31 ޖެނުއަރީ 2018 - 17:04

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަކޮށް، ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ޕާޓީގެ ކައުންސިލްގައި މިއަދު މަޝްވަރާކޮށްފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރެލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް "މިހާރު" އަށް ވިދާޅުވީ، ރައީސް އަދި އެ ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ދެ ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އޭގެ ތެރޭގައި، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީޕީއެމުން އަދާކުރަން ޖެހޭ ޒިންމާތަކާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޮނުވަން ޖެހޭ އަހަރީ ރިޕޯޓު ކައުންސިލުން ފާސްކުރުން ހިމެނެ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ހިންގިދާނެ ސިޔާސީ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށް ޚަލީލް ވިދާޅުވި އެވެ.
"މަޝްވަރާ ކުރި ސަރުކާރުން ހާސިލް ކޮށްފައިވާ ކާމިޔާބީތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން، ވެސް،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމްގައި މިހާރު 40،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.