"ލަންކާ ރަށްވެހިކަން ބޭނުމެއް ނޫން، ބޭނުމީ ރާއްޖެ ތަމްސީލްކުރުން"
"ލަންކާ ރަށްވެހިކަން ބޭނުމެއް ނޫން، ބޭނުމީ ރާއްޖެ ތަމްސީލްކުރުން"

ރޭ ނިމުނު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ފާތިމަތު ދީމާ އަލީ ކުޅުމަކީ އޭނާގެ ކެރިއަރުގައި ހޯދާފައިވާ އަދި ހޯދާނެ ކަމަށް ބެލެވޭ ކާމިޔާބީޔަކުގެ ކުރިމަތީގައި ވަރަށް އާދައިގެ ކަމެކެވެ. އެކަމަކު އެ މުބާރާތުގައި ދީމާ ބައިވެރިކޮށް އޭނާގެ ބެލެނެވެރިން އެ ނިންމީ އޭނާގެ ކެރިއަރާ ގުޅޭ މުހިއްމު ނިންމުމެކެވެ. ސްރީ ލަންކާގައި ދިރިއުޅޭ ދީމާ އަށް އެ ގައުމުގެ ރަށްވެހިކަން ދޭން ލަންކާ އިން ތައްޔާރާށް އޮތް ނަމަވެސް އެ ފުރުސަތު ދޫކޮށް ރާއްޖޭގެ ގައުމީ މުބާރާތުގައި ކުޅުވީ އުފަން ގައުމު ތަމްސީލްކުރުވުމުގެ މުހިއްމު ބޭނުމުގަ އެވެ.

"ލަންކާ ރަށްވެހިކަން ބޭނުމެއް ނޫން، ބޭނުމީ ރާއްޖެ ތަމްސީލްކުރުން"
"ލަންކާ ރަށްވެހިކަން ބޭނުމެއް ނޫން، ބޭނުމީ ރާއްޖެ ތަމްސީލްކުރުން"

"ރާއްޖޭގެ ގައުމީ މުބާރާތުގައި ކުޅުމާ އެކު ދީމާ އަށް ލަންކާގެ ނެޝަނަލް މުބާރާތުން ފުރުސަތު ގެއްލޭނީ. އޭނާ އަށް ދެން ލަންކާގައި ކުޅެވޭނީ ސްކޫލް މުބާރާތުގައި އެކަނި. އެހެންވިޔަސް އަޅުގަނޑުމެން ބޭނުންވީ ރާއްޖޭގައި އޭނާ ލައްވާ ކުޅުވަން،" ދީމާގެ މަންމަ އައިޝަތު ވަހީދާ ބުންޏެވެ.

މުޅި ލަންކާގެ 10 އަހަރުން ދަށުގެ އެއް ވަނަ އަދި ވެސްޓަން ޕްރޮވިންސުގެ 10 އަހަރުން ދަށާއި 12 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި ހުރި ދީމާގެ ހުނަރުވެރިކަން ފެނި އޭނާ އަށް އެ ގައުމުގެ ރަށްވެހިކަންދޭން ސްޕޯޓްސް މިނިސްޓްރީ މެދުވެރިކޮށް ލަންކާ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މަސައްކަތް ކުރި އެވެ.

"ދީމާ އަކީ ބޭރު ކުއްޖަކަށް ވީމާ ލަންކާގައި ކުޅެގެން ލިބޭ ކުރިއެރުންތަކާ އެކު ހުރިހާ ރީތި ނަމެއް ލިބޭނީ ރާއްޖެ އަށޭ، އެއީ އެ މީހުންގެ ވިސްނި ގޮތަކީ. އަނެއްކާ ގައުމުން ބޭރު ކުއްޖަކު ލަންކާގެ ނޭޝަނަލް މުބާރާތުގައި ކުޅެ ލަންކާގެ ރޭންކިންގައި ހިމެނޭތީ ޝަކުވާތައް އަންނަން ފެށީ. އެ ހިސާބުން ދީމާ އަށް މިނިސްޓްރީ މެދުވެރިކޮށް ސިޓިޒެންޝިޕް ހޯދައިދޭން ވެސް އެސޯސިއޭޝަނުން މަސައްކަތްކުރި،" ވަހީދާ ބުންޏެވެ.

