31 ޖެނުއަރީ 2018 - 06:21

އާދިއްތަ ދުވަހާ ގުޅޭ
ހަންނާން ބުނި ގަޑިއަށް އަހަރެން އެ ތަނަށް ދިޔައީމެވެ. ޚިޔާލީ ހަންނާނެއް ހިތުގައި ކުރަހައިގެންނެވެ. އެ ފޮޓޯއާ ވައްތަރު މީހަކު ރަސްފަންނަކުން ނުފެނުނެވެ. އެ ވަގުތު ހިތަށްއެރިއެވެ. ލާނެތް މީހަކު އަހަންނާ ސަމާސާއެއް ކޮށްލީތާއެވެ. އެ މީހަކު މިހާރު ދުރުގައި ބަލަން ހުންނާނެއެވެ. އަހަރެން މީ މޮޔައެކެވެ. މީހަކު ހަމަ ބުނެލާއިރަށް އެ ތާކަށް އަންނަން ވެދާނެ ހެއްޔެވެ؟ ކުރިން އަހަރެން ރައްޓެހިވި މީހަކު، އެހެން މީހަކު ލައްވައި އަހަންނަށް ކެއްސެއްދިނީކަން ކަށަވަރެވެ. ޙަޤީޤަތާ ބޮޑަށް ވައްތަރުކުރުމަށް ޓަކައި ޓީޝާޓުގައި ހުންނާނެ ކުރެހުމަށް ދާންދެން ބުނީއެވެ.
"އައްސަލާމް އަލައިކުމް!" އަހަންނަށް އިވުނީ ފިރިހެނެއްގެ ބަރު އަޑެކެވެ.
ހަށިގަނޑަށް ވެރިވި ތޫނު ފިންޏާއި، ހިތުގައި ޖަހައިލި ބާރު ވިންދާއެކު އަހަރެން އެނބުރިލީމެވެ. ހަންނާން ފެނިފައި އަހަންނަށް ހުރެވުނީއެވެ. ކޮންމެހެން އޭނަ މާ ރީތިވެގެން ނުވަތަ ހުތުރުވެގެނެއް ނޫނެވެ.
"ވައަލައިކުމް ސަލާމް!" އަހަރެން ބުނީމެވެ.
ހަންނާނު އަތުގައި އޮތް މާޖެއްސި ޒުވާރި ކޮތަޅު އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން ޒުވާރިކޮޅެއް ނެގީމެވެ. އަދި ހިނިތުންވެލީމެވެ.
"ސަޕްރައިޒް ސަޕްރައިޒް!" ހަންނާން ބުނެލިއެވެ.
"އަސްލު ވެސް،" އަހަރެން ބުނީމެވެ. "ކިތެއް އަހަރު؟"
އުމުރު ބުނަން ހަންނާން އުޒުރުވެރިވި ކަހަލައެވެ. އަނެއްކާ ވެސް އަހަންނަށް ޒުވާރި ކޮތަޅު ދިއްކޮށްލިއެވެ. އަހަރެން އެ ކޮތަޅު އަތުލީމެވެ.
"ހައެއްކަ އަހަރުގެ ތަފާތު ހުންނާނެ،" ހަންނާން ޖަވާބުގައި ބުންޏެވެ. "އެއީ މައްސަލައެއްތަ؟"
އަހަރެން ހުރީ މީހަކާ އިންނަން ވަރަށް ބޭނުންވެފައެވެ. ސިފައާއި މިޒާޖަށް ވިސްނުން ވެސް ދޫކޮށްލައިފީމެވެ. އެކަމަކު އަހަންނަށް ވުރެ މާ ހަގު ޒުވާނަކާ އިނުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ ކުޑަކޮށް ވެސް އެ ކަމާ މެދު ވިސްނައިލެވިފައެއް ނެތެވެ. ހިތަށްއެރިއެވެ. ހަންނާންގެ ބަހުރުވައިގައި މިޔުޒިކީ ރާގެއް ހުރެފައި، ޢިބާރާތުގައި ޅެންވެރިކަން ހުންނަނީ ސަބަބެއް ނެތިއެއް ނޫންތާއެވެ.
"ވިސްނާލަން ޖެހޭނީ." އަހަރެން ބުނީމެވެ.
