31 ޖެނުއަރީ 2018 - 16:21

ކްރެޑިޓް ކާޑުގެ ހީލަތުގެ މައްސަލައަކާ ގުޅިގެން ލަންކާގައި އިއްޔެ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، މަކަރާއި ހީލަތާ ގުޅޭ ބޮޑު މައްސަލައެއްގައި ކޮލްޕިޓީ ފުލުހުން ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަން އަންގާފައިވާ ކަމަށެވެ. އަދި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ ބެލުމުގެ ދަށަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ލަންކާ ފުލުހުން ހައްޔަރު ކޮށްފައިވަނީ ޒުވާން ފިރިހެނެކެވެ.
މުންދު ވިދާޅުވީ އެ ފިރިހެނަކީ، ފައިސާއާ ގުޅޭ އެކި މައްސަލަތަކުގައި ރާއްޖޭގެ ކޯޓަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެންމެ ފަހުން ކޯޓުން ފޮނުވި ޗިޓާ އޭނާ ހަވާލުނުވާ ކަމަށް މުންދު ވިދާޅުވި އެވެ.
"ފައިސާއާ ގުޅޭ އެކި މައްސަލަތަކުގައި ކޯޓަށް ހާޒިރުކުރަން، ޗިޓް ރައްދުކުރެވިފައިވަނީ. އެކަމަކު އެންމެ ފަހުން ހުށަހެޅި ޗިޓާ އޭނާ ހަވާލެއް ނުވެ. އޭނާ ސީއައިޑީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައި މިވަނީ، ސީރިއަސް މައްސަލައަކަށް ވުމުން،" މުންދު ވިދާޅުވި އެވެ.