31 ޖެނުއަރީ 2018 - 12:09

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ތިން ފެކަލްޓީއަކަށް، ޑީނުން މިއަދު އައްޔަންކޮށްފި އެވެ.

އެ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޑީނުން އައްޔަން ކުރީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް އަށާއި ފެކަލްޓީ އޮފް އިންޖިނިއަރިން ސައެންސް އެންޑް ޓެކްނޮލޮޖީގެ އިތުރުން ނާސިން ސްކޫލަށެވެ.
ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ފެކަލްޓީގެ ޑީންއަކަށް އައްޔަަން ކުރީ ޝެއިހު އަލީ ޒާހިރެވެ. އިންޖިނިއަރިން ފެކަލްޓީއަށް ޑރ. ޝަޒްލާ މުހައްމަދު އައްޔަން ކުރިއިރު، ނާސިން ސްކޫލުގެ ޑީނަކަށް ހަމަޖެއްސީ އާސިޔާ އިބްރާހިމެވެ.
އަލީ ޒާހިރާއި ޝަޒްލާ އަކީ މީގެ ކުރިން ވެސް އެމްއެންޔޫގެ ބައެއް ފެކަލްޓީތަކުގެ ޑީންގެ މަގާމު އަދާކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އާސިޔާ އަކީ 1998 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް ހެލްތު އެންޑް ސައެންސްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ، އެ ޔުނިވަސިޓީގައި ނާސިން ސްކޫލެއް އުފެއްދީ، އެއީ ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއަކަށް ވުމުން ކަމަށެވެ. ގިނަ އަދަދެއްގެ ދަރިވަރުން މިހާރުު ވެސް އެ ފެކަލްޓީގައި ކިޔަވަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މި އަހަރު އަލަށް އުފެއްދި ނާސިން ސްކޫލުގެ ޑީން އާސިޔާ ވިދާޅުުވީ ނާސިން ކޯހުގެ ފެންވަރު ރަނގަޅުކޮށް، ޕީއެޗްޑީއަށް ކިޔަވައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރަށްރަށުގައި ހުންނަ ކެމްޕަސްތަކުގައި ޑިގްރީ އަށާއި މާސްޓާސް ފެންވަރަށް ކިޔެވޭނެ ގޮތް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.