31 ޖެނުއަރީ 2018 - 16:44

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރޭ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން 3-1 އިން މޮޅުވިއިރު ކުޅެން ޖެހުނީ ޕްރެޝަރު މެޗެއް ކަމަށާއި ކުރެވުނު މަސައްކަތާ އެކު ކުރިއަށްދާން ހިތްވަރެއް ލިބިއްޖެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ސައިފްގެ މައްޗަށް ދެ ލެގުން ޓީސީ ކުރިހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި ވެސް ސައިފުން ޓީސީގެ ގޯލަށް ނުރައްކާކުރި އެވެ. އަދި ޓީސީ އަށް އަމިއްލަ ދަނޑުގައި ކުުޅުނުއިރު ވެސް އެންމެ ރަނގަޅަށް ހޯމް އެޑްވާންޓޭޖް ނެގޭގޮތެއްނުވީ ސައިފަށް ސަޕޯޓްކުރަން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ދަނޑަށް ވަނުމުންނެވެ.
"ފެނިގެންދިޔަ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ބަންގްލަދޭޝް މީހުން ދަނޑަށް ގިނައިން ވަން މެޗެއްގައި ޕްރެޝަރުވެގެންދިޔަތަން. އެކަން ދިމާވި ޓީސީ އަށް ވެސް. ހަގީގަތުގައި ހޯމްގައި ކުޅުނަސް ޕްރެޝަރު މެޗެއް މިއީ. އެކަމަކު ބޭނުންވީ މޮޅެއް ހޯދަން. މި ކަހަލަ މެޗަކުން މޮޅުވުމަކީ ކުރިއަށް ދިއުމަށް މުޅި ޓީމަށް ލިބުނު ހިތްވަރެއް،" ނިޒާމްބެ "މިހާރަ"ށް ބުންޏެވެ.
ރޭގެ މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައި އޮއްވައި މެޗު ޓީސީ ކޮޅަށް އަނބުރާލުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން އެރި އއ. މާޅޮހުގެ އަހުމަދު އާރިފް (އާރީ) އެވެ. ޓީސީ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދިން ޕެނަލްޓީ ހޯދައިދިނީ އާރީ އެވެ. އޭގެ ފަހުން އެ ޓީމުގެ ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވް ހެޓްރިކް ފުރިހަަމަކުރި ހިލޭ ޖެހުން ހޯދައިދިނީ ވެސް އާރީ އެވެ.
ނިޒާމްބެ ބުނީ ފުރަތަމަ ފަހަރަށް ކުޅުނު މެޗާ ބަލާ އާރީގެ ކޮންފިޑެންސާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"ހަގީގަތުގައި އާރީގެ ކޮންފިޑެންސް މި މެޗުގައި ފެނުނީ. އޭނާގެ އޮވޭ އެ ޔަގީންކަން. ހަގީގަތުގައި ޕްލޭނުގައި އޮތީ ވެސް އެގޮތަށް. ޕްރެޝަރުގައި ކުޅެން ފުރުސަތު ލިބިގެން ކުޅުންތެރިން ކުރިއަރާނީ. ދެން މިއީ ސައްޓު (އިޝާން އިބްރާހިމް)ގެ ވެސް ފުރަތަމަ މެޗު. އޭނާ ވެސް ރަނގަޅަށް ކުޅެފި،" ނިޒާމްބެ ބުންޏެވެ.
މީގެ އިތުރުން ރޭގެ މެޗުގައި ޓީސީ ގޯލު ބެލެހެއްޓި އިބްރާހިމް ނަދީމްގެ ކުޅުން ވެސް ނިޒާމްބެ ފާހަގަކުރި އެވެ. މިއީ ފުރަތަމަ އެގާރައިގައި ހިމެނިގެން ނަދީމް ބައިނަލްއަގްވާމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ އަކަށް ޓީސީ ދެން ނުކުންނާނީ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. ބެންގަލޫރާ ދެކޮޅަށް ޓީސީ މާލޭގައި ކުޅޭ ފުރަތަމަ ލެގުގެ މެޗު އޮންނާނީ އަންނަ މަހު 13 ވަނަ ދުވަހުގަ އެވެ. އިންޑިއާގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 20 ވަނަ ދުވަހު އެވެ.
ނިޒާމްބެ ބުނީ ބެންގަލޫރާ ދެކޮޅަށް ކުޅޭއިރު އެންމެ މުހިއްމު ކަަމަކީ ހޯމް އެޑްވާންޓޭޖް ނެގުން ކަމަށެވެ.
"ސަތޭކަ ޕަސެންޓް ވިސްނަން ޖެހޭ ހޯމް އެޑްވާންޓޭޖް ނަގަން. ދެން ބެންގަލޫރުން އަބަދުވެސް ގެންގުޅޭ ކަމެއް އެއީ އަވޭ މެޗުތަކަށް ނުކުންނައިރު އެ މީހުންގެ ބައެއް ސީނިއާ ކުޅުންތެރިން ނުކުޅޭކަމަށް ދެއްކުން. އެކަން ފެނުނު މިދިޔަ އަހަރު ވެސް. ދެން މި ފަހަރު ބޫޓާން ޓީމާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނުއިރު ވެސް. ޓީސީން ޖެހޭނެ އެ ހުރިހާ ކަމަކަށް ވިސްނައިގެން ހޯމް މެޗުގައި ރަނގަޅު ނަތީޖާ އަކަށް ވިސްނަން،" ނިޒާމްބެ ބުންޏެވެ.
ޕްލޭއޮފް ދެ ލެގުން ޓީސީން ބެންގަލޫރުގެ މައްޗަށް ކުރި ހޯދައިފިނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ވާދަކުރާނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ.