01 ފެބުރުއަރީ 2018 - 20:10

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯ އިން ހުޅުމާލޭގައި 15 ބުރީގެ ރެޒިޑެންޝަލް ދެ ޓަވަރު އިމާރާތްކުރަން ގާތްގަނޑަކަށް 540 މިލިއަން ރުފިޔާ އަށް ބޭރު ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިފި އެވެ.

ހޮންކޮންގް ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިއަދު، މި ޓަވަރުތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރަސްމިއްޔާތަށް ފަހު ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު "މިހާރު" އަށް ވިދާޅުވީ، މި މަސައްކަތުގެ އަގަކީ 35 މިލިޔަން ޑޮލަރު (539.7 މިލިއަން ރުފިޔާ) ކަމަށާއި އޭގެ ތެރެއިން 30 ޕަސެންޓް ފައިނޭންސް ކުރާނީ ރޯޓައިމް އިންޖިނިއަރިން އިން ކަމަށެވެ. އަދި 15 ޕަސެންޓް މުވައްޒަފުން ފައިނޭންސް ކުރާއިރު، ބާކީ ބައި ފައިނޭންސް ކުރާނީ "އެންޑް ޔޫޒާސް" އިން ކަމަށް ވިދާޅުވި އެވެ.

"ބޭންކް ފައިނޭންސް ހަމަޖެހޭނީ އާންމުކޮށް 20 ޕަސެންޓް އެންޑް ޔޫޒާ ކޮންޓްރިބިއުޓް ކޮށްގެން. ސްޓެލްކޯ ސްޓާފުންނަކީ ސްޓެލްކޯ ސްޓާފުން ކަމުގައި ވަނީނަމަ އެމީހުންނަށް ލޯންގް ޓާމަށް ބެހިގެން ވިޔަސް އަދި އެ ހަމަޖެހޭ އުސޫލެއްގެ ތެރެއިން ކޮންޓްރިބިއުޓް ކުރާކަށް އުނދަގުލެއް ނުވާނެ. އެއީ އަޅުގަނޑުމެން މި ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތަކީ. އަޅުގަނޑުމެން މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެހެން މީހުން ޕްރޮޖެކްޓްތައް ގެންދާގޮތަކަށެއް ނޫން،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޯޓައިމް އިންޖިނިއަރިން އިން ފައިނޭންސް ކުރާ 30 ޕަސެންޓް ދާނީ މަޑުމަޑުން އެ ފަރާތަށް ދައްކަމުން ކަމަށެވެ. އަދި ރޯޓައިމް އިންޖިނިއަރިން އިން ފައިނޭންސް ކުރަނީ، އަނބުރާ ދައްކާއިރު އިންޓަރެސްޓް އަރާ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯ އިން އަޅާ ދެ ޓަވަރަކީ އެހެން ކުންފުނިތަކުން އަޅާ ޓަވަރުތަކަށް ވުރެ ބޮޑު ދެ ޓަވަރު ކަމަށެވެ. އެގޮތުން ކޮންމެ ޓަވަރެއް ވެސް އަޅާނީ 20،000 އަކަފޫޓުގެ ބިމެއްގައި ކަމަށް ވިދާޅުވި އެވެ. އަދި ޓަވަރުތަކުގައި ހުންނާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ތަންތަނުން މި އަޅަނީ 10،000 އަކަފޫޓުގަ، އަޅުގަނޑުމެން މި އަޅަނީ ވަރަށް ބޮޑު ދެ ޓަވަރު. ގާތްގަނޑަކަށް 380 ވަރަކަށް އެޕާޓްމަންޓް ހުންނާނެ. ތިރީ ދެ ފްލޯ އަކީ ޕާކިން،" ޒުހޫރު ވިދާޅުވި އެވެ.
ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޒުހޫރު ވިދާޅުވީ، ކޮންޓްރެކްޓުގައި ކަނޑަައެޅިފައިވަނީ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށެވެ. ނަމަވެސް އޭގެ ކުރިން މަސައްކަތް ނިންމާ ހަވާލު ކުރާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފްލެޓްތައް ވިއްކާނީ ފައިދާ ލުމެއް ނެތި "އެޓް ކޯސްޓް"ގައި ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ސައީދު ވިދާޅުވީ، ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހިން، ގިނަ ޓަވަރުތަކެއްގެ މަސައްކަތްތައް ފެށިގެން ބާރު ސްޕީޑުގައި ކުރިއަށްދާ ތަން ފެންނާނެ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ކަމަށާއި، ސަރުކާރުން މައްސަލަތައް ހައްލު ކުރަމުން އަންނަ މަންޒަރު މިހާރު އެންމެންނަށް ވެސް ފެންނާނެ ކަމަށެވެ.
"ސޯޅަ ވަރަކަށް ހާސް ފްލެޓް އެއްފަހަރާ އެޅި ޒަމާނެއް ދިވެހި ތާރީހުގައި ވެސް، ފަހުން ވިޔަސް އަދި އޭގެ މާ ކުރިން ވިޔަސް ވިސްނާ ވިސްނާ ވެސް އަޅުގަނޑުމެންގެ ހިތަކަށް ނާންނާނެ މިއަދު، މިހާރު ނޫނިއްޔާ. މިހާރު ފައިސާ ދޭނެ ބޭންކްތައް ގިނަ ވެއްޖެ. މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ގިނަވެއްޖެ،" ކުރީގެ ސަރުކާރުތަކަށް ފާޑު ކިޔަމުން ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ތަރައްގީ ގެންދިޔައީ ފިނިހަކަ ދުވެލީގައި ކަމަށާއި، އެ ސަރުކާރުތަކަށް ފައިސާ ހޯދައިގެން ބާރު ސްޕީޑުގައި ގައުމު ތަރައްގީ ކުރަން ނޭންގުނު ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންނަމުން ދަނީ "ޑަބަލް ޑިވެލޮޕްމަންޓެއް" ކަމަށް ވެސް ވިދާޅުވި އެވެ.
ދާދިފަހުން ވަނީ ހިޔާ ޕްރޮގްރާމްގެ ދަށުން އެމްޕީއެލް އިން އަޅާ 14 ބުރީގެ ތިން ޓަވަރުގެ މަސައްކަތް ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކޮށް، އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ. އެމްޕީއެލް އިން ބުނީ އެ މަސައްކަތް ޑަބްލިއު އެންޑް އޭ އޯވަސީސްއާ ހަވާލުކުރީ 500 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އަގެއްގައި ކަމަށެވެ.