02 ފެބުރުއަރީ 2018 - 10:36

މަތިންދާބޯޓެއްގެ ފާޚާނާއެއް ރަނގަޅުކުރަން ކިތައް ޕްލަމަރުން ބޭނުންވާނެ ހެއްޔެވެ؟ އޮސްލޯ އިން މިއުނިކަށް ދަތުރުކުރި ނޯވޭގެ ފްލައިޓެއްގައި 85 ޕްލަމަރުން ތިބި ނަމަވެސް ފާޚާނާގައި ޖެހުނު މައްސަލައެއް ރަނގަޅު ނުކުރެވިގެން ވަނީ ޖައްސަން ޖެހިފަ އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު މި ފްލައިޓަށް ސްވިޑްންގެ ބޯޑަރާ ހަމައަށް ދެވުނުތަނާ ފާޚާނާތަކުގައި މައްސަލަ ޖެހިފައި ހުރިކަން އެނގުނެވެ. އެހިސާބުގައި ހަތަރު ބުރު އަޅައި ބޯޓުގައި ހުރި ތެޔޮ ވަކި ވަރަކަށް ހުސްކުރުމަށްފަހު އޮސްލޯއަށް އަނބުރާ ޖެއްސީ އެވެ.
މިކަން މާ މަޖާ ކަމަކަށް ވީ ފްލައިޓްގައި ތިބި ފަސިންޖަރުންގެ ތެރެއިން 85 މީހުންނަކީ ކުންފުންޏެއްގެ ޕްލަމަރުންގެ ވަޒީފާގައި އުޅޭ މީހުންނަށް ވާތީ އެވެ. އެ ކުންފުނީގެ ސީއީއޯ ފްރޭންކް އޯލްސެން ބުނީ ބޯޓުގައި ފާޚާނާތައް ރަނގަޅުކުރަން އެމީހުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ކުރެވެން އަންނަނީ ބޭރަށް ނުކުމެގެން ކަމަށް ވާތީ ކާމިޔާބުނުވީ ކަމަށް ބުންޏެވެ.
"އަހަންނަށް ފާޚާނާއެއް ރަނގަޅުކޮށްލާކަށް އެއްވެސް ކަމެއް ނޫން. ނަމަވެސް 10،000 މީޓަރު މަތީގައި އޮތް ބޯޓަކުން ބޭރަށް ޕްލަމަރެއް ފޮނުވަން ނުކެރުނީ،" އޭނާ ބުންޏެވެ.
"ބޯޓުތެރޭގައި ތިބި އެންމެން އެކަމާ ވަރަށް މަޖާވެގެން ވާހަކަ ދެއްކި. ފާާޚާނާތައް ހަލާކުވިއިރު ވެސް މިވީ ކޮން ފަދަ ގޮތަކަށް،" އޭނާ ބުންޏެވެ.
ބޯޓު ޖެއްސުމާއެކު ޓެކްނީޝަނުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފާޚާނާތައް ރަނގަޅުކޮށްފަ އެވެ. އަދި އެ ދުވަހުގެ މެންދުރު 12 ޖެހިއިރު ބޯޓު ވަނީ ދަތުރު ފުރިހަމަކޮށްފަ އެވެ.