން ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ އެ ޕާޓީގެ ރައީސް ޝައިހް އިމްރާން ވަނީ ރަހީނުކޮށްފައި ކަމަށެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށާއި އެ އަމުރު ތަންފީޒު ކުރާނެ ކަމަށް ބުނަނީ އޮޅުވާލަން ކަމަށް ވެސް ޓުވީޓުގައި ބުނެފައިވެ އެވެ.
މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެން ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރުމަށް ސިޔާސީ ހައްޔަރީން "މިހާރުން، މިހާރަށް" ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ބަންޑާރަ ނައިބު ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ވިދާޅުވެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް އޭނާ ގޮވާލެއްވި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ތިބުމަކީ ސަރުކާރަށް އިހުތިޔާރެއް ނޫން ކަމަށެވެ. އަދި އެ ހުކުމް ތަންފީޒު ކުރުމަށް ދެކޮޅު ހަދާ ފަރާތްތަކުގެ މައްސަލަ ބަލަން ހުކުމުގައި ބުނެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެ ސިޔާސީ ބޭފުޅުން މިނިވަންކުރަން އަމުރުކުރީ އެ ބޭފުޅުންގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާއިރު، އެއީ އަލުން ގޮތެއް ނިންމަން ޖެހޭ ކަންތައްތަކަށް ވާތީ އެވެ. އެ ބޭފުޅުން މިނިވަންކުރީ އެ މައްސަލަތަކާ މެދު އަލުން ގޮތެއް ނިންމަންދެނެވެ.
އެ އަމުރާ އެއްގޮތަށް ދައުލަތުގެ ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށާއި އެކަމަށް ހުރަސް އަޅައި ނުވަތަ ފަރުވާ ކުޑަކޮށްފި ނަމަ ކޮންމެ މައްސަލައެއް ވަކިވަކިން ބަލައި، ޝަރީއަތަށް ހުށަހަޅަން ވެސް އެ އަމުރުގައި ޕްރޮސެކިއުޓާ ޖެނެރަލަށް އަންގާފައިވެ އެވެ.