ރެހެންދި ފަހެއް ޝީޓްޕައިލް ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ނުބެލޭނެ: ކޯޓު
ރެހެންދި ފަހެއް ޝީޓްޕައިލް ކުރުން ހުއްޓުވަން ހުށަހެޅި މައްސަލަ ނުބެލޭނެ: ކޯޓު

ރެހެންދި ފަހެއް އިމާރާތް ކުރުމުގައި ޝީޓްޕައިލް ކުރާތީ އެކަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ގާނޫނުގައި ބުނާ އިޖްރާއާތު ފުރިހަމަ ކޮށްފައި ނުވާތީ އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

އަމީން ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން އަންނަ ރެހެންދި 5 ޝީޓްޕައިލް ކުރާތީ އެކަން ހުއްޓުވަން އަމުރުކޮށް ދިނުމަށް އެދި އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ރެހެންދި 3 ގައި ދިރިއުޅޭ މީހެކެވެ.

އެ ދައުވާކުރީ ޝީޓްޕައިލް ކުރުމުން ރެހެންދި 3 އަށް ލޮޅުން އަރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގާފާނެތީ ކަމަށް ބުނެ އެވެ. އެ މައްސަލަ ކޯޓުގައި އޮތުމުން ޝީޓްލައިން ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ކޯޓުން ކުރިން އޮތީ ނެރެފަ އެވެ. އެކަމަކު އެ މައްސަލަ ނުބެލޭނެ ކަމަށް ހުކުމް ކުރުމާ އެކު އެކު، ވަގުތީ އަމުރު ވެސް ނިމުމަކަށް އައީ އެވެ.

އެ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމީ އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އެކަމުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމެއް ނެތި އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާތީ އެވެ. އެހެންވެ މިވަގުތު އެ މައްސަލަ ކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

ކޯޓުގެ ހުކުމުގައިވަނީ އިމާރާތް ކުރުމުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ ނަމަ އެ މަސައްކަތެއް ހުއްޓާލަން އެންގުމުގެ ބާރު ސަރުކާރަށް އޮތްއިރު ރެހެންދި 5 ޝީޓްޕައިލް ކުރުމާ ގުޅޭ ޝަކުވާ ވެސް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޝީޓްޕައިލް ކުރުމުގެ ސަބަބުން އިމާރާތަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމުގައި ޒިންމާވާނެ ފަރާތެއް ކަނޑައެޅުމަށް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުުރުސަތު އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.

މައްސަލަ ހުށަހެޅި މީހާގެ ފްލެޓަށް ގެއްލުން ވެފައިވާ ކަމަށް ބުނެ ސިވިލް އިންޖިނިއަރެއްގެ ލިޔުމެއް އެ މައްސަލާގައި ހުށަހަޅާފައި ވިޔަސް، އެއީ ރެހެންދި 5 ޝީޓްޕައިލް ކުރުމުން ވެފައި ހުރި ގެއްލުންތަކެއް ކަން އެ ލިޔުމުން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި މީގެކުރިން ޕްރޮޖެކްޓާ ގުޅޭގޮތުން ހުށަހެޅި ޝަކުވާއެއް ބެލުމަށް ފަހު، ކޮންމެ ހަފުތާއަކު މޮނިޓަރިން ރިޕޯޓެއް ހުށަހަޅަން ހައުސިން މިނިސްޓްރީން އަންގާފައިވާއިރު، އެ މަސައްކަތް ހުއްޓާލަން މިހާތަނަށް ވެސް މިނިސްޓްރީން އަންގާފައި ނެތް ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ލިބިފައިނުވާ ގެއްލުމެއް އެއީ ލިބިދާނެ ގެއްލުމެއް ކަމަށް ބަލައި، ގައުމީ ތަރައްގީގެ މަޝްރޫއެއް މަޑުޖައްސާލުމާއި އިމާރާތް ކުރުމުގެ ގާނޫނު ހުއްދަ ކޮށްފައިވާ ޝީޓްޕައިލް ކުރުން ހުއްޓުވުމަކީ އެ ގާނޫނުގެ މަގްސަދު ގެއްލިގެން ދާނެ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ރެހެންދި 5 އަކީ އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން ސަރުކާރުން ހިންގާ މަޝްރޫއެއް ކަމަށްވާތީ އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފަ އެވެ. އަދި އެ މަޝްރޫއާ ގުޅިގެން އެހެން ފަރާތްތަކެއްގެ މުދަލަށް ގެއްލުންވާ ނަމަ ހައުސިން މިނިސްޓްރީން އެކަމަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ދައުލަތުން ވަނީ ޝަރީއަތުގައި ދީފަ އެވެ.