ސަލްމާން ޚާން މަކަރުހެދި ކަމަށް ބުނެ މީހަކު ކޯޓަށް
ސަލްމާން ޚާން މަކަރުހެދި ކަމަށް ބުނެ މީހަކު ކޯޓަށް

ސަލްމާން ޚާންގެ "ސުލްތާން" އެއް ހަފުތާ ތެރޭ 200 ކްރޯޑު (2000 މިލިއަން ރުޕީޒް) ހޯދައިގެން ރެކޯޑްތައް ހަދަމުން ދިޔަ ނަމަވެސް ފިކުރު ބޮޑުވާ ކަންތައްތައް ވެސް މަދެއް ނޫނެވެ. ކޯޓުތަކުގައި މިހާރުވެސް ސަލްމާންގެ މައްސަލަތައް އެބަހުއްޓެވެ. ހީވާގޮތުން "ސުލްތާން"ގެ ސަބަބުން އިތުރު ދައުވާއެއް ވެސް ސަލްމާންގެ މައްޗަށް އަތުވެދާނެ އެވެ.

މުޒައްފަރުއާބާދުގައި ދިރިއުޅޭ މީހަކު ސަލްމާނާއި "ސުލްތާން"ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް އަދި ބަތަލާ އަނުޝްކާ ޝަރުމާއާ ދެކޮޅަށް ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓަށް ވަނީ މަކަރުހެދިކަމަށް ބުނެ މައްސަލައެއް ހުށަހަޅާފަ އެވެ.

މުހައްމަދު ސާބިރް އަންސާރީ ކިޔާ މީހާ ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ "ސުލްތާން" އަކީ އޭނާގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެއް ކަމަށާއި އެ ފިލްމު އުފައްދާ ނަމަ ރޯޔަލްޓީގެ ގޮތުގައި 20 ކްރޯޑު (200 މިލިއަން ރުޕީސް) ދޭން ސަލްމާން ވައުދުވެފައިވާ ކަމަށެވެ.

އެމީހާގެ ކައުންސެލް ސުދީރް ކުމާރު އޯޖާ ބުނި ގޮތުގައި ސަލްމާނާއި ސާބިރް ވަނީ 2010 ވަނަ އަހަރު މުމްބާއީގައި ބައްދަލުކޮށްފަ އެވެ. އަދި މި ބައްދަލުވުމުގައި ސާބިރް އޭނާގެ ހަޔާތުގެ ވާހަކަ ސަލްމާނަށް ކިޔައިދިން ކަމަށާއި އެ ވާހަކައިގެ މައްޗަށް ފިލްމެއް އުފައްދައިފި ނަމަ 200 މިލިއަން ރުޕީޒް ދޭނެކަމަށް އެ ދުވަހު ސަލްމާން ވައުދުވީ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 26 ވަނަ ދުވަހު ބާއްވަން މިހާރު ވަނީ ތާވަލް ކޮށްފަ އެވެ.

"ސުލްތާން"ގެ ޕްރޮމޯޝަން އިވެންޓެއްގައި، އެ ފިލްމުގެ ތަޅާފޮޅާ މަންޒަރުތައް ޝޫޓްކުރި އިރު އޭނާއެކޭ ރޭޕްކޮށްފައިވާ އަންހެނެކޭ އެއްފަދައޭ ބުނެގެން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރާ އެކިއެކި ޖަމާއަތްތަކުން ވެސް ސަލްމާނާ ދެކޮޅަށް އަޑުއުފުލައި އޭނާ އެކި ކޮމިޓީތަކަށް ހާޒިރުވެ ޖަވާބުދާރީ ކުރުވަން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކޯޓުގައި މިހާރުވެސް އެކްސިޑެންޓުގެ މައްސަލައަކާއި ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރުމުގެ މައްސަލައެއް ވެސް ކުރިއަށް އެބަދެ އެވެ.