އެކަމަކު އެ ފުރުސަތު އޭނާގެ ބެލެނެވެރިން ބޭނުން ނުވީ އެވެ. އޭނާ ބުނީ ދިވެހިންނަށް ވެފައި ބޭރުގެ ގައުމެއްގެ ރަށްވެހިކަން ހޯދުމުން ލިބިދާނެ ހިތްހަމަޖެހުމަކަށް ވުރެ އިހުސާސްކުރަން ޖެހޭ ހިތްދަތިކަން މާބޮޑުވާނެ ކަމަށެވެ.

އުމުރުން 8 އަހަރުގައި 2016 ވަނަ އަހަރު މެލޭޝިއާ މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދައި އެންމެން ހައިރާންކޮށްލި ދީމާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިފަ އެވެ.

ރާއްޖޭގައި އަލަށް ވާދަކޮށް އޭނާ ވަނީ ގައުމީ މުބާރާތުގެ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައި 16 އަހަރުން ދަށުގެ ފައިނަލުގައި ކުޅެފަ އެވެ. އެ އިވެންޓުން އޭނާ ރޭ ބަލިވީ މުބާރާތުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލް ޗެމްޕިއަން އައިޝަތު ރަފާ ނާޒިމް އަތުން ސީދާ ހަތަރު ސެޓުންނެވެ. އެކަމަކު ގްރޫޕް ސްޓޭޖް މެޗުގައި ދީމާ ވަނީ، ރަފާ އަށް ވަރުގަދަ ފައިޓެއް ދީފަ އެވެ. އެ މެޗު 2-2 އިން އެއްވަރުވެފައި އޮއްވާ ރަފާ މޮޅުވީ ފަހު ސެޓު ގެންގޮސްގެންނެވެ. އަދި ސެމީ އަށް ދިޔައީ ރާއްޖޭގެ ގައުމީ ސްކޮޑުގެ ކުޅުންތެރިޔާ ލައިޝާ ފަތުހުﷲ އިސްމާއިލް ބަލިކޮށްފަ އެވެ.

"ވަރަށް ހިތްހަމަޖެހޭ ދީމާގެ ކުޅުމާ މެދު. ފުރަތަމަ މުބާރާތަށް ވުމުން ވަރަށް އާވެފައި ހުރީ. އެކަމަކު ޖުމްލަކޮށް ވަރަށް ރަނގަޅު،" ވަހީދާ ބުންޏެވެ.

މުބާރާތަށް ފަހު އެނބުރި ލަންކާ ދާއިރު އޭނާ އަށް ސްކޫލް މުބާރާތްތަކުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުން ހިފުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ސަބަބަކީ އެހާ ޅަ އުމުރެއްގައި ދީމާ އަށް، ގޯސް ޕްރެޝަރުތަކެއް އަތުވެދާނެ ކަމުގެ ބިރު އޮތުމެވެ. އޭނާ އަކީ ލަންކާ ކުއްޖަކަށް ނުވާތީ ވާދަވެރިކަން ބޮޑުވެ އުނދަގޫތަކާ ކުރިމަތިވެ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ މުބާރާތެއްގައި ވާދަކުރަން ދީމާ ރާއްޖެ ގެންނާނެ އެވެ.

އެކަމުގައި އޭނާ އަށް އެންމެ ބޮޑު އެހީއެއްވަނީ ލަންކާ ކޯޗެވެ. ދީމާ އަށް ގައުމީ މުބާރާތުގައި ކޯޗުކޮށްދޭން ރާއްޖެ އައިސް ހުރި ލަންކާ ކޯޗު ދެކޭ ގޮތުގައި މުހިއްމީ ގައުމެއް ނޫނެވެ. މުހިއްމީ އެ ކުޅުންތެރިޔެއްގެ ހުރި ހުނަރާއި އެ ހުނަރު ތަރައްގީކޮށްދިނުމެވެ.

"ދީމާގެ އެބަހުރި ޝައުގުވެރިކަމާއި ހުނަރު. ބެލެނެވެރިންނަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަޅުގަނޑުމެންގެ އުއްމީދަކީ ކޮންމެވެސް ދުވަހަކު ރާއްޖެ ތަމްސީލްކޮށް ރާއްޖެ އަށް އޭނާ ރީތި ނަމެއް ހޯދައިދިނުން،" ވަހީދާ ބުންޏެވެ.