02 ފެބުރުއަރީ 2018 - 11:37

ޕެރިސް (ފެބްރުއަރީ 2) - ފްރާންސް ލީގުގައި މިދިޔަ މަހު 14 ވަނަ ދުވަހު ނޯންޓެސް އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ނޯންޓެސްގެ ކުޅުންތެރިޔަކަށް ހަމަލާ ދިނުމަށް ފަހު އޭނާ އަށް ރަތްކާޑު ދެއްކި ރެފްރީ ޓޯނީ ޗެޕްރޮން ހަ މަހަށް ސަސްޕެންޑްކޮށްފި އެވެ.
ނޯންޓެސް އަތުން 1-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ނޯންޓެސްގެ ޑިއެގޯ ކާލޮސްގެ ގައިގައި ރެފްރީ ކޮޅުފައިން ޖެހީ، ކާލޯސްގެ ފައިގައި އަޅައިގެންފައި ރެފްރީ ވެއްޓުމުންނެވެ. ދެން ފެނުނީ ކާލޮސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކިތަނެވެ. މި ކަމަށް ރެފްރީ ޗެޕްރަން ވަނީ ފަހުން މައާފަށް ވެސް އެދިފަ އެވެ.
ފްރާންސް ފުޓްބޯލް ފޭޑެރޭޝަނުން ޗެޕްރަން ހަ މަސް ދުވަހަށް ސަސްޕެންޑް ކުރަން ނިންމީ އެ މައްސަލައިގައި ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށް އެ އިދާރައިން ވަނީ ބުނެފަ އެވެ.
ކުޅުންތެރިންނަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމަކީ ފެޑެރޭޝަނުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށާއި އެކަން ފުރިހަމަކުރަން ނިންމަން ޖެހޭ ނިންމުންތައް އެއްވެސް ފަރާތަަކަށް ބުރަވުމެއްނެތި ނިންމާނެ ކަމަށް އެ އިދާރާގެ އޮފިޝަލަކާ ހަވާލާދީ ފްރާންސް މީޑިއާ އިން ރިޕޯޓްކުރެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ވަނީ ކުޅުންތެރިންނަށް ރެފްރީންގެ ފަރާތުން މެޗުގެ ތެރެއިން ދޭން ޖެހޭ ހިމާޔަތް ދިނުން އިތުރަށް ހަރުދަނާ ކުރުމަށް އެދި ފްރާންސް ފުޓްބޯލް ފެޑެރޭޝަނަށް ސިޓީއެއް ހުށަހަޅައިފަ އެވެ. އެއީ ފަހަކަށް އައިސް ޕީއެސްޖީގެ ދެ ކުޅުންތެރިން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި ނޭމާ އަށް އިދިކޮޅު ކުޅުންތެރިން ކުރާ ނުރައްކާތެރި ފައުލުތައް ގިނަވުމުންނެވެ.