އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ސުލެއިމާން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ، އީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 10:00 ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ސުލެއިމާން އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބެއް އަދިއެއް ނޭނގެ އެވެ.

އެކަމަކު، އޭނާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އީސީ) ގެ މެމްބަރަކަށް ކުރިމަތިލާން އުޅުއްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެންއައިސީއަށް ކުރިމަތިލުމަށް ހުޅުވާލި ތިންވަނަ ފުރުސަތު މިއަދު ހަމަވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ސުލައިމާން އިސްތިއުފާ ދެއްވާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމި މައްސަލާގައި އެ ކޮމިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން ވިދާޅުވާ ގޮތުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް ފަހު އެ ދާއިރާތަކުގެ ބައި އިލެކްޝަން ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވުމުން ކޮމިޝަން ވަނީ ގާނޫނާ ޚިލާފުވެފަ އެވެ.