01 ފެބުރުއަރީ 2018 - 23:57

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށާއި ސުޕްރީމް ކޯޓުގެ ހުއްދަ ނެތި އެއްވެސް ކޯޓަކަށް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވެސް އައްޔަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިރޭ ކަނޑައަޅައިފި އެވެ.
އިދިކޮޅު ހުރިހާ ލީޑަރުން މިނިވަން ކުރުމަށާއި ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ކުރި ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވާ ގޮތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކުރާ ކޮންމެ މަސައްކަތަކީ ގާނޫނު އަސާސީ އާއި ގާނޫނުގެ ބާރު ކެނޑުވުމުގެ އަމަލަށް ނޫނީ ނުވާނެ ކަމަށެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގެ ބާރު ޖޭއެސްސީއަށް ލިބިފައި އޮތަސް، އެ ކޮމިޝަންގެ އިހްތިސާސް ހިނގާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންގެ މައްޗަށް ކަމަށް އެ އަމުރުގައިވެ އެވެ.
އެހެންވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް މައްސަލައެއް ޖޭއެސްސީގައި އެޖެންޑާކޮށް، ބެލުމުގެ އިހްތިސާސް ޖޭއެސްސީއަށް ލިބިގެންނުވާ ކަމަށް އަމުރުގައިވެ އެވެ.
މީގެ އިތުރުން މިނިވަން ފަނޑިޔާރުގެއަށް ފަނޑިޔާރުން އައްޔަން ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަކީ އެއްވެސް ނުފޫޒު ނެތި، ސުޕްރީމް ކޯޓުން ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ނެތި އެއްވެސް ކޯޓަކަށް ފަނޑިޔާރުން ނުވަތަ އިސް ފަނޑިޔާރުން އައްޔަން ނުކުރަން އެ އަމުރުގައި އަންގާފައިވެ އެވެ.
އެ އަމުރުގައިވާ ގޮތުން އެ އަމުރަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން އަމަލު ކުރަން ޖެހޭޭނެެ އެވެ. އެ އަމުރާ ޚިލާފްވާ ނަމަ ކޮންމެ ފަރާތެއްގެ މައްސަލަ ވަކިވަކިން ބަލައި، ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް އެ އަމުރުގައި އަންގާފައިވެ އެވެ.