ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަހުލޫފް ފުލުހަށް ހާޒިރުވާން އަންގައިފި
ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މަހުލޫފް ފުލުހަށް ހާޒިރުވާން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ޓްވިޓާގައި ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އޭނާ ފުލުސް އޮފީހަށް ހާޒިރުވުމަށް މިއަދު އަންގައިފި އެވެ.

ފުލުހުން މިއަދު މަހުލޫފަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު ޑީމޯޓު ކުރުމާ ގުޅޭގޮތުން، މިދިޔަ ޑިސެމްބަރު މަހު ޓްވިޓާގައި މަހްލޫފު ފުލުސް އޮފީހަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭގޮތުން ސުވާލުކޮށް ބަޔާން ނެގުމަށް އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 1:30ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އެ ޗިޓުގައި އަންގާފައި ވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ތިން ވަނަ ދުވަހު މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޖަމްޝީދު ޑީމޯޓް ކުރަން ނިންމީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޒަހަރު ދީގެން މަރާލަން އެންގުމުން އެކަމާ ނޫޅެ އެ މެސެޖް އަދީބަށް ރައްދުކުރުމަށް މަަސައްކަތް ކުރެއްވުމުން ކަމަށް އަޑު އިވިވަޑައިގެންފައިވާ ކަމަށެވެ އަދި ޑީމޯޝަން މަޑުޖައްސާފައި އޮތީ އޯޑިއޯއެއް ޖަމްޝީދު އަތުގައި އޮތުމުން ކަމަށާއި އެހެންވެ، އެކަން ސާފުކޮށްދިނުމަށް، ފުލުހުން ޓެގްކޮށް މަހުލޫފް ޓްވީޓް ކުރައްވާފައިވެ އެވެ.

ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމާ ގުޅިގެން ވަރަށް ގިނަ ދުވަހު ސްރީ ލަންކާގައި ހުންނެވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވި މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފި ކަމަށާއި ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފަށް ސަލާމް ފޮނުއްވާ ކަމަށެވެ.

މަހްލޫފް، މީގެ ހަތަރު މަސް ކުރިން ލަންކާ އަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް ވެންނެވުމަށް ސިފައިން ހުރަސްއެޅި މައްސަލާގައި އުފެދުނު ހަމަނުޖެހުމާގުޅިގެން، ބައެއް މެމްބަރުންގެ މައްޗަށް ތަހުގީގު ހިންގަން ފެށުމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި 31، ގައި މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގި ކަމަށް މަހްލޫފާއި އިތުރު މެމްބަރުންތަކެއްގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.