"ޕަދްމާވަތު"ގެ ފޯރި އެމެރިކާގައި ވެސް ގަދަ
"ޕަދްމާވަތު"ގެ ފޯރި އެމެރިކާގައި ވެސް ގަދަ

ސަންޖޭ ލީލާ ބާންސާލީ އުފެއްދި "ޕަދްމާވަތު"ގެ ފޯރި އެމެރިކާގައި ވެސް ވަރަށް ގަދަވެއްޖެ އެވެ. އެގޮތުން ކެލިފޯނިއާގެ ސެން ފްރެންސިސްކޯ ބޭ ގައި ދިރިއުޅޭ ބަޔަކު ވަނީ ތިއޭޓަރެއް އެއްކޮށް ބުކްކޮށް، "ޕަދްމާވަތު"ގައި ދީޕިކާ ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން ފިލްމު ބަލަން ގޮސްފަ އެވެ.

ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ޓުވީޓްކުރި ފިލްމު ބަލަން ދިޔަ މީހުން ޝޯ ފެށުމުގެ ކުރިން ރާނީ ޕަދްމިނީ ގޮތަށް ހެދުން އަޅައިގެން 'ގޫމަރް" ލަވަޔަށް ނަށާތަން ފެނެ އެވެ.

އެމެރިކާގެ ނެޝަނަލް ބާސްކެޓް އެސޯސިއޭޝަނުން އިންތިޒާމްކުރި ބާސްކެޓް ބޯޅަ މެޗެއް ފެށުމުގެ ކުރިން ޗިއާލީޑަރުން ތަކެއް 'ގޫމަރް" ލަވައަށް ނަށާފައިވެ އެވެ.

އެމެރިކާގައި މި ފިލްމަށް ފުރަތަމަ ހަފުތާ ބަންދާ ހަމައަށް ފަސް މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. އެންމެ ރަނގަޅަށް ހިނގާ ހިންދީ ފިލްމުތަކަށް ވެސް އާއްމުކޮށް ލިބެނީ ތިން މިިލިއަން ނުވަތަ ހަތަރު މިލިއަން ޑޮލަރު ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ.

އެމެރިކާ ނޫނަސް ވަރަށް ގިނަ ގައުމުތަކުގެ މީހުންނަށް "ޕަދްމާވަތު" ވަނީ ވަރަށް ކަމުގޮސްފަ އެވެ. އަދި ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ބޭރުގެ މާކެޓްތަކުން އެ ފިލްމު އަންނަނީ ހޯދަމުންނެވެ. އެގޮތުން އޮސްޓްރޭލިޔާއިން މި ފިލްމަށް މިހާތަނަށް ދެ މިިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ. މިހާތަނަށް މިވަރު ލިބިފައިވަނީ އެންމެ ތިން ހިންދީ ފިލްމަށެވެ. އެއީ އާމިރު ޚާންގެ "ދަންގަލް" އާއި "ޕީކޭ" އަދި "ބަހޫބަލީ 2" އަށެވެ.

އިންޑިއާގައި ފިލްމާ ދެކޮޅަށް ހަޅުތާލުކުރާ ކަރްނީ ސޭނާ އިން އެންމެ ދެކޮޅު ހަދަމުންދާ އެއް ކަމަކީ "ގޫމަރް" ލަވަ ފިލްމުގައި ހިމެނުމެވެ. އެ މީހުން ދެކޮޅު ހަދާ ވަރަކަށް މުޅި ދުނިޔޭގައި އެ ލަވަ އަންނަނީ މަޝްހޫރުވަމުންނެވެ.

"ޕަދްމާވަތު" އަށް އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. މިހާތަނަށް ފިލްމު ވަނީ 129 ކްރޯޑު ހޯދައިފަ އެވެ. ފިލްމު ރިލީޒްކުރެވިފައިވަނީ އިންޑިއާގެ 60 ޕަސެންޓް ސަރަހައްދުގައި ކަމުން މިއީ ވަރަށް އެކަށީގެންވާ އަދަދެއް ކަމަށް ފިލްމީ ތަޖުރިބާކާރުން ބުނެ އެވެ.

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ލީޑް ރޯލުތައް ކުޅެފައިވާ "ޕަދްމާވަތު" އަކީ 16 ވަނަ ގަރުުނުގައި އުޅުނު ޝާއިރެއް ކަމަށްވާ މަލިކް މުހައްމަދު ޖައިސީ ލިޔުނު ތާރީޚީ ޅެމެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.