31 ޖެނުއަރީ 2018 - 09:43

ލ. ގަމުގައި ބޭއްވި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ލެވެލް އެކެއްގެ އެތުލެޓިކްސް ކޯޗިން ކޯހުގެ އެއް ވަނަ މަގާމް ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ހުސެއިން ހަލީމް ހޯދައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އޮލިމްޕިކް ސޮލިޑަރިޓީގެ އެހީގައި ބޭއްވި މި ކޯހުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 24 ފަރާތަކުން ބައިވެރިވި ކަމަށެވެ. އެ އެންމެން ވެސް ފާސްވިއިރު އޭގެ ތެރެއިން ހަ ކޯޗަކު ވަނީ ލެވެލް 2 އަށް ހޮވިފަ އެވެ.
ހޮވުނު ބައިވެރިންނަކީ ގައުމީ ސްޕްރިންޓް ޓީމުގެ އެސިސްޓަންޓް ކޯޗުކަންކުރާ ހަލީމްގެ އިތުރުން ގދ. ތިނަދޫ ރީޖަނަލް ހެޑް ކޯޗު ހުސެއިން ރައުހަތު ގުދުރަތުﷲ އާއި އައްޑޫ ސިޓީގެ ރީޖަނަލް ކޯޗު މަފާޒާ މުސްތަފާ އާއި ރާއްޖޭގެ މަޝްހޫރު ދިގު ރާސްތާ ދުވުންތެރިޔާ އަހުމަދު ރިޒާގެ އިތުރުން ލ. އަތޮޅުން ބައިވެރިވި ދެ ކޯޗުން ކަމަށްވާ ހުސެއިން ހަލީމް އަދި އަސްލަމް މުހުތާރެވެ.
މި ކޯހުގައި ކިޔަވައިދެއްވީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު އިންޑިއާގެ ޕީ.އާރް ނަޔަރް އަދި ތަޖުރިބާކާރު އިންސްޓްރަކްޓަރު މޫސާ ރަޝީދު (އެސްޕީ) އެވެ.
މި ކޯހުން އެއް ވަނަ ހޯދި ހުސެއިން ހަލީމަކީ ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ކުރިން އޮތް ދުވުންތެރިޔެކެވެ. އަދި އޭނާ އަކީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސްޕްރިންޓް ރިލޭ އިން ލޯ މެޑަލް ރާއްޖޭން ހޯދި ޓީމުގެ ދުވުންތެރިޔެކެވެ. އޭނާ އަކީ ގައުމީ ޓީމަށާއި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިޔެއް ވެސް މެ އެވެ.