31 ޖެނުއަރީ 2018 - 16:38

ވޮޝިންޓަން (ޖެނުއަރީ 31) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ނޯތު ކޮރެއާ އިން ފިލި، މިހާރު ނުކުޅެދޭ މީހެއް ކަމަށްވާ، އުމުރުން 36 އަހަރުގެ ޖީ ސިއޯން-ހޯ އަށް ތައުރީފް ކުރުމުން އޭނާ އަށް ވަނީ ބޮޑު ސަމާލު ކަމެއް ހުއްޓިފަ އެވެ.
ޓްރަމްޕުގެ ތަގްރީރުގައި ހޯ ގެ ނަން ވިދާޅުވި ނަމަވެސް އޭނާ އެނގޭ މީހަކު ވަރަށް މަދެވެ. އެކަމަކު ހޯ އަކީ ކާކުކަން ޓްރަމްޕް ވިދާޅުވެ ދެއްވުމާ އެކު ކޮންގްރެސްގައި އިން ހޯގެ ޝަރަފުގައި އެތައް ބަޔަކު ކޮޅަށް ތެދުވެ ތަރުހީބު ދިނެވެ.
"1996 ވަނަ އަހަރު ސިއޯން-ހޯ އަކީ ބަނޑުހައިހޫނު ކަމުގައި ނޯތު ކޮރެއާގައި ދިރިއުޅުނު ކުއްޖެއް،" ޓްރަމްޕުގެ ވާހަކަ ފެއްޓެވި އެވެ.
އެ އަހަރު ހޯ ވަނީ ރޭލު މަގަކުން ކޯލް ވަގަށް ނަގައިގެން އެ ވިއްކައިގެން ކާނާ ހޯދަން އުޅެފަ އެވެ. އެކަމުގެ ތެރޭގައި އުޅެނިކޮށް އޭނާގެ ބަނޑުހައިހޫނުކަން ބޮޑުވެގެން ހޭނެތިގެން ވެއްޓުނެވެ. އޭނާ އަށް ހޭލެވުނީ ރޭލެއްގެ ދެ ކޮމްޕާޓްމަންޓުގެ މެދުން ޓްރެކް މައްޗަށް ވެއްޓުމުންނެވެ. އެ ވަގުތު އޭނާގެ އެއް ފަރާތަށް ރޭލެއް އެރި އެވެ. އެ ހާދިސާ އިން އޭނާ ސަލާމަތްވި އެވެ. އެކަމަކު އޭނާގެ ވާތު ފަޔާއި ވައަތް ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. ހޮސްޕިޓަލަށް ގެންގޮސް ހަތަރު ގަޑިއިރާއި ބައިގެ އޮޕަރޭޝަނެއް ކުރަން ޖެހުނީ ހޭ ވެސް ނުނައްތަ އެވެ.
ދެހާސް ވަނަ އަހަރު ހޯ ވަނީ ޗައިނާގެ ބޯޑަރު ހުރަސް ކުރަން އުޅެފަ އެވެ. އެއީ ވެސް ކާނެ އެއްޗެއް ލިބޭތޯ އެވެ. ދަނޑިގަނޑު ބޭނުންކޮށްގެން އޭނާ ވަނީ ފަރުބަދަތަކުގެ މަތީގައި ހިނގައިފަ އެވެ. އެކަމަކު އެނބުރި ނޯތު ކޮރެއާ އަށް ދިޔަ ތަނުން އޭނާ ހައްޔަރުކޮށް ވަރަށް ބޮޑަށް އަނިޔާކުރި އެވެ.
ނޯތު ކޮރެއާ އިން ދާއިމީކޮށް ފިލަން ހޯ ނިންމީ 2006 ވަނަ އަހަރު އެވެ. ހޯގެ ބޭބެއާ އެކު ވަނީ ޓުމެން ކޯރު ހުރަސްކޮށް ޗައިނާ އަށް ވަދެފަ އެވެ. އެކަމަކު ފަހުން ދެ މީހުން ވަނީ ވަކިވެފަ އެވެ. އެއީ ހޯގެ ނުކުޅެދުންތެރިކަމާ އެކު ދެ މީހުން ވެސް އަތުލައިގެންފާނެކަމުގެ ބިރަށެވެ.
ބައެއް މީހުންގެ އެހީތެރިކަމާ އެކު ހޯ ވަނީ ޗައިނާ އިން ސައުތު ކޮރެއާ އަށް ދަތުރުކޮށްފަ އެވެ. އަދި ފަހުން ވަނީ އޭނާގެ ބޭބެއާ ސައުތު ކޮރެއާގައި ބައްދަލުކޮށްފަ އެވެ. ހޯ މިހާރު ދިރިއުޅެނީ ސައުތު ކޮރެއާގަ އެވެ. އަދި އޭނާ ގެންދަނީ ނޯތު ކޮރެއާ އިން ފިލާ މީހުންނަށް އެހީތެރިކަން ދެމުންނެވެ.
ޓްރަމްޕުގެ ތަގްރީރުގައި ހޯގެ ނަން ފާހަަގަ ކުރުމާ އެކު އޭނާ ވަނީ ނޯތު ކޮރެއާ އިން ފިލަން ބޭނުން ކުރި ދަނޑިގަނޑު އުފުލާލައިފަ އެވެ.
"މިއަދު ސިއޯން-ހޯ އަށް ވަނީ އާ ފަޔެއް ލިބިފައި. އެކަމަކު އޭނާ ބޭނުން ކުރި ދަނޑިގަނޑަކީ އޭނާގެ ގުރުބާނީގެ ހަނދާނެއް. ހޯގެ ގުރުބާނީ އަކީ އެތައް ބަޔަކަށް ނަމޫނާއެއް، ހިތްވަރެއް،" ޓްރަމްޕް ވިދާޅުވި އެވެ.