14 ޖުލައި 2016 - 05:38

(ޖުލައި 12 ގައި ޖެހި ބަޔާ ގުޅޭ)
އިންސާފުގެ ޗެމްބަރުގެ ވަކިން ހުރި ބައިގެ ދިގު މޭޒު ކައިރީގައި، ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން ތިން މީހުން ތިއްބެވެ. ބޭރު ބައިގައި ބަހައްޓާފައި ހުރި ގޮނޑީގައި އިބްރާހިމް އިނީ ފާޑަކަށް ނިދިފަ އެވެ. އެކަމަކު އިރުކޮޅަކުން އޭނާގެ ލޯ ހުޅުވޭނެކަން އެ މީހުންނަށް އެނގެ އެވެ.
ބޭރު ބައިގައި ތިބޭ އިރު އެތަނުގެ އެތެރެ ނުފެނުނަސް އެތެރޭގައި ތިބޭ މީހުންނަށް ބޭރު ރަނގަޅަށް، ހަމަ ސާފުކޮށް ފެނެ އެވެ. ގޮނޑީގެ ފުރަގަހަށް އިބްރާހިމްގެ ދެ އަތް ލައި ބަނުމުގެ އިތުރުން ފައި ވެސް ވަނީ ބަނދެފަ އެވެ. އޭނާގެ ކުރިމަތީގައި ހުރި މޭޒު މަތީގައި، ފެން އަޅާފައި ހުރި ބިއްލޫރި ތައްޓަކާއި ބައިންޑް ކޮށްފައި އޮތް، އޭނާއާ ބެހޭ ތަހުގީގީ ދިގު ރިޕޯޓް އޮތެވެ. ދެން މޭޒު ކައިރީގައި، އޭނާ އަށް ކުރިމަތިވާ ގޮތަށް ތިން ގޮނޑި އެވެ.
ކުރިއާ ޚިލާފަށް ފާތިރާއި ޒަވީން އަދި ނާވިޝް ލައިގެން ތިބީ ގަޔަށް ބާރު އެއްޗިއްސެއް ނޫނެވެ. އެމީހުންގެ އަތްދަށުވެ އެކަމަކު ޔާސިރާއި ޑރ. އަރުޝަދު ވަނީ ދޫކޮށްލައިފަ އެވެ. ތިން އެކުވެރިންގެ ހަށިގަނޑުގެ ބައްޓަން އެ ދެ މީހުންނަށް ސިފަކުރެވޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބައެއް މީހުން ދޫކުރަން ޖެހިދާނެތީ، ފާތިރުމެންގެ ސިފަ ކިރިޔާ ވެސް އެނގިދާނެ ކަހަލަ އެއްވެސް ފުރުސަތެއް ނުދޭން ނިންމީ އެވެ.
އިބްރާހިމާ ކުރިމަތިލާން އެމީހުން ތިބީ ކަޅު ކުލައިގެ ދޫ ޖުއްބާ ލައިގެންނެވެ. މޫނު ނިވާކޮށްފައި ވަނީ ކަޅު ކުލައިގެ ފޮތިން ހަދާފައިވާ މޫނުމައްޗަކުންނެވެ. ކުރިއެކޭ އެއްގޮތަށް އަތަށް ލައްވާފައި ވަނީ ކަޅު ކުލައިގެ އަންގި އެވެ. އަރާފައި ތިބީ ކަޅު ކުލައިގެ، ރަސްމީ އަދި އޮފްއަރާ ރީތި ބޫޓަށެވެ. ލޮލުގެ ކަޅީގެ އަސްލު ފޮރުވުމަށްޓަކައި ނޫ ކުލައިގެ މަސްނޫއީ ކަޅި ވަނީ ޖަހައިފަ އެވެ.
އިބްރާހިމަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. ފުސްކަމެވެ. ލޯ މަރާލި އެވެ. ބޭއިހުތިޔާރުގައި ދެ ފަރާތަށް މަޑުމަޑުން ބޯ ތަޅުވާލެވުނެވެ. ބޮލުގައި ކުޑަކުޑަ ރިހުމެއް ހުއްޓެވެ. ކަރުތެރޭގައި ހިތި ރަހައެއް ވެސް ލަ އެވެ. އަތް ބަނދެފައި ހުރިކަން ކުއްލިއަކަށް އެނގުނެވެ. ދެ ފައިގައި އައްސިކަމެއް ހުއްޓެވެ. އެކަމަކު ހަރަކާތެއް ގެެނެވޭވަރަށް ވުރެ އައްސާފައި ހުރިލެއް ބާރެވެ.
