01 ފެބުރުއަރީ 2018 - 06:31

ޗައިނާގެ ސްމާޓްފޯނު ކުންފުނިތަކުން ޚަބަރު ސުރުޚީތައް ހިސޯރުކުރާ ދުވަސްކޮޅެކެވެ. އެ ކުންފުނިތަކާ ބެހޭ ގޮތުން، ކޮންމެ ދުވަހަކު ވެސް، އާ ވާހަކަތަކެއްގެ އަޑުއިވެ އެވެ. މި ފަހަރު ވީވޯ އެވެ.
ވީވޯ އަކީ ޗައިނާ ޓެކްނޮލޮޖީ ކުންފުންޏެކެވެ. މައިގަނޑު މަސައްކަތަކީ ސްމާޓްފޯން ޑިޒައިންކޮށް އުފެއްދުމެވެ. ސްމާޓްފޯން "އެކްސެސޮރީޒް"، ސޮފްޓްވެއާ އަދި އޮންލައިން ޚިދުމަތްތައް ވިއްކުމަކީ ވެސް އެ ކުންފުނިން ކުރާ ވިޔަފާރިއެކެވެ.
މި އަހަރު ފެށުނުތަނުން އަޑުއަރައިގެންދިއައީ ވީވޯ ސްމާޓްފޯނުތަކުގައި ހިމެނުމަށް ތައާރުފުކުރި ފިންގާޕްރިންޓް ސްކޭނާއަކާ ބެހޭ ގޮތުންނެވެ. ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާއެއް ވަޅުލި ބަޔަކު މިހާތަނަކަށް ވީވޯ ނޫނީ ނެތެވެ.
ސްމާޓްފޯނެއްގައި 10ޖީބީ ރޭމް ހިމަނަން ވީވޯ އުޅޭ ކަމަށް ދެކެވޭ ވާހަތައް ވެސް ޝައުގުވެރި އެވެ. އެހެން ކުންފުންޏެއްގެ ފޯނެއްގައި އެހާ ގިނަ "ރޭމް" އަދި މިހާތަނަށް ހިމަނާފައި ނެތެވެ. މިއީ އަދި ތުންތުންމަތިން ދެކެވޭ ވާހަކައެކެވެ.
ޗައިނާ ސޯޝަލް ނެޓްވޯކްތަކުގައި މި ވާހަކަތައް ވަރަށް އަޑުގަދަކޮށް އެބަ ދެކެވެ އެވެ. މިއީ ފަހަރެއްގައި ހަގީގަތަކަށް ވެސް ވެދާނެ އެވެ. ނޫން ނަމަ ކުރާ މަލާމާތަކަށް ވެސް ވުން ގާތެވެ. ޓެކްނޮލޮޖީ މަސްރަހުގައި، އެއްޗެއް މަޝްހޫރުކުރުމަށް ސޯޝަލް ނެޓްވޯކަށް ދޫކޮށްލަ އެވެ. އެ އެއްޗެއް އުފެއްދުމުގެ ދުވަސްތަކެއް ކުރިންނެވެ. އެއީ އެ ކަމާ ގުޅިގެން ސަޕޯޓަރުން އަދި ވަފާތެރިން ދައްކާ ވާހަކަތައ އަޑުއެހުމަށެވެ.
ވީވޯއިން 10ޖީބީ ސްމާޓްފޯނެއް އުފައްދައިފި ނަމަ އެ ވާނީ ބާރުގަދަ ފޯނަކަށެވެ. އެއާ ގުޅިގެން ފޯނުގެ މައި ޕްރޮސެސާ، ޖީޕީޔޫ، ޑިސްޕްލޭ ގްރެފިކް އިންޖީން އަދި ސްކްރީން ވަރުގަދަކުރަން ޖެހޭނެ އެވެ.
ފޯނަށް ކިޔާނެ ކަމަށް ބުނެވެނީ "އެކްސްޕްލޭ7" އެވެ. މައި ޕްރޮސެސާ އަކީ ކުއަލްކޮމް ސްނެޕްޑްރޭގަން 845 އެވެ. ސްޓޯރޭޖް 512ޖީބީ އެވެ.