01 ފެބުރުއަރީ 2018 - 09:14

މެންޗެސްޓާ (ފެބްރުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުތަކުން ބަލިވިއިރު ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީން ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމުގެ ލީޑުފުޅާކޮށްފި އެވެ.
ރަށުންބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޔުނައިޓެޑް ބަލިވީ 2-0 އިންނެވެ. ޗެލްސީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވީ 3-0 އިންނެވެ. ސިޓީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ބްރޮމްގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ.
ރޭގެ ނަތީޖާތަކާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 25 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް 25 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ރޭ ޗެލްސީ ބަލިވުމުން ލިވަޕޫލް ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ލިވަޕޫލާއި ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވެސް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ލަނޑު ގިނަވުމުންނެވެ. ޓޮޓެންހަމް ފަސް ވަަނައިގައި އޮތީ 25 މެޗުން 48 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗު ފަށައިގެން 11 ސިކުންތު ތެރޭގައި ޓޮޓެންހަމަށް ލީޑުނަގައިދިނީ ޑެންމާކުގެ ޕްލޭމޭކަރު ކްރިސްޓިއަން އެރިކްސެން އެވެ. މިއީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 600 މިނިޓް ތެރޭގައި ޔުނައިޓެޑް ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮޓެންހަމުން ދެ ވަނަ ލަނޑެއް ޖެހިއިރު، މި ގޯލަކީ ޔުނައިޓެޑުގެ ފިލް ޖޯންސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޓޮޓެންހަމްގެ ކިއެރަން ޓްރިޕިއޭ ނަގައިދިން ހުރަސް ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ޖޯންސް ފައިގައި ޖެހިފައި ބައިކޮޅަށް ވަންއިރު ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ހުރީ ހަރަކާތް ހުއްޓިފަ އެވެ.
މި މެޗުގައި ޔުނައިޓެޑުން ފޮނުވާލި ހަމަލާތަކުގެ ހުރަހަަކަށްވީ ޓޮޓެންހަމަށް ކުޅޭ ފްރާންސްގެ ކީޕަރު ހޫގޯ ލޮރީސް އެވެ. މި މެޗުގައި ދާދި ފަހުން ޔުނައިޓެޑާ ގުޅުނު އަލެކްސިސް ސަންޗޭޒް ކުޅުނު ނަމަވެސް އޭނާގެ ބޭނުން ޔުނައިޓެޑަށް އެންމެ ރަނގަޅަށް ނުހިފުނެވެ.
ޗެލްސީ ކޮޅަށް ބޯންމައުތުން ތިން ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ކަލުމް ވިލްސަން، ޖޫނިއާ ސްޓަނިސްލާސް އަދި ކުރިން ޗެލްސީ އަށް ކުޅުނު ނޭތަން އަކޭ އެވެ. މިއީ ޗެލްސީގެ ތާރީހުގައި އެ ޓީމު އަމިއްލަ ދަނޑުގައި ތިން ލަނޑުގެ ތަފާތުން ބަލިވި ހަތް ވަނަ ފަހަރެވެ.
ވެސްޓް ބްރޮމް ކޮޅަށް ސިޓީގެ ލަނޑުތައް ކާމިޔާބުކުރީ ފެނާންޑީނިއޯ އާއި ކެވިން ޑިބްރޭނާ އަދި ސާޖިއޯ އަގުއޭރޯ އެވެ.