އަމުރަށް ހަ ގަޑިއިރު، އަދިވެސް ދިރާސާކުރަނީ؟
އަމުރަށް ހަ ގަޑިއިރު، އަދިވެސް ދިރާސާކުރަނީ؟

ގައުމުގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ މައްސަލަތަކަކަށް ފަރުވާ ހޯދައިދޭން ސުޕްރީމް ކޯޓުން މިރޭ އަމުރުތަކަކާއި ނިންމުންތަކެއް ނެރުނުތާ ހަ ގަޑިއިރުވީއިރު ވެސް ސަރުކާރުން އެ އަމުރު ތަންފީޒެއް ނުކުރެ އެވެ. އެއާ އެކު، ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިންތިހާ އަށް ގޮސްފަ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ހުކުމް އިއްވައި ޖަލަށް ލާފައި ވަނީ ނުހައްގު ޝަރީއަތްތަކުން ކަމަށް ތުހުމަތު ކުރަނިކޮށް، ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއާއެކު، ރައްޔިތުންގެ މަޖިލީހުންގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުމާއި މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރިއަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުން ވެސް ވަނީ ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ، މިކަންކަން ވަގުތުން ތަންފީޒުކުރާށެވެ. އެކަމަކު، މިހާތަނަށް އެއްވެސް ކަމެއް ތަންފީޒުނުކޮށް، ހުކުމްގެ ސައްހަކަމާ މެދު ސަރުކާރުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ގާނޫނީ ވަކީލުން ވިދާޅުވީ އެންމެ މަތީ މަރުހަލާގެ ކޯޓުން ނެރުނު އަމުރަކާ މެދު ސަރުކާރުން އިތުރަށް ދިރާސާކޮށް ބަލަން ޖެހޭ ކަމެއް އޮވެގެން ނުވާނެ ކަމަށެވެ. ހުކުމުގައި ވަކި ކަންތައްތަކެއް ކުރަން ސާފުކޮށް އަމުރުކޮށްފައި އޮއްވައި، އެކަންކަން ނުކޮށް ފަރުވާކުޑަކޮށްގެން ތިބުމަކީ އަމުރަށް ތަބާނުވުން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިރޭ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުން ސަރުކާރުން މަޝްވަރާ ކުރަން ޖެހޭނެ ކަމެއް ނޯންނާނެ އެވެ. ހުކުމާއެކު ސިޔާސީ ހުރިހާ ފަރާތްތަކެއް ދޫކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަކީ މަޝްވަރާ ކޯޓެއް ނޫން. އެ ކޯޓުން ވަކި ގޮތެއް ކަނޑައެޅީމަ އިތުރަށް ކުރަން ޖެހޭ މަޝްވަރާއެއް ނޯންނާނެ. ބަންޑާރަ ނައިބު މާ ގިނައިން މަޝްވަރާކުރައްވާތީވެ ހީފުޅުވަނީ އެ ހުކުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވަން ޖެހެއޭ،" ޝަމީމް ވިދާޅުވި އެވެ.

"އެންމެ މަތީ ކޯޓުން ގޮތެއް ކަނޑައެޅުމުން ތަންފީޒު ނުކޮށް ލަސްކުރުން އެއީ ކުރެވޭނެ ކަމެއް ނޫން. އޭޖީގެ މައްޗަށް ދައުވާކުރެވޭ ހިސާބުގައި މިހާރު އެވަނީ."

ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުނީ ސައްހަ އަމުރެއްތޯ އެނގިފައި ނުވާ ކަމަށެވެ. އެ އަމުރު ސައްހަތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމުރުގައި ހިމެނޭ ގިނަ ކަންތައް އެއީ ދައުލަތުގެ ބަންޑާރަ ނައިބަށް ރައްދުވާ ކަންކަން. އެކަމަކު މިހާތަނަށް އަޅުގަނޑުމެންނަކަށް އެ ހުކުމާ ބެހޭ ސައްހަ ކަމެއް ނޭނގޭ،" އަނިލް ވިދާޅުވި އެވެ.

ބަންޑާރަ ނައިބު މިހެން ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ސުޕްރީމް ކޯޓުން ވަނީ، ފަސް ފަނޑިޔާރުން ސޮއި ކުރައްވާފައިވާ ހުކުމް ވެބްސައިޓުގައި އާއްމުކޮށްފަ އެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ކޯޓު އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރި ކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމުރު ދިރާސާކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނާއިރު، އެ އަމުރާ ޚިލާފްވެއްޖެ ނަމަ ނުވަތަ އަމަލު ކުރުމުގައި ފަރުވާ ކުޑަކުރާ ކޮންމެ މައްސަލަ ވަކިވަކިން ތަހުގީގުކޮށް، ޝަރީއަތަށް ހުށަހަޅަން ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.