31 ޖެނުއަރީ 2018 - 09:14

ކާޑިފް، ވޭލްސް (ޖެނުއަރީ 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ހަޑްސްފީލްޑް ޓައުން އަތުން 3-0 އިން މޮޅުވެ ލިވަޕޫލް ހަމަޖެހުމެއް ހޯދިއިރު، ލީގުގެ ފުލުގައި އޮތް ސްވަންސީ ސިޓީ އަތުން 3-1 އިން ބަލިވެ އާސެނަލް މައްސަލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މެޗުން ބަލިވުމުން ލީގުގެ ހަދަ ހަތަރަކާ އާސެނަލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ އަށް ޕޮއިންޓަށް ބޮޑުވެފަ އެވެ. އާސެނަލް ލީގުގެ ހަ ވަނައިގައި 25 މެޗުން 42 ޕޮއިންޓާ އެކު އޮތްއިރު، ހަތަރު ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 25 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ޓޮޓެންހަމަށް ވަނީ 24 މެޗުން 45 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗަށް ލިވަޕޫލް ނުކުތްއިރު އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފަ އެވެ. ޖެހިޖެހިގެން ތިން މެޗުން ބަލިނުވުމުގެ އަމާޒުގައި ލިވަޕޫލުން ނުކުތްއިރު މި މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފަ އެވެ. މި މެޗުގެ 26 ވަނަ މިނިޓްގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުން ލިވަޕޫލަށް ލީޑުނަގައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްގެ ލީޑުފުޅާކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެެރެއިން ލިބުނު ބޯޅައެއް ގޯލުގެ ހަނި އޭންގަލަކުންނެވެ.
ދެ ވަނަ ހާފުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން މިސްރުގެ ވިންގް މުހައްމަދު ސަލާހު އެވެ. މިއީ މި ފަހަރު ލީގުގައި ސަލާހު ލިވަޕޫލަށް ޖަހައިދިން 19 ވަނަ ލަނޑެވެ.
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އެންމެ ބޭނުންވި ކުޅުން ނުފެނުނު ނަމަވެސް ފުރަތަމަ ޓާގެޓަކީ ތިން ޕޮއިންޓް ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.
"މިއީ އަހަރެމެންގެ އެންމެ މޮޅު ކުޅުމެއް ނޫން. އެކަމަކު އެންމެ ފަހުން މެޗުތަކުގައި ވެފައި ހުރި ގޮތަށް ބަލާއިރު މި މެޗުން މުހިއްމީ ތިން ޕޮއިންޓް ހޯދުން. އެކަން ހާސިލްވެއްޖެ. ޓީމު އަލުން ޓްރެކަށް އެޅުމުގެ ސިގްނަލެއް މިއީ،" ކްލޮޕް ބުންޏެވެ.
ސްވަންސީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އާސެނަލަށް ލީޑުނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި މެސުޓް އޮޒިލް ތަނަވަސްކޮށްދިން ބޯޅައަކުން ނަޗޯ މޮންރެއާލް އެވެ. އާސެނަލަށް ލީޑު ހިފަހައްޓާލެވުނީ މިނިޓެއްހާއިރު އެވެ. އެއީ މެޗުގެ 34 ވަނަ މިނިޓްގައި ސްވަންސީގެ ސޭމް ކްލޫކަސް ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ.
ސްވަންސީން ލީޑުނެގި ގޯލަކީ މެޗުގެ 61 ވަނަ މިނިޓްގައި އާސެނަލްގެ ޕެޓަ ޗެކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޖޯޑަން އަޔޫ ކާމިޔާބު ކޮށްދިން ގޯލެކެވެ. ސްވަންސީގެ ތިން ވަނަ ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި ކާމިޔާބުކުރީ ކްލޫކަސް އެވެ.
މި މެޗުގެ ދެ ވަނަ ހާފުގައި ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އާސެނަލާ ގުޅުނު އާރްމީނިއާގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން ވަނީ ކުޅެން އަރުވައިފަ އެވެ. އަދި މާދަމާގެ ނިޔަލަށް މުއްދަތު ހަމަވާ ޓްރާންސްފާ މާކެޓްގެ ކުރިން ޗެލްސީ އަށް ބަދަލުވާނެ ކަމަށް ބެލެވިފައިވާ އާސެނަލްގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫ ވެސް ރޭގެ މެޗުގައި ކުޅުނެވެ.
އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ ކުރެވޭނެ ޝަކުވާއެއް ނެތް ކަަމަށާއި ޑިފެންސް ދަށްކޮށް ދާއިރު ބޮޑެތި ގޯސްތައް އިތުރުވާނެ ކަމަށާއި އޭގެ ސަބަބުން މުޅި ޓީމަށް ކުރާ އަސަރު ގޯސްވާނެކަން މި މެޗުން ފެނިގެން ގޮސްފި ކަމަށެވެ.