01 ފެބުރުއަރީ 2018 - 10:27

ޕެރިސް (ފެބްރުއަރީ 1) - މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އޮކްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ތާރިގު ރަމަޟާންގެ މައްޗަށް ދެ އަންހެނަކު ކުރި ރޭޕުގެ ތުހުމަތާ ގުޅިގެން ފްރާންސް ފުލުހުން އޭނާއާ ސުވާލުކޮށްފި އެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ އިސްލާމް ދީނާ ބެހޭ ޕްރޮފެސަރުގެ މައްޗަށް ރޭޕުގެ މައްސަލަ ފައިލްކޮށްފައި ވަނީ ފްރާންސްގެ ދެ އަންހެނެކެވެ. މީގެ ތެރޭން އެކަކު ވަނީ 2009 ވަނަ އަހަރު އޭނާ ރޭޕް ކުރަން ރަމަޟާން މަސައްކަތްކޮށްފައިވާ ކަމަށާ އަދި 2012 ވަނަ އަހަރު ރަމަޟާންގެ ފަރާތުން ރޭޕުގެ ހަމަލާއެއް އައިސްފައިވާ ކަމަށް އެހެން އަންހެނަކު ވަނީ ބުނެފަ އެވެ. އެކަމަކު މި ހުރިހާ ތުހުމަތެއް ރަމަޟާން ދޮގު ކުރެ އެވެ.
މީގެ ތެރޭން އެއް އަންހެނެއް ކަމަށްވާ ހަންދާ އަޔާރީ ބުނެފައި ވަނީ ޕެރިހުގެ ހޮޓަލެއްގައި 2012 ވަނަ އަހަރު ރަމަޟާން ވަނީ އޭނާ ރޭޕްކޮށްފައި ކަމަށެވެ. އަޔާރީގެ މި ވާހަކަތައް އޭނާ ހާމަކޮށްފައި ވަނީ 2016 ވަނަ އަހަރު ޝާއިއު ކުރި ފޮތުގަ އެވެ. އެކަމަކު އޭނާ ރޭޕްކުރީ ކާކުކަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް "މީޓޫ" ކެމްޕޭނާ އެކު އަޔާރީ ވަނީ އޭނާ ރޭޕްކުރީ ރަމަޟާން ކަމަށް ބުނެފަ އެވެ. ފްރާންސްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި އަޔާރީ ބުނެފައި ވަނީ ޕެރިހުގައި ރަމަޟާން ހުރި ހޮޓަލަށް އޭނާ ދިޔައީ ދީނީ ސުވާލެއް ކުރަން ކަމަށެވެ. އެކަމަކު އޭނާގެ ފަރާތުން ލިބުނީ ޖިންސީ އަނިޔާއެއް ކަމަށް ބުންޏެވެ
އަޔާރީގެ މައްސަލަ ހުށަހެޅުމާ އެކު އެހެން އަންހެނަކު ވަނީ 2009 ވަނަ އަހަރު ރަމަޟާން ވަނީ ލިޔޯންގެ ހޮޓަލެއްގައި އޭނާ ރޭޕްކޮށްފައި ކަމަށް ބުނެފަ އެވެ. މި ތުހުމަތުތަކާ ގުޅިގެން ފްރާންސް ފުލުހުން ވަނީ ރަމަޟާންގެ މައްޗަށް ތަހުގީގު ފަށައިފަ އެވެ.
ރޭޕުގެ މި ވާހަކަތައް އާއްމުވުމުން ރަމަޟާން ވަނީ ދެ އަންހެނުންގެ މައްޗަށް އަބުރާ ބެހުމުގެ މައްސަލައެއް އުފުލައިފަ އެވެ. އަދި އޮކްސްފޯޑް ޔުނިވާސިޓީން ވަނީ ޗުއްޓީ ނަގައިފަ އެވެ. ޔުނިވާސިޓީ އާއި ރަމަޟާންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޗުއްޓީ ނެގީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކާ ކުރިމަތިލާން ކަމަށެވެ.
ތޯރިގް ރަމަޟާން ގެންދަވަނީ މެދުމިނުގެ އިސްލާމީ އުސޫލުތަކަށް ބާރު އަޅަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާ ދަނީ "ޕޮލިޓަކަލް އިސްލާމް" ޕްރޮމޯޓް ކުރަމުންނެވެ.
ސްވިޒަލެންޑަށް އުފަން ރަމަޟާން ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން އޮކްސްފޯޑުގައި ޕްރޮފެސަރެއްގެ މަގާމު ފުރަމުންނެވެ. އޭނާގެ ކާފަ މިސްރުގެ އިމާމެއް ކަމަށްވާ ހަސަން އަލް ބަންނާ އަކީ މުސްލިމް ބްރަދަހުޑުގެ ބާނީ އެވެ.