ސައުދީގެ ޕާސްޕޯޓް އޮފީހުގެ ވަޒީފާ އަށް އެއް ލައްކަ އަންހެނުން
ސައުދީގެ ޕާސްޕޯޓް އޮފީހުގެ ވަޒީފާ އަށް އެއް ލައްކަ އަންހެނުން

ރިޔާޒް (ފެބްރުއަރީ 1) - ސައުދީ ޕާސްޕޯޓް އޮފީހުން ހުސްވި 140 ވަޒީފާ އަށް ހަފުތާއެއްގެ ތެރޭގައި 107،000 އަހްނެހުން ކުރިމަތިލާފައިވާ ކަމަށް ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ޕާސްޕޯޓްސް ވިދާޅުވެއްޖެ އެވެ.

ޕާސްޕޯޓް އޮފީހުން ހުސްވި ވަޒީފާތަކަށް ނަގާ މީހުން މަސައްކަތް ކުރަން ޖެހޭނީ ސައުދީ އެއާޕޯޓްތަކާއި ކަނޑުގެ ބަނދަރުތަކާ އަދި އެއްގަމުން ސައުދީ އަށް ވަންނަ ސަރަހައްދުތަކުގަ އެވެ. އެ ވަޒީފާތައް އަންހެނުންނަށް ޚާއްސަކޮށްފައިވާ އިރު މައިގަނޑު ޝަރުތަކަކީ ހައި ސްކޫލް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ ސެޓްފިކެޓެއް އޮތުމެވެ.

ޑައިރެކްޓަރޭޓް އޮފީހުން ބުނީ އެހާ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކަށް ކުރިމަތިލުމުން ހައިރާންވި ކަމަށެވެ. އޮފިޝަލުން ބުނީ ހުރިހާ އެޕްލިކޭޝަންތަކެއް ވެސް ބަލާ ޝަރުތު ހަމަވާ މީހުން ކަނޑައަޅާނެ ކަމަށެވެ. ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ އިތުރު ޝަރުތުތަކުގެ ތެރޭގައި ސައުދީގައި އުފަންވެ އެ ގައުމުގައި ދިރިއުޅޭ މީހަކަށް ވާން ޖެހޭނެ އެވެ. ވަޒީފާ އަށް ކުރިމަތިލެވޭނީ 25-35 އަހަރާ ދެމެދުގެ އަންހެނުންނަށެވެ.