31 ޖެނުއަރީ 2018 - 17:32

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި އިތުރު މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގުޅުން ހުރި ތިން މީހަކު ދިރިއުޅޭ ތިން ގެއެއް މިއަދު ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެންމެ ފުރަތަމަ ފާސްކުރީ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވާ މ. އެންދެރި ގަސް އެވެ. އެ ގެ ބަލައި ފާސްކުރުމަށް ފަހު ބިދޭސީ ޑްރަައިވަރެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ މުހައްމަދު އަޒްމީ ދިރިއުޅޭ މ. ޕެންޒީ ހައުސް ބަލައި ފާސްކޮށް އޭނާ ހައްޔަރުކުރި އެވެ. އަދި މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ އެމަނިކުފާނުގެ ޕްރައިވެޓް ސެކްރެޓަރީ ނަޖުމާ ދިރިއުޅޭ މ. ވިސްޓީރިއާ ފާސްކޮށް އޭނާ ވެސް ހައްޔަރުކުރި އެވެ.

މި ތިން ގެ ވެސް ފާސްކުރީ އެއް ތުހުމަތެއްގަ އެވެ.

ނަޖުމާގެ ގެ ފާސް ކުރުމަށް ފަހު ފުލުހުން ވަނީ ފޯނަކާއި ޝޯލެއް ގެންގޮސްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު އޭނާ ހައްޔަރު ކޮށްގެން ގެންދިޔަ އިރު، އޭނާގެ އަށް މަހަށްދާ ތުއްތު ކުއްޖަކު އޮންނަ ކަމަށް އާއިލާ އިންވަނީ ބުނެފަ އެވެ.
އަޒްމީގެ ގެއިން ވެސް ފުލުހުން ފޯނެއް ގެންދިޔަ އެވެ. ނަމަވެސް މ. އެންދެރި ގަސް ބަލައި ފާސްކުރުމަށް ފަހު އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ނޭނގެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ޕްރައިވެޓް ސެކްރެޓަރީ ނަޖްމާ، ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު ހައްޔަރު ކޮށްގެން ގެންދިޔަ އިރު، އޭނާގެ އަށް މަހަށްދާ ތުއްތު ކުއްޖަކު އޮންނަ ކަމަށް އާއިލާ އިން ބުނޭ.
މ. އެންދެރި ގަސް އަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި ފާސް ކުރުމަށް ފަހު، ދާދި ދެންމެއަކު އެ ގެއިން ނުކުމެގެން ހިނގައްޖެ. ނަމަވެސް އެ ގެ އިން ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ނޭނގޭ.
މައުމޫންގެ އޮފީހުގެ މުވައްޒަފު ނަޖުމާގެ ގެ މ. ވިސްޓީރިއާ ފާސްކުރުމަށް ފަހު ގެންދިޔަ ކަމަށް، ފުލުހުން އެ ގޭގެ މީހުންނަށް ދިން ލިޔުމުއި ވަނީ، ފޯނަކާއި ބުރުގާ ނުވަތަ ޝޯލެއް. މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ އަޒްމީގެ ގެއިން ވެސް ފޯނެއް ގެންދިޔަ ކަމަށް އެނގިފައިވޭ.
މައުމޫންގެ އޮފީހުގެ މުވައްޒަފު ނަޖުމާ ހައްޔަރުކުރި ސަބަބެއް ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުރު މެމްބަރުތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތު ކުރެވޭތީީ ކަމަށް. ނަޖުމާ ހައްޔަރުކުރުމުގެ ހެއްކާއި ގަރީނާ ައަކީ އަމުރުގައިވާ ގޮތުން، ހެއްކެއްގެ ހެކި ބަހާއި ވީޑިއޯ ފުޓޭޖާއި ފޮޓޯ އަދި ކޯލްތަކުގެ ތަފުސީލް.
މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ އަޒްމީ، ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފި. އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު ކަޅު ދަބަހެއް ފުލުހުން އަތުގައި އޮތް ތަން ފެނުނު.
މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ އަޒްމީ ހައްޔަރުކުރާ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ވަނީ، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލުމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުރު މެމްބަރުތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތަށް. އަދި އޭނާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅި، ލިބެން ހުރި ހެކި ފޮރުވައި، ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވުމަކީ ވެސް ހައްޔަރު ކުރަން ބޭނުންވާ ސަބަބެއް ކަމަށް އަމުރުގައިވޭ. ހެއްކާއި ގަރީނާ ކަމަށް އަމުރުގައި ވަނީ، ހެއްކެއްގެ ހެކިބަހާއި ވީޑިއޯ ފުޓޭޖް އަދި ކޯލްތަކުގެ ތަފުސީލް.
އެންދެރިމާގޭ ސަރަހައްދުގައި ތިބި "މިހާރު"ގެ ނޫސްވެރިން ބުނާ ގޮތުގައި އެންދެރިމާގެ އަށް އާންމުން ވަނުމަށް ހުއްދަ ނުދެނީ، ފުލުހުން މިހާރު ފާސް ކުރަމުންދާ އެންދެރި ގަސް ހުންނަނީ ޓެރަހުން އެންދެރިމާގެއާ ގުޅިފައިވާތީ ކަމަށް ފުލުހުން ބުނޭ.
މ. އެންދެރި ގަސް އަށް ފުލުހުން ވަދެ ބަލައި ފާސް ކުރަމުންދާ އިރު، ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އަށް އާންމުން ވަނުމަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް މައުމޫންގެ އާއިލާ އިން ބުނޭ.
ރައީސް މައުމޫނާ ގުޅުން ހުރި ތިން ގެއަކަށް ފުލުހުން ވަދެ މިހާރު ފާސް ކުރަމުން އެބަދޭ. އެއީ މައުމޫންގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅުން އުޅުއްވާ މ.އެންދަރި ގަސް އާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ އަޒްމީ ދިރިއުޅޭ މ. ޕެންޒީ ހައުސް އާއި މައުމޫންގެ އޮފީހުގައި މަސައްކަތް ކުރައްވާ ޕްރައިވެޓް ސެކްރެޓަރީ ނަޖުމާ ދިރިއުޅޭގެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެއް ކަމަށްވާ ނަޖުމާ ދިރިއުޅޭ ގެ އަށް ފުލުހުން ވަދެ އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި ނޭނގެ އެވެ.
އަދި މައުމޫންގެ އަނބިކަނބަލުންގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވާ ގެ، މ. އެންދެރި ގަސް އަށް ފުލުހުން ވަދެ މިހާރު ދަނީ އެ ގެ ބަލައި ފާސް ކުރަމުންނެވެ. އެ ގެ ކައިރީ މަގުތަކާއި ގޯޅިތައް ފުލުހުން މިހާރު އޮތީ އާންމުންނަށް ނުވަދެވޭނެ ހެން ބަންދުކޮށްފަ އެވެ. އަދި އެންދެރި ގަސް ހުންނަ ގޯޅީގެ ދެކުނު ކޮޅުގައި ފުލުހުން ޖިޕެއް ވެސް އެބަ އޮތެވެ.
އަދި މައުމޫންގެ ސަލާމަތީ ކަންތަކުގައި ހަރަކާތްތެރިވާ މީހަކު ދިރިއުޅޭ މ. ޕެންޒީ ހައުސް އަށް ވެސް ފުލުހުން ވަދެ މިހާރު ފާސް ކުރަމުން އަންނަ ކަން އެނގިފައިވެ އެވެ.