02 ފެބުރުއަރީ 2018 - 11:39

ލަންޑަން (ފެބްރުއަރީ 2) - ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އާސެނަލްގައި މަޑުކުރަން ނިންމީ މެންޗެސްޓާ ޔުނައިޓެޑުން ލިބުނު ބޮޑު ހުށަހެޅުމަށް ނޫނެކޭ ބުނުމަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް އާސެނަލާ އެކު އޮޒިލް ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވާނެ އެވެ. އެހެން ނަމަވެސް ދާދި ފަހުން އޭނާ ވަނީ އާސެނަލާ އެކު 2021 ގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އޮޒިލް އަށް ހަފްތާ އަކު 350،000 ޕައުންޑުގެ މުސާރައެއް ލިބޭނެ އެވެ. މިއީ އާސެނަލުގެ ރެކޯޑް މުސާރަ އެވެ.
އާސެނަލްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އޮޒިލް ވަނީ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑާ އެކު މަޝްވަރާކޮށްފަ އެވެ. ބާސެލޯނާ އިން އޮޒިލަށް ބިޑްނުކުރަން ނިންމީ ސީޒަނަށް ފަހު ހިލޭ ޓްރާންސްފާ އަކަށް އެ ޓީމާ ގުޅުމަށް އޮޒިލަށް ހުށަހެޅުމުން އޭނާ ޑިމާންޑްކުރި މުސާރަ އާއި ސޮއިކުރާއިރު ދޭ ބޯނަސް ބޮޑުވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޮޒިލަށް އެންމެ ބޮޑު މުސާރައެއް ދޭން ހުށަހެޅީ ޔުނައިޓެޑުންނެވެ. އެ ޓީމުން ވަނީ ހަފްތާ އަކު އޮޒިލަށް 370،000 ޕައުންޑުގެ މުސާރައެއް ހުށަހަޅައިފަ އެވެ.
"މިއީ އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ނިންމި އެންމެ ބޮޑު އެއް ނިންމުން. އެހެންވެ އެހާ ގިނަ ދުވަސްވީ ވެސް މިކަމަށް. ވަރަށް ގިނަ ބަޔަކާ މަޝްވަރާ ވެސް ކުރިން. ރަނގަޅު ކަންތައްތައް ނިންމޭނީ ވަރަށް ވަގުތު ހޯދައިގެން. ހުރިހާ ކަމަކަށް ފަހު އެންމެ ފަހުން އަހަރެން ހެދީ ހިތް ބުނާ ގޮތް. އެއީ އާސެނަލްގައި މަޑުކުރުން،" އޮޒިލް ބުންޏެވެ.
އޮޒިލް އާސެނަލާ ގުޅުނީ 2013 ވަނަ އަހަރު އޭރު އާސެނަލްގެ ރެކޯޑް އަގަކަށެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ އޮޒިލް ގެނައި އަގަށް ވުރެ ބޮޑު އަގުގައި ފްރާންސްގެ ފޯވާޑް އަލެކްސަންޑްރާ ލަކަޒޭ އާއި ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ގެނެސްފަ އެވެ.