ސައިފަށް ލިބުނީ ސަޕޯޓް، ޓީސީ އަށް މޮޅެއް ހައްގު: ކޯޗު
ސައިފަށް ލިބުނީ ސަޕޯޓް، ޓީސީ އަށް މޮޅެއް ހައްގު: ކޯޗު

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބަށް 3-1 އިން ލިބުނީ ހައްގު މޮޅެއް ކަމަށާއި މި މެޗުގައި ސައިފް ސްޕޯޓިން ކްލަބަށް ލިބުނު ސަޕޯޓަށް ޝުކުރު އަދާކުރާކަމަށް އެ ޓީމުގެ ކޯޗު އިންގްލެންޑްގެ ރަޔާން ނޯތުމޯ ބުނެފި އެވެ.

ސައިފަށް ލިބުނީ ސަޕޯޓް، ޓީސީ އަށް މޮޅެއް ހައްގު: ކޯޗު
ސައިފަށް ލިބުނީ ސަޕޯޓް، ޓީސީ އަށް މޮޅެއް ހައްގު: ކޯޗު

ސައިފްގެ މައްޗަށް ދެ ލެގުން ޓީސީ ކުރިހޯދީ 4-1 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ. ދެ މެޗުގައި ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ސައިފްގެ ކުޅުންތެރިން އަތުން ވަނީ ގެއްލިފަ އެވެ. ރޭގެ މެޗަށް ފަހު ނޯތުމޯ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

"އަހަރެމެންގެ ފަރާތުން ދެ މެޗުގައި ވެސް ފެނުނީ އެއް ކަމެއް. ލަނޑު ނުޖެހުމުގެ މައްސަލަ. ހަގީގަތަކީ އަހަރެމެން ފެނުނީ އެޓޭކުގައި ވެސް ޑިފެންސްގައި ވެސް ބޭނުންވާ ގޮތަކަށް ނޫން. އެ ގޮތަށް ދެ މެޗުން ވެސް ބަލިވުމުގެ ނަތީޖާ އަކީ އަހަރެމެން މުބާރާތާ ވަކިވާން ޖެހުން،" ނޯތުމޯ ބުންޏެވެ.

ނޯތުމޯ ބުނީ ދެ މެޗު ވެސް އެއްގޮތަކަށް ދިއުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށާއި ކޯޗެއްގެ ގޮތުގައި އޭނާ އަށް ކުރިމަތިވާ ޗެލެންޖް ވެސް ބޮޑު ކަމަށެވެ.

"ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމެއް ދެ މެޗުގައި އެއް ގޮތަކަށް ބަލިވެގެންދާން ވަރަށް ރަނގަޅަށް ކުޅެފައި. ހަމަ އެއް ކަމެއް މި ތަކުރާރުވީ. ކުޅުންތެރިން ހިތަށް އަރާނެ މި އަށް ވުރެން ރަނގަޅަށް ކުޅެވުނު ނަމައޭ. އެކަމަކު ކޯޗަކަށް ހަމައެކަނި ކިޔައިދެވޭނީ. އެ ގޮތަށް ވިސްނާއިރު ކޯޗަށް އޮތް ޗެލެންޖް މާ ތަފާތު،" ނޯތުމޯ ބުންޏެވެ.

ދެ މެޗަށް ބަލާއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަށް ނަގާލީ ސައިފުންނެވެ. އެހެން ނަމަވެސް ނޯތުމޯ ބުނީ މުހިއްމު ކަމަކީ ލަނޑު ޖެހުން ކަމަށާއި ޓީސީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށެވެ.

"ޓީސީ ހަތަރު ގޯލު ޖަހައިފި. އަހަރެމެންނަށް ޖެހުނީ އެންމެ ގޯލެއް. އެކަމު ކުޅުނު ކުޅުމާއި ލަނޑު ޖަހާނެ ފުރުސަތު ތަނަވަސްކުރި މިންވަރާއި ބޯލް ޕޮސެޝަނާ މި ކަންކަމަށް ބަލާއިރު ތަފާތެއް އައިސްދާނެ. އެކަމަކު އެ އަށް ބަލައިގެން ވާނެ ފައިދާއެއް ނެތް. އެއީ ނަތީޖާ އަކީ 4-1 (އެގްރިގޭޓް). ޓީސީ އަށް މޮޅެއް ހައްގު،" ނޯތުމޯ ބުންޏެވެ.

މި މެޗު ބަލަން ދަނޑަށް ހަތަރު ހާހެއްހާ ސަޕޯޓަރުން ދަނޑަށް ވަންއިރު، އޭގެ ތެރެއިން ގިނައީ ސައިފަށް ސަޕޯޓްކުރަން ވަން ބަންގްލަދޭޝް މީހުންނެވެ. ސައިފްގެ ކޯޗެއްގެ ގޮތުގައި ހުރިއިރު ރޭ މާލޭގައި ކުޅުނު މެޗަކީ އެންމެ ރަނގަޅު ސަޕޯޓެއް ލިބުނު އެއް މެޗުކަން ނޯތުމޯ ވަނީ ފާހަގަކޮށްފަ އެވެ.

"ސަޕޯޓަރުންނަކީ މި މެޗުގައި އަހަރެމެންގެ 12 ވަނަ ކުޅުންތެރިޔާ. ކޮންމެ ފަހަރަކު އަހަރެމެން ޓީސީ ހާފަށް ބޯޅަ ހިފައިގެން ވަންނައިރު ދަނޑުގެ އަޑުގަދަވުމުން އެކަން އެނގިގެންދޭ. އެއީ ކުޅުންތެރިޔަކަށް ވެސް އަދި ކޯޗަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް. ސަޕޯޓްގެ ކަންތައް އަހަރެމެންނަށް ދިޔައީ ވަރަށް ރަނގަޅަށް،" ނޯތުމޯ ބުންޏެވެ.

އޭނާ ބުނީ ޓީސީ އަށް ޕްލޭއޮފް ބުރުގައި ކާމިޔާބަށް އެދޭ ކަމަށާއި މިއީ ސައިފުން މުސްތަގުބަލަށް ވިސްނަންވީ ވަގުތު ކަމަށާއި ހެދިފައިހުރި ގޯސްތަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.