31 ޖެނުއަރީ 2018 - 12:25

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ފަސް މާއްދާއިން 77 ޕަސެންޓް ދަރިވަރުން ފާސްވެފައިވާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައިވާ ނަތީޖާއަކީ އޮޅުވާލުމެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެޑިއުކޭޝަނުން ބުނެފައިވާ ގޮތުގައި ފަސް މާއްދާއިން ފާސްވި ނިސްބަތް، 2016 ވަނަ އަހަރާ ބަލާއިރު ހަތް ޕަސެންޓް ވަނީ މަތިވެފަ އެވެ. އަދި ތިން މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވެސް 93 ޕަސެންޓަށް އަރާފައި ވާއިރު މިއީ ބޮޑު ކާމިޔާބީއެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އެކަމަކު އެމްޑީޕީން ބުނީ އޯލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރި ކޮށްފައިވާގޮތް ސާފުކޮށްދޭން ޖެހޭ ކަމަށާއި އެކަން ކޮށްފައިވަނީ އިމްތިހާނުގެ ނަތީޖާ އެންމެ ރަނގަޅަށް ވަޒަންކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި މި ކަމާ ބެހޭ ގޮތުން އެމްޑީޕީން ތިން ކަމެއް ވަނީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި އެމްޑީޕީން ބުނީ ސާނަވީގައި ރަނގަޅު ނަތީޖާ ނުހޯދޭނެ ކަމަށް ބެލެވޭ ދަރިވަރުންނަށް ތަމްރީނެއް ހަދަން ދީ، އެ ފުރިހަމަ ކުރުމުން އޯލެވެލްގެ ހަތަރު މާއްދާއިން ފާސްވީ ކަމަށް ކަނޑައެޅުމެވެ.
"ގްރޭޑް ހަތެއް ނިމުމުން، ދަރިވަރުންނަށް އަށް މާއްދާ ކިޔެވޭނެތޯ ބަލައި، ނުކިޔެވޭނަމަ މަޖުބޫރު ހަތަރު މާއްދާ ކިޔަވަން ދެ އެވެ. އަދި ކޮންމެވެސް ދާއިރާއަކުން ތަމްރީނު ދެ އެވެ. މި ތަމްރީނުން ފާސް ވެއްޖެނަމަ އޯ ލެވެލްގެ ހަތަރު މާއްދާއިން ފާސްވި ކަމަށް ބަލާއިރު އިތުރު އެންމެ މާއްދާއަކުން ފާސްވި ނަމަވެސް އޭނާ އެ ހިމެނުނީ، ފަސް މާއްދާއިން ފާސްވި މޮޅެތި ދަރިވަރުންގެ ތެރޭގަ އެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ދެން އެ ޕާޓީން ފާހަގަ ކުރި އަނެއް މައްސަލައަކީ ގްރޭޑް ނުވައެއްގެ ދަރިވަރުންގެ ފަހު އިމްތިހާނުގެ ނަތީޖާއަށް ބަލައި، ދަށްވެއްޖެ ނަމަ ދަސްވާރު ޕްރޮގްރާމްގައި ބައިވެރި ކުރުވުމެވެ. މަސައްކަތުގެ މާހައުލަށް ދަރިވަރުން ހާނައި، މަސައްކަތް ދަސްކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމްގައި ރެސްޓޯރަންޓާއި ފާމަސީ ފަދަ ތަންތަނުގައި މަސައްކަތް ކުރަން ޖެހޭއިރު، އެ ޕްރޮގްރާމް ނިންމައި ފޯމެއްގައި ސޮއިކުރުމުން އޯލެވެލްގެ ތިން މާއްދާއިން ފާސްވީ ކަމަށް ބަލާ ކަމަށާއި އަދި އިތުރު ދެ މާއްދާއިން ފާސްވުމުން، މޮޅެތި ދަރިވަރުންގެ ތެރޭގައި ހިމެނުނީ ކަމަށް ބަލާ ކަމަށް އެމްޑީޕީން ބުންޏެވެ.
