ޝަރީއަތް ނިމެންދެން ނަޖުމާ ގޭ ބަންދަށް
ޝަރީއަތް ނިމެންދެން ނަޖުމާ ގޭ ބަންދަށް

ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ނަޖުމާ އިބްރާހީމް، ޝަރީއަތް ނިމެންދެން ގޭގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މީގެ ކުޑައިރުކޮޅެއް ކުރިން އަމުރުކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ ރޭ ހައްޔަރުކުރުމަށް ފަހު، އޭނާއަކީ އަށް މަހުގެ ތުއްތު ކުއްޖަކަށް ގާތުން ކިރުދޭން ޖެހޭ މީހަކަށް ވާތީ ފުލުހުން ރޭ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އަމުރު ކުރީ ޝަރީއަތް ނިމެންދެން ނަޖުމާ ގޭބަންދުގައި ބެހެއްޓުމަށެވެ.

ފުލުހުން ރޭ ވަނީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އާއިލާގެ ބައެެއް ބޭފުޅުން އުޅުއްވާ އެންދެރިގަސް ވެސް ފާސްކޮށް، އެ ގޭގައި ގެންގުޅޭ ބިދޭސީ ޑްރައިވަރަކު ހައްޔަރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން އަމުރުކުރީ ޑްރައިވަރުގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތުގައި ދެން ހައްޔަރުކުރި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ ބަންދާ ގުޅޭގޮތުން އަދި ގޮތެއް ނުނިމެ އެވެ.