ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖެހޭނެ މީހަކު ނެތް، ހުރަސްނާޅާތި: މެމްބަރުން
ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖެހޭނެ މީހަކު ނެތް، ހުރަސްނާޅާތި: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ގޮންޖެހޭނެ މީހަކު ނެތް ކަމަށް ވިދާޅުވެ، މަޖިލީހަށް ވެންނެވުމަށް ހުރަސްނޭޅުއްވުމަށް އެ މެމްބަރުން މިރޭ ގޮވާލައްވައިފި އެވެ.

ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މެމްބަރުން ވިދާޅުވީ، ވެރިކަން ކުރާ ޕީޕީއެމުން ބޭނުންވެގެން، މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ނިންމީ ގާނޫނުއަސާސީއާ ޚިލާފަށް ކަން ކުރިން ވެސް އެނގޭ ކަމަށެވެ. މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިރޭ ބަސް އިއްވާފައިވާތީވެ، އެއާޚިލާފަށް އަމުރުކުރެވޭނެ އެއްވެސް މީހަކު އަދި މުއައްސަސާއެއް ނޯންނާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

"އަމުރުގައި އޮތީ ރައްޔިތުންގެ މަޖިލީހާއި ފުލުހުންނާއި ސިފައިން އަދި ދައުލަތުގެ އެންމެހާ މުއައްސަސާތައް ތަބާވުމަށް. އެހެންވެ އަޅުގަނޑު މި ގޮވާލަނީ މި އަަމުރަށް ފަރުވާކުޑަނުކޮށް، ތަންފީޒުކޮށްދެއްވާށޭ،" ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ވެސް، ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފުވުމުގެ ބާރެއް ގާނޫނުއަސާސީން ލިބިދީފައެއް ނުވެ އެވެ. އެހެންވެ އެމަނިކުފާނު ވެސް ހުންނަވަން ޖެހިވަޑައިގަންނަވާނީ ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.

ތިިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ، މެމްބަރުން މަޖިލީހަށް ވެންނެވުމަށް ހުރަސްއެޅުމުގެ ބާރަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށް ވެސް ނޯންނާނެ ކަަމަށެވެ. މެމްބަރުންނާ މެދު ކުރިން އަމަލުކުރެއްވި ގޮތަށް ދެން އަމަލެއް ނުކުރެއްވޭނެ ކަމުގެ އިންޒާރު މުސްތޮފާ ދެއްވެވި އެވެ.

"މަޖިލީހަށް ވެންނެވުމަށް އަދި ކޮމެޓީތަކުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

"މިތިބީ ހިކިފަސްތަނަކަށް އަރާ. އަޅުގަނޑުމެން ކަނޑުލީ ލައިފް ޖެކެޓެއް ވެސް ނުދީ. މަޖިލީހުގެ ރައީސަށާއި އަމީން އާންމަށް ގޮވާލަން އަޅުގަނޑުމެން ނުލައި އެއްވެސް ޖަލްސާއެއް ނުބޭއްވުމަށް."

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު ވިދާޅުވީ މެމްބަރުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން އިތުރަކަށް ދެން ހުރަހެއް ނޭޅޭނެ ކަމަށެވެ. މެމްބަރުންގެ ގާނޫނީ ވާޖިބު އަދާކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އޭނާ ވެސް ގޮވާލެއްވެވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވި ގޮތުގައި މަޖިލީހަށް ވެންނެވުމުގެ ފުރުސަތު 12 މެމްބަރުންނަށް ނުދެއްވީ އެއްވެސް ޝަރުތެއް އުނިވެގެންނެއް ނޫނެވެ. މެމްބަރުންނާ މެދު "އިހާނެތްތެރި" ގޮތްތަކެއް ހެދީ، ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވެގެން ކަމަށާއި އެކަންކަން އިސްލާހުކުރަން ތަކުރާރުކޮށް ރައީސަށް މެމްބަރުން ހުށަހެޅުއްވި ކަމަށް ވިދާޅުވި އެވެ.

"ދެހާސް ތޭރަ ވަނަ އަހަރު ގެނައި ރައީސަކީ އަޅުގަނޑުމެން އުންމީދު ކުރި ކަހަލަ ރައީސެއް ނޫން،" ލަތީފް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ވަނީ ތިން މައްސަލައެއްގައި މުހިންމު ތިން ނިންމުމެއް ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ އެކި ކުށްތަކުގައި ޖަލު ހުކުމާއި ހައްޔަރުކޮށްފައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލަން ކުރި އަމުރެވެ. އަނެއް އަމުރަކީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ 13 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމެވެ. އަދި އަނެއް ނިންމުމަކީ ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ނިންމި ނިންމުމެވެ.