ބައިވަރު ދަރިން ބޭނުން، އެކަމަކު ކައިވެނިކުރާނެ މީހަކު ނޭނގެ: ޕްރިޔަންކާ
ބައިވަރު ދަރިން ބޭނުން، އެކަމަކު ކައިވެނިކުރާނެ މީހަކު ނޭނގެ: ޕްރިޔަންކާ

ބައިވަރު ދަރިން ހޯދަން ބޭނުންވާ ކަމަށާއި އެކަމަކު ކައިވެނިކުރާނެ މީހަކު އަދިވެސް ނޭނގޭ ކަމަށް ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.

"އެގޮތަށް މިންވަރު ކުރައްވައިފިއްޔާ އަހަރެން ވަރަށް ބައިވަރު ދަރިން ބޭނުން. އެކަމަކު އަހަންނަކަށް ނޭނގެ އަހަރެން ކައިވެނި ކުރާނެ މީހެއް،" ޕްރިޔަންކާ ބުންޏެވެ.

މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނި ގޮތުގައި އެމީހުން ދިރިއުޅެނީ 21 ވަނަ ގަރުނުގައި ކަމަށް ވާތީ މާ އަވަސް އަރުވާލައިގެން ކުދިން ހޯދުމުގެ ޕްރެޝަރެއް އޭނާއަކަށް ނެތެވެ. އަދި އާއިލާއިން ވެސް އެފަދަ ޕްރެޝަރެއް ނެތް ކަމަށް ބުންޏެވެ.

"ޕްރެޝަރަށް ވެއްޓިގެން އަވަސް އަރުވާލައިގެން ގޯހެއް ހެދުމަށް ވުރެ އަހަންނާ އެކަށީގެންވާ ރަނގަޅު މީހަކާ އެކުު ދިރިއުޅުމެއް އުޅެވުނިއްޔާ އަހަންނަށް މާ ރަނގަޅު،" ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާގެ އުމުރުން މިހާރު 35 އަަހަރު ވެފައި ވިޔަސް މިޒަމާނުގައި 45 އަހަރުވެފައި ތިބޭ މީހުންނަށް ވެސް ދަރިން ލިބޭތީ އޭނާގެ ވާހަކައިގެ މަގްސަދަކީ ކައިވެނިކުރަން އަދި ލަސް ނުވާކަން ހާމަކުރުން ކަމަށް ބެލެވެ އެވެ.

ޕްރިޔަންކާ އާއި ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުންނާ އަޅުވާ ކިޔާފައި ވިޔަސް އޭނާ އަކީ އެއްގޮތަކަށް ވެސް އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާގައި ދައްކާ މީހެއް ނޫނެވެ. ޕްރިޔަންކާ އޭނާގެ ޒާތީ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުން ގެންގުޅެނީ މުޅިން ވަކިންނެވެ. ރައްޓެހިވާ މީހުންނާއި ރުޅިވާ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާ ހާމައެއް ނުކުރެ އެވެ. އަދި މީހަކާ ރައްޓެހިވެގެން އުޅުނަސް ބޭރު ތެރޭން ވެސް އެއްގޮތަކަށް ވެސް އެމީހަކާ އެކު ނުފެނެ އެވެ.