01 ފެބުރުއަރީ 2018 - 22:34

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިރޭ ނިންމައިފި އެވެ.
ޕީޕީއެމްގައި ތިބުމަށް ފަހު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމީ އެ ބޭފުޅުން އިންތިޚާބުވި ޕާޓީން ވަކިވީ ކަމަށް ބުނެ އެވެ. މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.
އެކަމަކު ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އެ ކޯޓުން އޭރު ކުރި ހުކުމް މިއަދުން ފެށިގެން ބާތިލްވީ އެވެ. އެ ހުކުމުގެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އެހެންވެ، އެ ހުކުމް ކުރިއިރު މަޖިލީހުގައި ތިބި މެމްބަރުން ވެސް ބައިވެރިކޮށްގެން މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަން އެ އަމުރުގައި އަންގާފައިވެ އެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ މައްޗަށް ވަނީ މަޖިލީހަށް ވަތް މައްސަލާގައި ޖިނާއީ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ ދައުވާ އެ ބޭފުޅުންނަށް ކުރަނީ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުންނާ އެކު މަޖިލީހަށް ވަދެފައިވާތީ، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމަށް ފަހު 12 މެމްބަރުންގެ އިނާޔަތްތައް ވެސް އޮތީ ހުއްޓާލައިފަ އެވެ.