ސިހުން އައީ ދެނެވެ. އޭނާ ކުއްލިއަކަށް އިސް އުފުލައިލި އެވެ. ދެ ލޯ ބޮޑުކޮށްގެން ބަލަން ފެށި އެވެ. ވަށައިގެން ހުދު ކުލައިގެ ފާރެވެ. ތިރީގައި ހުދު ތަށިމުއްޓެވެ. ކުރިމަތީގައި ބިއްލޫރިން ހަދާފައިވާ ޕާޓިޝަނަކާއި ދޮރެއް ފެނުނެވެ. އެއް ފަރާތު ފާރުގައި، އެކި ވަރުގެ ނަރުކެޑި އާއި ކަޓަރާއި މަރުތޭލުގެ އިތުރުން، މަސައްކަތްތަކަށް ބޭނުންވާނެ ގިނަ އާލާތްތައް އަތުރާފައި ހުރި ބޯޑެއް ވެސް ލޮލުގައި އަޅައިގަތެވެ.
މިއީ ކޮން ތަނެއް ހެއްޔެވެ؟ އިބްރާހިމްގެ ހިތަށްއެރި އެވެ. އެކި ކޮޅުކޮޅަށް ކަޅި ހިންގަމުން ދިޔަ އިރު ސިކުނޑި އަށް އެންމެ ފަހުގެ މަންޒަރުތައް މަޑުމަޑުން އަރަން ފެށި އެވެ. ރެބޭކާއާ އެކު އޭނާ އެ ޓެކްސީގައި، ހުޅުލޭ ފެރީ ޓާމިނަލް ކައިރި އަށް މަޑުކުރި އެވެ. ރެބޭކާ ކާރުން ފައިބައި، ދޮރު ލެއްޕި އެވެ. ފެރީގެ ފަޅުވެރިޔަކާ، ހިނިތުންވެފައި ހުރެ ވާހަކަ ދެއްކި އެވެ. އިރުއިރުކޮޅުން އޭނާއާ ދިމާއަށް ވެސް ރެބޭކާ ބަލައިލަ އެވެ. ދެން އޭނާ އަށް ދުވަން ފެށީ ފާޑެއްގެ ވަހެކެވެ. އޭނާގެ ބޯ އެނބުރެން ފެށި އެވެ. ލޯ މެރުނެވެ. ރެބޭކާ އާއި ވަށައިގެންވާ ތަންތަން ފުސްވަމުން ދިޔަ އެވެ.
"އިންސާފުގެ ޗެމްބަރަށް މަރުހަބާ،" އެ ޚިޔާލުތަކުން އިބްރާހިމް ނެރުނީ މުޅި ތަނަށް ފެތުރުނު އެ އަޑުންނެވެ.
ބިއްލޫރި ޕާޓިޝަންގެ އެތެރެއިން ތިން މީހެއްގެ ހިޔަނި އޭނާ އަށް ފެނެ އެވެ. އެ މީހުން ތިބީ ކޮޅަށް، އޭނާއާ ދިމާއަށް ބަލަހައްޓައިގެންކަން ވެސް އެނގެ އެވެ. އޭނާ އެ އިނީ ބައެއްގެ އަތްދަށުގައި ތާށިވެފައިކަން ފުރަތަމަ ފަހަރަށް ކަށަވަރުވި އެވެ. އޭނާ އެ އިނީ ކިޑްނެޕްކޮށްފަ އެވެ. ސުވާލެއް ނެތެވެ.
ތިން މީހުން ހިނގައިގަތެވެ. ދޮރު ހުޅުވާލި އެވެ. ބޭރަށް ނުކުމެ، މަޑުމަޑުން އޭނާ ކައިރި އަށް އަންނަން ފެށި އެވެ. ކަޅު ކުލައިގެ އެކި އެއްޗެހިން ތިން މީހުންގެ މުޅި ހަށިގަނޑު ވަނީ ފޮރުވިފަ އެވެ.
