01 ފެބުރުއަރީ 2018 - 16:48

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތާ ގުޅިގެން، އޭނާހެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ޝަކުވާއެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް އަށް ކުރާ ރިޝްވަތުގެ ދައުވާއާގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތާ ގުޅިގެން ފާރިސް ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާގެ ޝަކުވާތައް ބެލެނިވެރި ކަމުގެ އިހްތިސާސްގެ ދަށުން ބަލައި، ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ދިނުމަށެވެ. އަދި އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ފާރިސްގެ ޝަރީއަތް މަޑުޖައްސާލަން ރިޓް އޮފް ޕްރޮހިބިޝަނެއް ނެރެ ދިނުމަށް ވެސް ފަރާތުން އެދިފައިވެ އެވެ.
އެ މައްސަލާގައި ފާރިސްގެ ފަރާތުން ވަނީ ހަތް ނުކުތާއެއް ފާހަގަކޮށް، ޝަރީއަތް ކުރިއަށް ގެންދަނީ މަތީ ކޯޓުތަކުގެ ނިންމުން ތަކަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނާ ޚިލާފަށް އަދި ފާރިސްގެ ހައްގު ގެއްލޭ ގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ.
ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ޝަކުވާ ހުށަހެޅިއިރު އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމި، މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގަ އެވެ.
އެ މައްސަލާގައި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އޭނާ މިނިވަން ކުރި ނަމަވެސް، އެހެން ތުހުމަތެއްގައި އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ފާރިސްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.