"އެކަމަކު (ރެސްޓޯރަންޓާއި ފާމަސީ ފަދަ) ތަންތަނަކީ މުގައްރަރުތަކެއް އެކުލަވައިލައިގެން އެ ކަމަށް ތަމްރީނު ވެފައިވާ ޓީޗަރުންތަކެއް ތިބެގެން މާ ބޮޑު ބެލުންތެރިކަމެއް އޮވެގެން ޕްރޮގްރާމް ކުރިޔަށް ގެންދާ ތަންތަނެއް ވެސް ނޫނެވެ. އެކަމަކު ދަރިވަރަކު ކުރަންޖެހޭ ކަމެއް ކުރަން އެނގޭ ކަމަށް ބުނެ ފޯމެއް ފުރުމުން ބަލަނީ ތިން މާއްދާއިން ފާސްވީ ކަމަށެވެ." އެމްޑީޕީން ބުންޏެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރީ ގްރޭޑް 10 ގައި ދޭ މޮކް އިމްތިހާނުގެ ނަތީޖާއަށް ބަލައި، އޯލެވެލްގެ އެކި މާއްދާތަކުގައި ދަރިވަރުން ބައިވެރި ނުކުރަން ނިންމުމެވެ. އެއީ އެ މާއްދާއިން އެ ކުއްޖަކު ފާސް ނުވެދާނެ ކަމަށް ބަލައިފަ އެވެ.
އެމްޑީޕީން ބުނީ މިހެން އެތައް ހަރުފަތެއްގައި އެކި ގޮތްގޮތުން ފުރާނާލައި، ފާސްވާނެ ކަމަށް ބެލެވޭ ދަރިވަރުން އިމްތިހާނުގައި ބައިވެރިކޮށް، އެހެން ދަރިވަރުންނަށް އެ ފުރުސަތު ނުދިނުމުން އިމްތިހާނުގެ ނަތީޖާ މަތިވާނެ ކަމަށެވެ. އެކަމަކު އެއީ ތައުލީމުގެ ހަގީގީ ފެންވަރު ބެލޭނެ ގޮތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންވެ، އޯ ލެވެލްގެ ނަތީޖާ މަތި ކަމަށް ދެއްކުމަށް އެޑިއުކޭޝަނުން ކުރާ މަސައްކަތް ހުއްޓާލައި، ކޮންމެ ދަރިވަރަކަށް ވެސް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ތައުލީމު ފޯރުކޮށްދިނުމަށް އެ ޕާޓީން ގޮވާލާފައި ވެ އެވެ.
އޯލެވެލް އިމްތިހާނާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައި ވަނީ ކުރީ އަހަރުތަކަށް ވުރެ މި ހަތަރު އަހަރުގެ ތެރޭގައި ވަކިވަކި މާއްދާތަކުން އަދި (އިމްތިހާނުގައި) ވަކިވަކި ގްރޭޑުތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން "ޔޫ" ފާސް ލިބޭ ވަރު ހަތް ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޖުމްލަ ގޮތެއްގައި ދަންނަވާލަން ބޭނުންވަނީ މިފަހަރަކީ ރާއްޖޭގެ ތާރީޚުގައި ތައުލީމީ ގޮތުންނާއި ނަތީޖާގެ ގޮތުން ރަނގަޅު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ފަހަރެކޭ. އެއާ ގުޅިފައި އެ ހުރީ ބެލެނިވެރިންނާއި ސްކޫލުތައް ގުޅިގެން ދަރިވަރުންގެ ހައްގުގައި ކުރެވިފައި ހުރި މަސައްކަތް." އައިޝަތު ޝިހާމް ވިދާޅުވި އެވެ.
މި އަަހަރު 5،300 ދަރިވަރުން އޯ ލެވެލް އިމްތިހާނު ހެދި އެވެ. އޭގެ ތެރެއިން 3،800 އެއްހާ ދަރިވަރުން ރަށްރަށުން ބައިވެރިވިއިރު މާލެއިން އިމްތިހާނު ހެދީ 1،500 ދަރިވަރުންނެެވެ.