އިބްރާހިމް ބިރުގަންނަން ފެށި އެވެ. އޭނާ ދެ ލޯ ބޮޑުކޮށްގެން ބަލަން އިނެވެ. ތިން މީހުން ހުއްޓުނީ އޭނާގެ ހަމަ ކުރިމައްޗަށެވެ. ދެން ތިން ގޮނޑީގައި އިށީނެވެ. މެދުގައި ފާތިރެވެ.
"ތިއީ ކޮން ބައެއް؟" ކުރެވޭނެ ކަމެއް ނެތަސް އިބްރާހިމް އެ ސުވާލުކުރި އެވެ.
"ކޮން ބައެއްކަން ނާންގަން ވެގެންތާ މި ގޮތަށް މިތިބީ،" ފާތިރު ބުންޏެވެ.
"ކޮން އެއްޗެއް ބޭނުންވެގެން ތި އުޅެނީ؟" އިބްރާހިމް އެހި އެވެ.
"އިންސާފު،" ފާތިރު ޖަވާބު ދިނެވެ.
"ކޮން...ކޮން އިންސާފެއް؟" ހައިރާންކަމާއި، މާޔޫސްކަމާއި، ބިރުވެރިކަމުގެ އިހުސާސްތަކުގެ ތެރޭގައި އިބްރާހިމަށް ބުނެވުނެވެ.
"ދިވެހި ރައްޔިތުންނަށް ދިން އަނިޔާގެ،" ފާތިރު ބުންޏެވެ.
"އަހަރެން ކޮން އަނިޔާއެއް ދިނީ؟ ކާކަށް؟ ކޮން އިރަކު؟" އިބްރާހިމް ސުވާލުތައް ކުރި އެވެ.
"ތި އޮތީ ކަލޭގެ ރިޕޯޓް. ކަލޭގެ އުނދަގުލާއި ދުއްޕާން ނުޖެހޭ ރައްޔިތަކު މި ގައުމަކު ނެތް،" މޭޒު މަތީގައި އޮތް ރިޕޯޓާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ފާތިރު ބުންޏެވެ.
އޭނާއާ އެހާ ހުތުރުކޮށް މީހަކު ވާހަކަ ދެއްކި ހަނދާނެއް ވެސް ނެތެވެ. އެކަމަކު މިއީ ވާހަކައިގެ ރާގާއި ބަސް މަގަށް ވިސްނޭނެ ވަގުތެއް ނޫނެވެ. އެހެންކަމުން އިބްރާހިމްގެ ނަޒަރު ހުއްޓުނީ އެ ރިޕޯޓަށެވެ. ބޭރުގަނޑުގައި ޖަހާފައި ވަނީ "ކޭސް ނަންބަރު 3: ނަލަ އިބްރާހިމްގެ އަނިޔާވެރި ނުފޫޒު" މިހެންނެވެ.
އޭނާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމެވެ.
"އަނިޔާ އަކީ ކަލޭ ގޮސް މީހެއްގެ ގައިގައި ތަޅައިގަތުމެއް ނޫން. އެކަމަކު ބުނަން، އެކަކު، ދެ މީހަކު، ކީއްކުރަން، 10 މީހުން މަރާލުމަށް ވުރެ ވެސް ކަލޭގެ އަނިޔާވެރިކަން މި ގައުމަށް ބޮޑު. ކަލޭގެ މުޅި ހަޔާތުގައި އޮތީ، ދިރިހުއްޓާ އެތައް ދިވެހިންނެއްގެ ހަޔާތް ފުނޑުފުނޑުކޮށްލުން. ފާފަ، ފާފަ. ދޮގެއްތަ؟" ފާތިރު ބުންޏެވެ.
"ރެބޭކާ އަކީ ކަލޭމެންގެ ރޭވުމެއް، އެހެންނު؟" ފާތިރުގެ ވާހަކަ އަށް އަޅާލުމެއް ނެތި އިބްރާހިމް ސުވާލު ކުރި އެވެ.
"އެއީ ރެބޭކާއެއް ނޫން، އެއީ ކަލޭ ކައިރީގައި އޭނާ ބުނި ނަން،" އިބްރާހިމްގެ ކުރިމައްޗަށް ގުދުވެފައި، ދެ ލޮލަށް ބަލައިލަމުން ފާތިރު ބުންޏެވެ.
