02 ފެބުރުއަރީ 2018 - 10:33

ޓްވިޓާގައި، ފިލްމީ ތަރި އަމީތާބު ބައްޗަން ފޮލޯކުރާ މީހުންގެ އަދަދު ޓްވިޓާއިން މަދުކޮށްފައިވާ ކަމަށް ބުނެ އަމީތާބު ޓްވީޓްކޮށް، ޓްވިޓާ ދޫކޮށްލަފާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.
ފޮލޯވަރުންގެ އަދަދު 30 މިލިއަނަށް ވުރެ މަތީގައި އުޅޭ އަމީތާބަކީ މުޅި އިންޑިއާގައި ވެސް ޓްވިޓާގައި ފޮލޯވަރުން އެންމެ ގިނަ އެކަކެވެ. އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން އަމީތާބުގެ މައްޗަށް ޝާހްރުކް ވަނީ ކުރި ހޯދައިފަ އެވެ.
އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން އަމީތާބު ފޮލޯ ކުރާ މީހުންގެ އަދަދު 3،29،02،353 ގައި އުޅޭއިރު ޝާހްރުކް ޚާން ފޮލޯ ކުރާ މީހުންގެ އަދަދު އުޅެނީ 3،29،44،338 ގައެވެ.
އަމީތާބު މިދިޔަ ބުދަ ދުވަހުގެ ރޭ ކުރި ޓުވީޓްގައި "ހަމް"ގައި އޭނާ މީހެއްގެ ކަރުގައި ހިފާބާރުކުރަނިކޮށް ފެންނަ މަންޒަރެއްގެ ފޮޓޮއަކާ އެކު ލިޔެފައިވާ މެސެޖުގައި، އޭނާ ފޮލޯކުރާ މީހުންގެ އަދަދު މަދުކޮށްލީ ކީއްވެތޯ ޓުވިޓާއާ ސުވާލު ކޮށްފައިވެ އެވެ. އެއީ މަޖަލަކަށް ބުނި އެއްޗެއްކަން ފާހަގަކޮށް ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެފައި ވަނީ ޓުވިޓާއާ ވަކިވާންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.
އަމީތާބު އޭނާގެ ބްލޮގްގައި ވެސް މިކަމާ ބެހޭ ތަފްސީލެއް ދީފައެއް ނުވެ އެވެ. އޭނާ ބުނެފައިވަނީ ދުވާލުގެ ގިނަ ވަގުތުތައް ހޭދަވަނީ މައިބަދަ އާއި އަތް ފަދަ ތަންތަން ރަނގަޅަށް މަސައްކަތް ކުރާނެ ގޮތް ހެދުމަށް ކުރާ މަސައްކަތުގައި ކަމަށެވެ. އަދި "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތް އަލުން ފަށާއިރު ރޭގަނޑުން ފެށިގެން އިރު އަރަންދެން މަސައްކަތް ކުރަން ޖެހޭނެކަމަށް އޭނާ ބުންޏެވެ.
މި ފިލްމުގެ ޝެޑިއުލް ފެބްރުއަރީ މެދެއްހާ ހިސާބުގައި ނިމުމުން ދެން ފަށާނީ "ޖުންދް" ކިޔާ ފިލްމެއް ކަމަށް އަމީތާބުގެ ބްލޮގްގައި އޭނާ ލިޔެފައި ވެއެވެ.