އެއް ފުރޮޅުލީ ސްކޭޓްބޯޑް
އެއް ފުރޮޅުލީ ސްކޭޓްބޯޑް

ސްކޭޓްބޯޑު ދުއްވުމަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. އާންމުކޮށް ދުއްވާ ބޯޑުތަކުގައި ފުރޮޅު ހުންނަނީ ބޯޑުގެ ދަށުގައެވެ. މިގޮތަށް ހުންނަ ފުރޮޅުތައްވެސް މާ ބޮޑެއް ނޫނެވެ. ވަންވީލްއަކީ 2014 ވަނަ އަހަރު އީޖާދުކޮށް، ގިނަ ބައެއްގެ ހިތް ދަމައިގަތް ފާޑެއްގެ ސްކޭޓްބޯޑެކެވެ.

މި ބޯޑު ހުންނަނީ ފިލާފޮއްޗެއްގެ މެދުން ވަށްކޮށް އާނގައެއް ކަނޑައިފަ، އޭގައި ފުރޮޅެއް ހަރުކޮށްފައެވެ. މި ފުރޮޅަކީ ކުޑަ ފުރޮޅެއް ވެސް ނޫނެވެ. ވަންވީލް އުފެއްދި ކުންފުނިން މިހާރު ވަނީ އޭގެ އާ ފުރޮޅު ބޯޑެއް އުފައްދާފައެވެ. މިއަށް ކިޔަނީ ވަންވީލް ޕްލަސް އެކްސް އާރް އެވެ.

އަލަށް ނުކުތް ވަންވީލް ޕްލަސް، މީގެ ފުރަތަމަ ބޯޑަކާ މާބޮޑު ތަފާތެއް ނެތެވެ. ވަންވީލް ޕްލަސް ވެސް ދުއްވަނީ ދުއްވާ މީހާގެ ބާރާއި ހިތްވަރުންނެވެ. ކޮންޓްރޯލް ކުރާނެ އިތުރު އަތްގަނޑެއް، މުއްގަނޑެއް ވެސް ނެތެވެ. އެކަމަކު މިފަހަރު ބޯޑު ފަރުމާކޮށްފައިވަނީ ބޯޑުގައި ބެލެންސްކުރާނެ ބާރު ލައިގެންނެވެ. އެހެންވީމާ، ދުއްވާ މީހާއަށް ތަންކޮޅެއް ތަކުލީފު ކުޑަވާނެއެވެ. ވިސްނާލަންޖެހޭ ހަމައެކަނި ކަމަކީ ބޯޑުމަތީ ފުރަތަމަ ފައި އަޅާއިރު ވެސް ފައި އަޅަން ކުރެހުމުން ދައްކާފައިވާ ތަނުގައި ފައި އެޅުމަށެވެ. ބޯޑުގެ ސެންސަރުތައް ހުންނާނީ ފިޔަވަޅު ކުރަހާފައިވާ ތަނުގައެވެ. ބޯޑުގެ ބެލެންސް މަސައްކަތް ކުރާނީ އޭރުންނެވެ.

ވަންވީލް ޕްލަސްގެ ކުރިމައްޗާއި ފަހަތުގައި ވެސް ލެޑް ލައިޓް ހަރުކޮށްފައި ހުރެއެވެ. ދުއްވާއިރު ބޯޑުގެ ކުރިއަށް ހުރި ބޮކިތައް ދިއްލޭނީ ހުދުކުލައިންނެވެ. ފަހަތު ބޮކިތައް ހުންނާނީ ރަތްކުލައިގައެވެ. މިފަހަރު ނުކުތް ބޯޑަކީވެސް ކޮންމެ ތާކު ވެސް ދުއްވޭ ގޮތަށް އުފައްދާފައިވާ ބޯޑެކެވެ. ވަލުތެރެ އާއި ގޮނޑުދޮށުގައި ވެސް ދުއްވަންވީއެވެ.

ވަންވީލް ޕްލަސް އެކްސް އާރު ބާޒާރަށް ނުކުންނާނެ ކަމަށް ބެލެވެނީ އޭޕްރީލްގައެވެ. ވިއްކާނީ 1800 ޑޮލަރަށެވެ.