31 ޖެނުއަރީ 2018 - 16:59

ގުދުސް (ޖެނުއަރީ 31) - ފަލަސްތީނާއި ސީރިއާގައި ހިންގާ އިމަޖެންސީ ޕްރޮގްރާމްތަކަށް ބޭނުންވާ އަވަސް އެހީ ހޯދުމަށް އދ. އިން ގޮވާލައިފި އެވެ.
އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންޑަބްލިއުއާރުއޭ) އިން ބުނީ ކޮންމެހެން ބޭނުންވާ އެހީތަކަށް މިހާރު ވެސް 800 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ފެނާއި ބޭހާ އަދި ހިޔާވަހިކަން ހިމެނެ އެވެ.
ޔޫއެންޑަބްލިއުއާރުއޭގެ ކޮމިޝަނާ ޖެނެރަލް ޕިއެރީ ކްރަހެންބުލް ވިދާޅުވީ ހާލަތު ގޯސްވަމުންދާ އިރު ކުއްލި އެހީ ބޭނުންވާ ކަމަށެވެ.
ފަލަސްތީނުގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓާ ޔޫއެންޑަބްލިއުއާރުއޭ އަށް އެމެރިކާ އިން ދޭ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް މިހާރު ވަނީ ކަނޑާލައިފަ އެވެ. ޔޫއެންޑަބްލިއުއާރުއޭ އަށް އެމެރިކާ އިން މިދިޔަ އަހަރު ވަނީ 360 މިލިއަން ޑޮލަރު ދީފަ އެވެ. އެކަމަކު މި އަހަރަށް އެމެރިކާ އިން ކްލިއާކޮށްފައި ވަނީ 60 މިލިއަން ޑޮލަރެވެ.
ޔޫއެންޑަބްލިއުއާރުއޭ އަށް އެހީވެދޭނެ ކަމަށް 10 އަށް ވުރެ ގިނަ ގައުމުން ވަނީ ބުނެފަ އެވެ. އެ ޖަމާއަތުން ގެންދަނީ ފަލަސްތީނުގެ ފަސް މިލިއަނަށް ވުރެ ގިނަ ރެފިއުޖީންނަށް އެހީތެރިކަން ދެމުންނެވެ.
ފަލަސްތީނަށް ދޭ އެހީ ކުޑަކުރުމުގެ އިތުރުން އެމެރިކާ އިން ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގަންނަން ނިންމައިފަ އެވެ.