31 ޖެނުއަރީ 2018 - 13:21

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހްމަދު ސުލައިމާން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާ މިއަދު ވަނީ އީސީ އަށް އިސްތިއުފާގެ ސިޓީ ފޮނުއްވައިފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ސުލައިމާން އިސްތިއުފާ ދެއްވިއިރު، އޭނާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އީސީ) ގެ މެމްބަރަކަށް ކުރިމަތިލާން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އަދި އެންއައިސީއަށް ކުރިމަތިލުމަށް ހުޅުވާލި ތިންވަނަ ފުރުސަތު މިއަދު ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ސުލައިމާން އިސްތިއުފާ ދެއްވާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމި މައްސަލާގައި އެ ކޮމިޝަނަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން ވިދާޅުވާ ގޮތުގައި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަށް ފަހު އެ ދާއިރާތަކުގެ ބައި އިލެކްޝަން ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވުމުން ކޮމިޝަން ވަނީ ގާނޫނާ ޚިލާފުވެފަ އެވެ.
ސުލައިމާން އިސްތިއުފާ ދެއްވައި ރާއްޖެއިން ބޭރަށް ވަޑައިގެންފި ކަމަށް މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވެ އެވެ.