"ކަލޭ ހީކުރީ ކަލެ އަށް ވުރެ ވިސްނުން ތޫނު މީހަކު ރާއްޖެއަކު ނެތޭ. ކަލެއަށް ވުރެ ނުފޫޒު ގަދަ މީހަކު ނެތޭ. ތެދެއް، ދިވެހި ފުލުހުންނަށް ކަލޭ ހައްޔަރެއް ނުކުރެވޭނެ. ހައްޔަރުކުރިޔަސް ފަނޑިޔާރުން ކަލޭ ދޫކުރާނެ. ރާއްޖޭގެ ވެރިންނަށް ވުރެ ކަލޭގެ ބާރު ގަދަ. އެކަމަކު މިހާރު ތިއިނީ އަންހެނެއްގެ ދަލުގައި ޖެހިފައި."
ފާތިރުގެ އެވާހަކަތަކަށް ދޭނެ ރައްދެއް އިބްރާހިމްގެ ނެތެވެ. އޭނާ ދިރިއުޅެމުން އައީ އެ ބުނި ސިފަތަކުގަ އެވެ. ދުވަހަކު ވެސް މިކަހަލަ ކަމަކާ ކުރިމަތިވެދާނެއޭ ހިތަށް ވެސް ނާރަ އެވެ. އޭނާގެ ފަހަތުން މިކަހަލަ ބަޔަކު ފާރަލަމުން ހިނގައިދާނެއޭ ވިސްނިފައެއް ވެސް ނެތެވެ. އޭނާ އުޅުނީ ރާއްޖޭގެ ރައީސުންނަށް ވުރެ މަތީގަ އެވެ. އެމީހުންނަކީ، ބައެއް ފަހަރަށް، އޭނާ ކުޅެން ގެންގުޅޭ ބުދުތަކެއް ފަދަ އެވެ.
ދިފާއުގައި ދައްކާނެ ވާހަކައެއް އިބްރާހިމްގެ ސިކުނޑިއަކަށް އަދިވެސް ނާދެ އެވެ. އެހެންކަމުން ފާތިރުމެންނާ ދިމާއަށް ބަލަހައްޓައިގެން ހަމަ އިނީ އެވެ.
މޭޒު މަތީގައި އޮތް ރިޕޯޓް ފާތިރު ނެގި އެވެ. ގަނޑުތަކެއް އެއްލުމަށް ފަހު، އިބްރާހިމްގެ ކުރިމަތީގައި ބާއްވައި، އޭނާއާ ދިމާއަށް އަނބުރާލި އެވެ. އިބްރާހިމް ބަލައިލި އެވެ. ޖަހާފައި އޮތީ "18 އަހަރުގެ ނާދިރާގެ ކަރުނަ" މިހެންނެވެ.
"މާލީ ގޮތުން ކަލޭ ހަލާކުުކުރި ދިވެހިންގެ ހަނދާންތައް އަދި ނުގެނެސް، މި ކުއްޖާއާ މެދު ވިސްނާލާ! ހަނދާން ވޭތަ އެއްވެސް އެއްޗެއް؟" އިބްރާހިމްގެ ދެ ލޮލަށް ބަލަހައްޓައިގެން އިނދެ ފާތިރު ސުވާލުކުރި އެވެ.
އެއީ އޭނާގެ ހަނދާނުން ދުވަހަކު ވެސް ފޮހެވޭނެ ނަމެއް ނޫނެވެ. އެއީ އޭނާގެ ދިރިއުޅުމަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތިކުރުވަން އުޅުނު ކުއްޖާ އެވެ.
"ކަލޭ ހީކުރީ ދެން ނާދިރާގެ އުނދަގޫ ކުރިމަތިނުވާނެ ކަމަށް، އެހެންނު. އެކަމަކު އަހަރެމެން މިތިބީ އެ އުނދަގޫ ޖައްސަން ތައްޔާރުވެގެން،" އިބްރާހިމް އެއްޗެކޭ ނުބުނެ އިނުމުން ފާތިރު ވާހަކަދެއްކި އެވެ.
އެއީ ތެދެކެވެ. އޭނާ ހީކުރީ ނާދިރާ ގެއްލުމާ އެކު ދެން އޭނާ ސަލާމަތްވީ ކަމަށެވެ. އޭނާގެ ހަނދާނުން ނާދިރާގެ ގުޅުންތައް ނުފޮހެވުނަސް، ގެއްލުމެއް ލިބޭނެ ކަމެއް ކުރާކަށް އެ ކުއްޖާ ނާންނާނެ ކަމެވެ.
