ވަކި ބަޔަކަށް ބަރޯސާނުވާނަން: ގައުމީ ވޮލީ ކޯޗު
ވަކި ބަޔަކަށް ބަރޯސާނުވާނަން: ގައުމީ ވޮލީ ކޯޗު

އަންނަ އޭޕްރިލް މަހު އޮންނަ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ސްކޮޑު އިއުލާންކުރިއިރު، އާންމުކޮށް ފެންނަ ސީނިއާ ހަތް ކުޅުންތެރިއަކު މި ފަހަރު ނުހިމަނަ އެވެ. ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ބޭނުންވަނީ އެއް ބަޔަކަށް ބަރޯސާވުމަށް ވުރެ ބޮޑަށް ރަނގަޅު މުސްތަގުބަލަކަށް ވިސްނުން ކަމަށެވެ.

ވަކި ބަޔަކަށް ބަރޯސާނުވާނަން: ގައުމީ ވޮލީ ކޯޗު
ވަކި ބަޔަކަށް ބަރޯސާނުވާނަން: ގައުމީ ވޮލީ ކޯޗު

މި ފަހަރު ޓީމުން ބާކީވި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އޭނާގެ ކޮއްކޮ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، އިޝާން މުހައްމަދު (ބަޓިސް)، އަހުމަދު އަހުސަން އާއި އަލީ އާމިރު (ދިގު އައްޔަ)، މުހައްމަދު ޝާއިން (ޝާއިންޓެ) އަދި އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ ކުޑަކާއްޓޭ ވަކިވީ މި ވަގުތު އާއިލާ އަށް ވަގުތުދޭން ބޭނުންވާތީ ގަވާއިދުން ޕްރެކްޓިހުގައި ބައިވެރިނުވެވޭތީ އެވެ. އެނގިފައިވާ ގޮތުގައި ކުޑަކާއްޓޭ އަންނަނީ އޭޕްރީލް މަހު ތައިލެންޑުގައި އޮންނަ ބީޗް ވޮލީބޯޅަ ޓުއާ އަށް ފަރިތަކުރުމަންނެވެ.

މީގެ އިތުރުން އެސޯސިއޭޝަނުން ބުނީ ބަޓިސް ކުޅުން ހުއްޓާލުމުގެ ވިސްނުމުގައި ހުރި ކަމަށާއި އަހުސަން އާއި ދިގު އައްޔަ އަށް ފުރުސަތު ނުލިބުނީ ވީއޭއެމް އިން ކަނޑައެޅި މުއްދަތުގެ ތެރޭގައި ގަރާރުގައި ސޮއިކޮށްފައިނުވާތީ ކަމަށެވެ.

"މިހާރު އަޅުގަނޑު ވިސްނަނީ އެއިރެއްގައި ތިބި އެންމެ ރަނގަޅު ބަޔަކު ލައިގެން ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތެއް. ކުރީގެ ވާހަކަ ނުދައްކައި މިހާރު މިއޮތް ސްކޮޑުގައި ތިބި މީހުންގެ ބޭނުންކޮށްގެން ރަނގަޅު ނަތީޖާ ނެރުން އަޅުގަނޑުގެ ޓާގެޓަކީ،" މި ފަހަރުގެ ސްކޮޑާ ބެހޭގޮތުން ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ ސީނިއާ ކުޅުންތެރިން ނެތުމުން އޭގެ ދަތިތަކެއް އުޅޭނެ ކަމަށާއި އެ މަގާމުތައް ފޫބެއްދޭތޯ މަސައްކަތްކުރާނެ ކަމަށެވެ.

"އުޅޭނެ ކޮންމެވެސް ވަރެއްގެ ދައްޗެއް. އެހެން ނަމަވެސް އެ ކަންތައްތައް ގިނަ ދުވަހުން ހައްލުވާނީ. އަބަދު އެކަކަށް ޑިޕެންޑްވެގެން ނުވަތަ ވަކި ތަަނަކަށް މީހަކު މަދުވެގެންނެއް އެ ވިސްނުމުގައި ތިބެއްޖެއްޔާ މުސްތަގުބަލަކަށް ކުޅުންތެރިން ނުއުފެއްދޭނެ. ހުންނާނެ ކުދިކުދި ހުސް ޖާގަތައް އެތަންތަން ފޫބެއްދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނީ،" އޭނާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ފިރިހެން އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައި ވެސް އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުރެވެ އެވެ. ބަންގްލަދޭޝްގައި 2016 ވަަނަ އަހަރުގެ ޑިސެމްބަރު މަހު އޮތް މުބާރާތުގައި ސްރީލަންކާގެ ކޯޗު ކުމާރް ވެންޑަކޫންގެ އިރުޝާދުގެ ދަށުން ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ. އޭގެ ފަހުން މި އަހަރު މާޗް މަހު އޮތް މުބާރާތް ރާއްޖެ ކުޅުނީ މުހައްމަދު ޝަރަފްގެ ކޯޗުކަމުގަ އެވެ. އެ މުބާރާތް ރާއްޖޭން ނިންމާލީ މޮޅެއް ނުލިބި އެވެ.

ކާއްޓޭ ގައުމީ ޓީމު ކޯޗުކަމާ ހަވާލުވީ މިދިޔަ އޮކްޓޫބަރު މަހު އެވެ. ގައުމީ ޓީމު ގޮވައިގެން ކާއްޓޭ މި ފަހަރު ފުރަތަމަ މުބާރާތަށް އޭޕްރިލް މަހު 16-23 އޮންނަ އޭވީސީ މުބާރާތަށް ވަނީ ދުރާލާ ޕްރެކްޓިސް ފަށައިފަ އެވެ. އަދި ޓީމު ތައިލެންޑުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"މީގެ ޒުވާން ކުޅުންތެރިން އެބަތިބި ފުދޭ ވަރަކަށް. ދެން އަނެއްކާ މިހާރު ކުރީގެ ނެޝަނަލް ޓީމުގައި މި ތިބި ސީނިއާ ކުޅުންތެރިން. ޕޮޒިޝަންތައް ބަދަލުކޮށްގެން. އެހެން ޕޮޒިޝަންތަކަށް ކުޅޭ. އެހެންވީމަ އެ ކުދިންނަށް ވެސް ފުދޭވަރަކަށް ޓްރެއިނިން ލިބިގެން ކަންނޭނގެ އެތަންތަނަށް ކުޅެވޭނީވެސް. އެއީ އަސްލު މިހާ ކުރިން ފެށި ކަމަކީ ވެސް،" ކާއްޓޭ ބުންޏެވެ.

ކާއްޓޭ ބުނީ މިހާ ކުރިން ފަރިތަކުރުން ފެށުމުގެ ފައިދާ މުޅި ޓީމަށް މުބާރާތުގައި ކުރާނެ ކަމަށެވެ.