01 ފެބުރުއަރީ 2018 - 22:42

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން މިރޭ ކުއްލިއަކަށް ބާތިލްކޮށްފި އެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކުރީ މިދިޔަ ޖުލައި މަހު އެވެ. އެ ހުކުމް އެގޮތަށް ކުރީ އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު ސުޕްރީމް ކޯޓުގެ އެ ނިންމުން ދެމިއޮންނާނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގޮތުން މަޖިލިހުން ގާނޫނެއް ހަދަންދެން ކަމަށް ކަނޑައަޅާފައިވެ އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވާ ގޮތުން އެ ހުކުމް މިއަދުން ފެށިގެން ބާތިލްވީ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބުނީ އޭރު ކުރި ހުކުމަކީ ދައުލަތުން ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރެދިން ފަރުވާއެއް ކަމަށާއި އެ ހުކުމް އައި ފަހުން ހަ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ސަރުކާރުންނާއި މަޖިލީހުން އެ ހުކުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން ފާސްކުރަން ޖެހޭ ގާނޫނު ހެދުމެއް ނެތި، ބައެއް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ނުނިންމަނީސް، އެ ބޭފުޅުން މަޖިލީހަށް ވަންނަން އުޅުމަކީ ކުށެއް ކަމަށް ދެކިގެން ޖިނާއީ ތަހުގީގު ހިންގައި، ދައުވާ އުފުލާފައިވާ ކަން ވެސް އެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފަހަކަށް އައިސް ހިނގަމުންދާ ހަމަނުޖެހުންތަކަށް ބަލާއިރު، ރާއްޖޭގެ މަސްލަހަތު ގެއްލި، ދުސްތޫރީ ނިޒާމާ ދުރަށް ގެންދާ ކަން ވެސް މިރޭގެ ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އޭރު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި އެވެ. އެކަމަކު މިރޭގެ އެ އެ އަމުރާ އެކު، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ކަނޑައެޅުނީ އެވެ.
ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ މަޖިލިހުގެ އާ ދައުރުގެ ޖަލްސާތަކުގައި އެ މެމްބަރުންނަށް ބައިވެރިވެވެން ޖެހޭނެ ކަމަށެވެ.