02 ފެބުރުއަރީ 2018 - 10:34

ކާމިޔާބު ހޯދަމުން އަންނަ، މައްސަލަ ބޮޑު ފިލްމު "ޕަދުމާވަތު" ގައި ދީޕިކާ ޕަދުކޯން ކުޅެފައިވާ ރޯލާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރު ދެމުން ދިޔަ ކަމުގައި ވިޔަސް އެކަމާ ބިރު ނުގަންނަ ކަމަށާއި އޭނާ އަކީ ވަރަށް ބިރު ކުޑަ މީހެއް ކަމަށް ދީޕިކާ ބުނެފި އެވެ.
"އަހަރެން ހަމަ އެކައްޗެކޭ ވެސް ހިތަކަށް ނާރާ. އަހަންނަކީ އެހާ ފަސޭހައިން ބިރުގަންނަވާލެވޭނެ މީހެއް ނޫން. އަހަރެންނަކީ ވަރަށް ބިރުކުޑަ މީހެއް. ޚާއްސަކޮށް އަހަރެން ކަންތައް ކުރަނީ ރަނގަޅަކަށް ކަމަށް ގަބޫލު ކުރެވޭ ނަމަ އަހަރެން އެއްގޮތަކަށް ވެސް ބިރެއް ނުގަންނާނެ،" ދީޕިކާ ބުންޏެވެ.
އޭނާއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތަކުން އެއްގޮތަކަށް ވެސް ޖެހިލުމެއް ވެސް ނުވޭތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ދީޕިކާ ބުނީ އޭނާގެ މައިންބަފައިންނަށް މާ ބޮޑަށް އެ ކަންތައްތަކާ އަސަރު ކުރި ކަމަށެވެ. އޭނާގެ އާއިލާ ދިރިއުޅެނީ ބެންގަލަރޫގައި ކަމަށް ވެފައި މުމްބައިގައި އޭނާ ދިރިއުޅެނީ އެކަނި ކަމަށް ވުމުން މައިންބަފައިން ވަރަށް ފިކުރުބޮޑުވި ކަމަށް ބުންޏެވެ.
"ފިކުރު ބޮޑުވިޔަސް އެމީހުންނަށް އެނގޭ އަހަރެންނަށް އަމިއްލައަށް ހުރިހާ ކަމެއް ވެސް ކުރެވޭނެ ކަން،" ދީޕިކާ ބުންޏެވެ.
"ޕަދްމާވަތު" އަކީ އަންހެނުންގެ ބާރުގަދަކަމާއި ހިތްވަރު ދައްކުވައިދޭ ފިލްމެއް ކަމަށް ދީޕިކާ ގަބޫލު ކުރެ އެވެ. އަދި ކޮންމެ މީހަކު ވެސް ދަސްކުރާނެ ކޮންމެވެސް އެއްޗެއް އެ ފިލްމު ބެލުމުން ވިސްނޭނެ ކަމަށް އޭނާ ބުންޏެވެ.
"ޕަދްމާވަތު" އަކީ އޭނާ މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ރޯލު ކަމަށް ދީޕިކާ ބުންޏެވެ. އަނގައިން ނުބުނެ މަޑުމަޑުން ހުރެގެން ވަރަށް ގިނަ ވާހަކަތައް އެ ފިލްމުގައި ދައްކަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.
ފިލްމުގައި އޭނާއާ އެކު މަސައްކަތްކުރި ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރު ވެސް ވަރަށް ފުރިހަމައަށް އެ ފިލްމު ކުޅެފައިވާތީ ދީޕިކާ އެމީހުންނަށް ތައުރީފުކުރި އެވެ. އަދި ރަންވީރާއި ޝާހިދަށް ވުރެ ގިނައިން ދީޕިކާ އަށް "ޕަދްމާވަތު" ކުޅެގެން ފައިސާ ލިބުނުކަމަށް ވެސް އޭނާ ބުންޏެވެ.