31 ޖެނުއަރީ 2018 - 15:41

އަސޭ (ޖެނުއަރީ 31) - އިންޑޮނީޝީއާގެ އަސޭ ޕްރޮވިންސަށް ދަތުރު ކުރާ ފްލައިޓްތަކުގެ އަންހެން އެޓެންޑެންޓުން ބުރުގާ އަޅަން މަޖްބޫރު ކޮށްފި އެވެ.
ސުމަތުރާގެ އަސޭ އަށް ބުރުގާ ނާޅާ ދަތުރު ކުރާ އަންހެން ކްރޫން ދީނީ ފުލުހުން އަދަބު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު މުސްލިމް ނޫން އެޓެންޑެއްޓެއް ނަމަ ހުންނަން ޖެހޭނީ ރީތިކޮށް ހެދުން އަޅައިގެންނެވެ.
އަސޭ ބަސާ ޑިސްޓްރިކްޓުގެ މޭޔަރު މަވާދީ އަލީ ވިދާޅުވީ މުސްލިމް ފްލައިޓް އެޓެންޑެންޓުން ބުރުގާ އެޅުން މަޖްބޫރު ކުރަން ޖެހުނީ އިސްލާމީ އުސޫލުތަކާ ބައެއް މީހުން ޚިލާފުވަމުންދާތީ ކަމަށެވެ.
"އަސޭ އަކީ އިސްލާމީ ޝަރީއަތަށް ވަރަށް ބޮޑަށް ހުރުމަތްތެރިކޮށް ހިތާ ޕްރޮވިންސެއް. އުއްމީދު ކުރަނީ އެއާލައިންތަކުން ވެސް އެެގޮތަށް އަމަލު ކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ. "އާ ގަވާއިދާ ބެހޭ މައުލޫމާތު އެއާލައިންތަކަށް މި ހަފުތާގައި ފޮނުވާނެ. މި ގަވާއިދާ ޚިލާފުވާ ނަމަ ދޭނެ އަދަބާ ބެހޭ ގޮތުން މަޝްވަރާ ކުރާނީ ފަހުން."
މަވާދީ ވިދާޅުވީ މުސްލިމް ފްލައިޓް އެޓެންޑެންޓުން ބުރުގާ ނާޅާ ނަމަ ފުރަތަމަ ނަސޭހަތް ދޭނީ ކަމަށާއި އޭގެ ފަހުން ވެސް އެކަން ތަކުރާރު ކުރާ ނަމަ ދީނީ ފުލުހުންނާ ހަވާލު ކުރާނީ ކަމަށެވެ. ނަމަވެސް ދޭނެ އަދަބަކާ ބެހޭ ތަފްސީލް އޭނާ ނުދެއްވަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސްލިމް ގައުމުގެ ގިނަ އަންހެނުން ބުރުގާ އަޅައިގެން ނޫޅުނު ނަމަވެސް އަސޭގައި ބުރުގާ އެޅުމަކީ މަޖްބޫރު ކަމެކެވެ.