01 ފެބުރުއަރީ 2018 - 06:27

"ކެދާރްނާތު" އަކީ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. މި ފިލްމުގެ މަސައްކަތް ފެށުމާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް ސާރާގެ ރީތިކަމާއި ކުޅަދާނަކަން ފާހަގަކުރެވި އޭނާ ލައްވާ ފިލްމު ކުޅުވުގެ ޝައުގުވެރިކަން ވަނީ އުފެދިފަ އެވެ.
ނަމަވެސް ސާރާ ލައްވާ ފިލްމު ކުޅުވަން ބޭނުން މީހުންނަށް ވަނީ ދިގު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. "ކެދާރްނާތު" ރިލީޒްކުރުމުގެ ކުރިން އިތުރު އެހެން ފިލްމެއް ކުޅެން ސޮއިކުރުމުގެ ހުއްދަ އެ ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ސާރާއަކަށް ނުދޭނެ އެވެ.
"ކެދާރްނާތު" އަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް އަންނަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މުމްބައިގެ ފިލްމު ސިޓީގައި ހަތް ކްރޯޑު ރުޕީސްގެ އަގުބޮޑު ސެޓެއް އެ ފިލްމުގެ ޝޫޓިން އަށް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.
ސާރާ ސްކްރީނުން ބަލައިލަން ބޭނުން މީހުންނަށް މިހާރު ޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހާ ހަމަޔަށް އިންތިޒާރު ކޮށްލާށެވެ. ސަބަބަކީ ސުޝާންތު ސިންގް ރާޖްޕޫތާއެކު ސާރާ ކުޅޭ "ކެދާރްނާތު" ރިލީޒްކުރާނީ އެ މަހު ކަމަށް ވާތީ އެވެ.
ޑިސެމްބަރު 21 ވަނަ ދުވަހު "ކެދާރްނާތު" އަށް ކުރިމަތިލާން ޖެހޭ ބޮކްސް އޮފީހުގެ ހަނގުރާމަ ވެސް ވަކިން ދެރައެއް ނޫނެވެ. ސަބަބަކީ ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ އަދި ކެޓުރީނާ ކައިފްގެ "ޒީރޯ" ރިލީޒްކުރަނީ އެ ދުވަހު ކަމަށް ވާތީ ދެ ފިލްމު ބޮކްސް އޮފީހުގައިވަރަށް ބޮޑު ކުރިމަތިލުމަކަށް ދާނެތީ އެވެ.
ރިތިކް ރޯޝަން އަލަށް ފަށާ "ސުޕަ 30"ގެ ބަތަލާ އަކަށް ވެސް ސާރާ ހަމަޖައްސަން ރިތިކް ޝައުގުވެރިވެގެން އުޅޭ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ. ނަމަވެސް ރިތިކްގެ ފިލްމު ވެސް އަދި އެހެން ފިލްމެއް ވެސް ސާރާ އަށް ކުޅެވޭނީ ޑިސެމްބަރު 21 ގެ ފަހުންނެވެ.