ނާދިރާގެ ވާހަކާގައި އޮތީ އަސަރެވެ.
އެއް ދުވަހަކު އޭނާ އޮފީހަށް ވަތް އިރު ރިސެޕްޝަންގެ ގޮނޑިއެއްގައި އަންހެން ކުއްޖަކު އިނެވެ. އޭނާ ފެނުމާ އެކު ކުރިމައްޗަށް އަރާ، ސަލާންކޮށްލި އެވެ. ރިސެޕްޝަންގައި ތިބި މުވައްޒަފުން އެކަން ހުއްޓުވަން އުޅުނެވެ. އެކަމަކު އޭގެ ކުރިން އިވުނީ އޭނާގެ ނަން ބުނެ، އަދި އިބްރާހިމާ ބައްދަލުކޮށްފައި ނޫނީ އެތަނުން ނުނިކުންނާނަމޭ ބުނި އަޑެވެ. މުވައްޒަފުން ތިބެން ޖެހުނީ އަނގަ ހުޅުވިފަ އެވެ. އިބްރާހިމްގެ ގާތަށް އައީ ހިންޏެވެ. ދުވަހަކު ވެސް އޭނާގެ އޮފީހަށް ވަދެ، އެހާ ކެރިގެން އަންހެން ކުއްޖަކު ވާހަކަ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން އިބްރާހިމް ބުނީ "އަވަހަށް ހިނގާށޭ" އެވެ.
އޮފީސް ކޮޓަރީގައި ހުރި ބޮޑު ގޮނޑި ސެޓްގައި ނާދިރާ ބައިންދާފައި، އޭނާއާ ވަރަށް ކައިރީގައި އިބްރާހިމް އިށީނެވެ. ބޭނުމަކީ ކޮބައިތޯ ސުވާލުކުރި އެވެ. ނާދިރާ ބުނީ، އޭނާގެ އޭލެވެލް އަހަރު އަދި ފެށުނީ ކަމަށާއި ބޭނުންވަނީ އޭލެވެލް ނިމުމުން ޑޮކްޓަރުކަން ކިޔަވަން ބޭރަށް ފޮނުވާނެކަމުގެ ޔަގީންކަން އިބްރާހިމް ދިނުން ކަމަށެވެ. އިބްރާހިމް ގާތަށް ދެން ވެސް އައީ ހިންޏެވެ. ނާދިރާއާ ދިމާއަށް ރަނގަޅަށް ބަލައިލި އެވެ. އޭނާ އަށް ސިފަވެގެން އައީ އުމުރުން އެންމެ 16 އަހަރުގެ، މައުސޫމް އަންހެން ކުއްޖެއް ނޫނެވެ. އޭނާގެ ތަޖުރިބާކާރު ނަޒަރުގެ ތެރެއިން ސިކުނޑި އަށް ވެރިވެގަތީ، ރީތި، އަންހެންވަންތަކަމުގެ ލޯތްބެވެ. އެސްފިޔަތައް ދިގު، އުއްމީދުން ފުރިފައިވާ ފުން ލޮލުން ފެނުނީ ފިރިހެނުން ކަތިލާ ފަދަ އަސަރުތަކެވެ.
ނާދިރާ އަކީ ހދ. ނޭކުރެންދު އަށް އުފަން އެކަމަކު ބައްޕަ ނެތް ކުއްޖެކެވެ. ހަތަރު މަހުގައި މާމައާ ހަވާލުކޮށްފައި މަންމަ ދިޔަ ގޮތަށް އޭނާގެ ހަޔާތުން އެބައި އެ ނިމުނީ އެވެ. ރަށު ސްކޫލަށް ލައިގެން ގްރޭޑް އަށެއްގައި ކިޔަވަނިކޮށް، ހަމަ އެ އަހަރު ފުރަތަމަ މަރުވީ މާމަ އެވެ. ދެން ހަ މަސް ފަހުން ކާފަ އެވެ. އެހާ ހިސާބުން އޭނާ ގެންގުޅުނީ އަވަށްޓެރިއެކެވެ. އޯލެވެލްގެ ގަދަ 10 ގެ އެއް ވަނާގައި ހިމެނުނެވެ. އެއީ ރަށު ސްކޫލަށް އެ ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ރަށު ކައުންސިލުން ނިންމީ މާލެ އަށް ފޮނުވައިގެން، ކިޔަވައިދިނުމުގެ ހުރިހާ ހަރަދެއް ކައުންސިލުން ކުރާ ގޮތަށެވެ.
އެކަމަކު ނާދިރާގެ ވިސްނުން ހުރީ އެއަށް ވުރެ މާ ކުރީގަ އެވެ. އޭނާ އަކީ ކެރޭ، ފުރުސަތުގެ ބޭނުން ލަސްކުރުމެއް ނެތި ހިފާ ކުއްޖެކެވެ. އޭލެވެލްގެ އެއް ވަނަ ނުލިބޭނެކަން އޭނާ އަށް ޔަގީންވާ އޮތީ އެންމެ ސަބަބެކެވެ. ދިވެހި މާއްދާ އިން އޭ ލިބޭ ވަރަށް އޭނާ އަށް މަސައްކަތް ނުކުރެވޭނެ ކަމެވެ. އެކަން އެނގި ހުރެ އޭނާ ބޭނުންވީ މުއްސަންޖެއް ކައިރި އަށް ގޮސް، މާ ކުރިން ސްކޮލޮޝިޕެއް ކަށަވަރުކުރާށެވެ. އޭލެވެލް ނިންމައިގެން ދާންވާ އިރަށް މާ ގިނަ ކުދިން އެދިފައި އޮވެދާނެތީ ކުރިން އެކަން ވެސް ކޮށްލަން ނުކުތީ އެވެ.
އެ ވާހަކަތަކާ އިބްރާހިމް ގަޔާވި އެވެ. އޭނާ ހިތްހަމަޖެހުނެވެ. ޖަވާބަކީ ކޮބައިތޯ ނާދިރާ އެހެމުން އޭނާ ބުނީ "ބޭނުން ތަނަކުން، ބޭނުން ކޯހަކަށް ހަރަދުކޮށްދޭނެ" ކަމަށެވެ. ނާދިރާ އަށް ފުރަތަމަ އިނދެވުނީ ހޭން ވެސް ނޭނގިފަ އެވެ. ދެން ތެދުވެ، ބޮލުގައި ދެ އަތުން ހިފަހައްޓާލެވުނެވެ. ހިނިތުންވީ އޭގެ ފަހުންނެވެ. އިބްރާހިމާ ސަލާންކޮށްލަން އަތް ދިއްކޮށްލެވުނީ އެއަށް ފަހު އެވެ.
އެކަމަކު އިބްރާހިމްގެ އެދުން ބޮޑު ހިތުގައި ކުރެހެމުން ދިޔައީ އެހެން މަންޒަރެކެވެ. އޭނާ އެކި ދުވަސްދުވަހު ނާދިރާއާ އޮފީހުން ބައްދަލުކޮށް ހަދަން ފެށި އެވެ. އެ ކުއްޖާގެ ޅަ ސިކުނޑީގެ ތެރެއަށް ދެން ވަންނަމުން ދިޔައީ، ރާއްޖޭގެ އެ ބޮޑު މަހުޖަނުގެ، ނުފޫޒުތަކެވެ. ދެން އައީ ބަންދު ދުވަސްދުވަހު ރިސޯޓަށް ގެންދިއުމުގެ ސިލްސިލާ އެވެ. ކައިރިވަމުން، އޮޅެމުން، އޮޅުވާލަމުން، މަޅީގައި ޖެހެމުން، މި ހުރިހާ ކަމެއް، ނާދިރާގެ ހަޔާތުން ފެނުނެވެ. އޭގެ ކުރިން އެ ދިރިއުޅުމުގައި ކިލަނބުކަމެއް ނެތެވެ. ކިލަނބުކުރާނެ މީހަކު ވެސް ނެތެވެ.
އެއްކޮޅުން ކިޔަވަމުން ދިޔަ އިރު އަނެއްކޮޅުން، އޭނާގެ ކާފަގެ އުމުރުގެ މީހެއްގެ ލޯބީގައި އޮތީ، އެނގިގެންނާއި ނޭނގި ނަމަވެސް ބެދިފަ އެވެ. ސަލާމަތްވާނެ ގޮތެއް ނޭނގިފަ އެވެ.
