އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓަށް ހަމާސްގެ ލީޑަރު
އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓަށް ހަމާސްގެ ލީޑަރު

ވޮޝިންޓަން (ފެބްރުއަރީ 1) - ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓަށް ހަމާސްގެ ސީނިއާ ޕޮލިޓިކަލް ލީޑަރު އިސްމާއިލް ހަނިއްޔާ އެމެރިކާ އިން އިތުރުކޮށްފި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ހަމާސްގެ އަސްކަރީ ގޮތްޕާ ހަނިއްޔާ ގާތް ގުޅުމެއް އޮންނަ ކަމަށެވެ. ޓެރަރިސްޓުންގެ ލިސްޓަށް ހަނިއްޔާ އިތުރު ކުރުމުން އޭނާ އަށް ދަތުރު ކުރުން މަނާކޮށް އަދި އެމެރިކާގައި އޭނާގެ މުދަލާއި ފައިސާ ހުރި ނަމަ ފްރީޒް ކުރާނެ އެވެ. މީގެ އިތުރުން އެމެރިކާގެ ފަރުދަކު ނުވަތަ ކުންފުންޏަކުން ވެސް ހަނިއްޔާއާ އެކު ވިޔަފާރި ކުރުން މަނާވާނެ އެވެ.

ގާޒާ ސްޓްރިޕްގައި ވެރިކަން ހިންގާ ހަމާސް ޖަމާއަތް 1987 ވަނަ އަހަރު އުފެއްދީ އިޒްރޭލުގެ އުދުވާނާ ދެކޮޅު ހެދުމަށެވެ. އަދި ހަމާސްގައި އިއްޒައްދީން އަލް ގަސަމް ބްރިގޭޑްސްގެ ނަމުގައި އަސްކަރީ ގޮއްޕެއް އޮވެ އެވެ.

ހަމާސްގެ ޕޮލިޓިކަލް ލީޑަރުގެ މަގާމަށް ހަނިއްޔާ، 54، އިންތިޚާބު ކުރީ މިދިޔަ މެއި މަހު އެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ ޚާލިދު މިޝްއާލް އެވެ. ގާޒާގެ ރެފިއުޖީ ކޭމްޕަކަށް އުފަންވި ހަނިއްޔާ އަކީ ފަލަސްތީނުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ ބޭފުޅެކެވެ.

ހަމާސްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ގާޒީ ހަމަދު ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ކެމްޕޭނުގެ ބައެއް ކަމަށެވެ.

"ފަލަސްތީނާ މެދު އެމެރިކާގެ ރުޅިވެރިކަން މި ދަނީ ހާމަވަމުން. އޭގެ ތެރޭގައި އިޒްރޭލަށް ތާއިދު ކުރާ މިންވަރާއި އިޒްރޭލުގެ ވެރިރަށް ކަމަށް ގުދުސް ބަލައިގަތުމާއި ފަލަސްތީނުގެ ރެފިއުޖީންނަށް ދޭ އެހީ މަދުކުރުން ހިމެނޭ،" ހަމަދު ވިދާޅުވި އެވެ.