01 ފެބުރުއަރީ 2018 - 13:19

ލަންޑަން (ފެބްރުއަރީ 1) – ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ކުޅުނީ ހަގީގީ ސެންޓަ ފޯވާޑެއް ކުޅޭ ގޮތަށް ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ފާޑުކިޔައިފި އެވެ.
ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް އަތުން 2-0 އިން ޓޮޓެންހަމް މޮޅުވި މެޗުގައި ކޭން މޮޅު ކުޅުމެއް ދެއްކިއިރު ލުކާކޫ އަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާގެ ފަރާތުން ފެނުނީ ކަންނެތް ކުޅުމެކެވެ.
"އަހަރެން ދެކޭ ގޮތުގައި ކޭން މިއަދު އެ ދައްކައިދިނީ އޭނާ އަކީ ލީގުގެ އެންމެ މޮޅު ފޯވާޑަށް ވަނީ ކީއްވެގެންކަން. އަދި ޔޫރަޕުގެ އެންމެ މޮޅު އެއް ފޯވާޑުކަން ވެސް ސަބަބަކީ އޭނާ މި މެޗުގައި ޔުނައިޓެޑުގެ ޑިފެންޑަރުންނަށް އުނދަގޫކޮށްލި،" ފާޑިނަންޑް ބުންޏެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ބުނީ ޔުނައިޓެޑުގެ ޑިފެންޑަރުންގެ މައްޗަށް ފިޒިކަލީ ޑޮމިނޭޓްކޮށް އެހެން ކުޅުންތެރިންނަށް ކުޅުމުގެ ތެރެއަށް ވަންނަން ކޭން ފުރުސަތު ދިން ކަމަށެވެ. އަދި ދެ ކުޅުންތެރިންގެ މެދުގައި ހުރި ތަފާތު ވަރަށް ބޮޑަށް މި މެޗުގައި ފެނުނު ކަމަށް އޭނާ ބުންޏެވެ.
ކޭން ގެންދިއުމަށް ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން މަސައްކަތްކުރާ ކަމަށްވެ އެވެ. ޔުނައިޓެޑުން މި ސީޒަނުގައި ބޮޑު އަގަކަށް އެވަޓަން އިން ގެނައި ލުކާކޫ އަކީ ކުރިން ވެސް ބޮޑެތި މެޗުތަކުގައި ދަށްކަމަށް ގިނަ ބަޔަކު ފާހަގަކުރާ ކުޅުންތެރިޔެކެވެ.