އިބްރާހިމަށް ދިމާވި މައްސަލަ އަކީ ނާދިރާގެ މިޒާޖެވެ. އޭނާ އަކީ ގޮތުގައި ހިފަހައްޓާ ކުއްޖެކެވެ. އެހެންކަމުން ބަލިވެއިންކަން އެނގުމާ އެކު އެވާހަކަ ފުރަތަމަ ވެސް ބުނީ އިބްރާހިމްގެ ޚާއްސަ ގޭގެ ދެ ވަނަ ބުރީގައި ހުރި އިބްރާހިމްގެ ބޮޑު ކޮޓަރީގައި، އިބްރާހިމްގެ ކުރިމަތީގަ އެވެ. އިބްރާހިމްގެ މޫނާއި މޫނު ޖެހޭހާ ކައިރީގައި، އޭނާގެ ރީތި، އަސަރު ގަދަ ދެ ލޮލުން ބަލަހައްޓައިގެން ހުރެ އެވެ. އިބްރާހިމަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއީ އެ އުމުރުގައި އޭނާ އުއްމީދުކުރި، އޭނާ ބޭނުންވި ހަބަރެއް ނޫނެވެ. "ތިއީ އަހަންނާ ބެހޭ ކަމެއް ނޫނޭ" ބުނެ، އިބްރާހިމަށް ހިނގައިގަނެވުނީ ފާހާނާއާ ދިމާއަށެވެ. ނާދިރާގެ ތުންފަތް މައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އެކަމަކު ދެން ހަދަންވާ ގޮތް ވެސް އޭނާ އަށް ވިސްނުނެވެ.
އިބްރާހިމް ފާހާނާ އަށް ވަދެ، ދޮރު ތަޅުލި އަޑު އިވުނެވެ. އިރުކޮޅަކުން ފެންމާގަނޑު ދޫކޮށްލި އަޑު ވެސް އިވުނެވެ. ނާދިރާ ބޭނުންވީ އެކަހަލަ ދަނޑިވަޅެއްގައި ގިނަ އަންހެނުން ހަދާ ގޮތަށް ފަހަތުން ގޮސް ދޮރުގައި ތަޅައިގަނެ، "މިއީ ކަލޭގެ ދަރިއެކޭ، މިއީ ހަމަ ކަލޭގެ ދަރިއެކޭ" ބުނެ އާދޭސްކުރާކަށެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ ނަޒަރު ހުއްޓުނީ ބޮޑު އަލަމާރި އަށެވެ. އެ އަލަމާރީގެ އެއް ވަތްގަނޑުގައި، ހުސް ސަތޭކަ ޑޮލަރުގެ ބޮޑިތައް ހުންނަކަން އޭނާ އަށް އެނގެ އެވެ. އޭނާގެ އަތްދަބަހަށް އެތަނުން ހަތަރު ބޮޑި ލުމަށް ފަހު، މަޑުމަޑުން ދޮރު ލައްޕާލާފައި ނުކުމެގެން ދިޔައީ އެވެ.
ނާދިރާ ރާއްޖެ ދޫކޮށް، އިންޑިއާގެ ބެންގަލޫރަށް ދިޔަ ކަން އިބްރާހިމަށް އެނގުނީ އެރެ އެވެ. ބޮޑު އަގުގައި ޑޮލަރު ގަންނަން ކުއްލި ކުއްލިއަށް އަންނަ މީހުންނަށް ދޭން، ތިޖޫރި ނުހުޅުވާ ސަންޖޭ އަތުޖެހޭ ގޮތަށް ބަހައްޓާފައި ހުރި، ޑޮލަރުތަކުގެ ހާލަތު ބެލުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އޭނާ ނިންމީ ނާދިރާ އެނބުރި އަންނާނީ ބަނޑު ދޮވެގެން ކަމަށެވެ.
ނަމަވެސް މަހެއްހާ ދުވަސް ފަހުން އޭނާ އަށް ގުޅާފައި ނާދިރާ ބުނީ މުޅިން އެހެން ވާހަކައެކެވެ. އޭނާގެ އީމެއިލަށް އައިސް އޮތީ މުޅިން އެހެން ކަހަލަ އީމެއިލެކެވެ. އެއީ އެހާ ތަނަށް އޭނާ ޖެހިލުންވި އެންމެ ބޮޑު އިންޒާރެވެ. (ހަތަރު ވަނަ ބައި އަންނަ ހޯމަދުވަހު)