15 ޖުލައި 2016 - 06:03

ސެމްސަންގުން މިހާތަނަށް އުފެއްދި އެންމެ އުމުރު ދިގު ފޯނަށް "ގެލަކްސީ އެސް7 އެކްޓިވް" ވާނެ ކަމަށް ބުނެ މާކެޓްކުރި ނަމަވެސް، އެއީ "ވޯޓާ ރެސިސްޓޭންޓް" ފޯނެއް ނޫންކަން ސާބިތުވެއްޖެ އެވެ. އެކަން ކަށަވަރުކުރުމަށް "ކޮންޒިއުމާ ރިޕޯޓްސް"ގެ ޓެކްނީޝަނުން ކުރި ކުރި ޓެސްޓްތަކުން އެ ފޯނު ވަނީ ފެއިލްވެފަ އެވެ.
ސެމްސަންގުން ގެލަކްސީ އެސް7 އެކްޓިވް މާކެޓްކުރަނީ އެއީ "ވޯޓާ ރެސިސްޓޭންޓް" ފޯނެއް ކަމަށް ބުނެގެންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި 30 މިނެޓް ވަންދެން ފަސް ފޫޓު އަޑީގައި ގެލަކްސީ އެސް7 އެކްޓިވް އޮތް ނަމަވެސް، ފެނެއް ނުވަންނާނެ އެވެ.
"ވޯޓާ ރެސިސްޓޭންޓް" ޑިވައިސްތައް އެކި ކުންފުނިން ދަރަޖަކުރަނީ އެކި ގޮތަށެވެ. "ވޯޓާ ރެސިސްޓޭންޓް" ޓެސްޓް ހަދަނީ އެ ޑިވައިސްއެއް ވަކި ފުން މިނެއްގައި، ވަކި ޕްރެޝާއެއްގައި އަދި ވަކިއިރެއް ވަންދެން ބާއްވައިގެންނެވެ. އެ ޑިވައިސްއެއް އުފައްދާ ކުންފުންޏަކުން އެ ޑިވައިސްއެއް "ވޯޓާ ރެސިސްޓޭންޓް" ވާނެ މިންގަނޑު ކަނޑައަޅަ އެވެ.
ގެލަކްސީ އެސް7 އެކްޓިވް "ވޯޓާ ރެސިސްޓޭންޓް" ވާނެ ކަމަށް ސެމްސަންގުން ބުނި މިންގަޑަށް ފައްތައި ކުރި ޓެސްޓުން ދެ ފޯނެއް ވަނީ ހަލާކުވެފަ އެވެ. ޑިސްޕްލޭއަށައި ކެމެރާ ލެންސަން ވެސް ވަނީ ފެން ވަދެފަ އެވެ.
އެ ކަމާ ގުޅޭ ގޮތުން ސެމްސަންގުން ބުނީ ފެކްޓަރީގައި ބައިތައް ރޭވުމުގައި ބަލިކަށިކަމެއް ބައެއް ފޯނުތަކަށް ދިމާވެފައި ހުރެދާނެ ކަމަށެވެ. އެ މީހުން އެކަން އިތުރަށް ބަލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގެލަކްސީ އެސް7 އެކްޓިވް އަކީ، ކޮންޒިއުމާ ރިޕޯޓުން، ބުނާ ގޮތުގައި މިންގަނޑަށް ނުފެތޭ ފޯނެކެވެ. ސެމްސަންގުން ބުނާ ދެމެހެއްޓެނިވި ސިފަ އެ ފޯނުގައި ނެތް ކަމަށް ވެސް ކޮންޒިއުމާ ރިޕޯޓްސްގެ ޓެކްނީޝަނުން ބުނެ އެވެ.