ވާހަކަދައްކާލަން އިރުކޮޅަކު ތިބެފައި އަހަރެން ގެއަށް އައީމެވެ. އެކުގައި ވަގުތު ހޭދަކުރުމާއި، މުނިފޫހިފިލުވަން ހަންނާން އެއްވަނައެވެ. އޭނަގެ އާންމު މަޢުލޫމާތު މުއްސަންޖެވެ. ހައްތާ ވެސް ހަޔާތަށް ދިރުން ގެނެސްދޭނެ ސިފަތަކެވެ. އެހެންނަމަވެސް، މީހުން ކިޔާނީ ކީކޭ ހެއްޔެވެ؟ ދުނިޔެއަށް ފެންނާނީ ޅަ ކުއްޖަކާ އަހަރެން ކައިވެނިކުރި ތަނެވެ. ބައެއް މީހުންނަކީ ސިފަޔަށް ބަލައިފައި އުމުރު ބުނަން ނޭނގޭހާ ސިފަ ތަފާތު މީހުންނެވެ. ހަންނާންގެ ހަގުކަން އޭނަގެ މޫނުމަތިން ސާފުކޮށް އެނގެއެވެ. އެންމެ ބޮޑު މައްސަލައަކީ އެއީއެއް ވެސް ނޫނެވެ. މީހަކު އެއްޗެއް ނުބުނާނެ ގޮތަކަށް ނޫޅެވޭނެއެވެ. އެކަމަކު، ފިރިޔަކު ހޯދަން އަހަރެން ކުރި ދަތުރު ނިމޭއިރު ދަރިޔަކު ގެންގުޅެން ޖެހިއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޒިންމާނަގާނެ ފިރިޔެއްގެ ބަދަލުގައި އަހަރެން ޒިންމާނަގަންޖެހޭ ފިރިޔަކު ލިބިއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއް އުމުރުގެ ޒުވާން އަންހެންކުދިން ތިއްބައި އަހަންނާ އިންނަން ހަންނާން ބޭނުންވާ ސަބަބަކީ ކޮބައި ހެއްޔެވެ؟ އުމުރުން މާ ހަގު މީހަކާ އިނދެގެން އަހަންނަށް ޖެހޭނީ ދޮންތަޔަށް ޖެހުނު ދަތުރު ބާއެވެ؟ ގޮތެއް ނުނިންމިގެން އުޅެނިކޮށް ރޭގަނޑު ދިހަޔެއް ޖެހިއެވެ. ހަންނާން ގުޅިއެވެ. އަހަރެން އެ ފޯނެއް ނުނަގަމެވެ.
ޖެހިގެން އައި ދުވަހެވެ. ފަތިހުއްސުރެ ވެހުނު ވާރޭ ހުއްޓައިލިއިރު އޮފީހުގެ ގަޑިޖެހެން އޮތީ ފަނަރަ ވަރަކަށް މިނެޓެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. އަވަހަށް ދާންވެގެން ޓެކްސީއެއް ލިބޭތޯ އުޅެއުޅެ އެ ކަމެއް ނުވިއެވެ. ފައިމަގުގައި އޮފީހަށް ދާން ނުކުތީމެވެ. ދުވާރުމަތިން ހަލުވިކޮށް ހިނގައިފައި ދަނިކޮށް ކުއްލިއަކަށް ފެނުނީ އަހަރެންގެ ހެދުމަށް ކިސަޑުފެން ބުރިތަނެވެ. ޗޮކެއް ކަނޑައިފައި ބަލައިލިއިރު ސައިކަލުގައި އިނީ ހަންނާނެވެ. އޮފީސް ހެދުމުގައި، ޓައީއަޅައި ބޫޓަށް އަރައިފައި އިންއިރު ހުވަފެނީ ގޮތެއް ހުއްޓެވެ. އެހެނަސް، އެ ދަނޑިވަޅުގައި އަހަރެން ހުރީ ހުވަފެން ބަލާ މޫޑެއްގައެއް ނޫނެވެ.
"ހެދުން ބަދަލު ނުކޮށެއް ދެނެއް އޮފީހަކަށް ނުދެވޭނެ،" ހަންނާން ބުންޏެވެ. "އަރާ! އަނބުރާ އޮފީހަށް ވެސް ގެންގޮސްދޭނަމޭ!"
ހަންނާނަކީ ބީރައްޓެއްސެއް ނޫނެވެ. ކުރީ ދުވަހުގެ ބައްދަލުވުމަށް ފަހު ބީރައްޓެހިކަން ފިލައިފިއެވެ. އެހެން ނޫނަސް، ގަޑި ނުޖެހި އޮފީހަށް ދާން ބޭނުމިއްޔާ މާ ގިނަ ގޮތްތަކެއް ނެތެވެ. ސައިކަލު ފަހަތުގައި އިށީނީމެވެ. ގެއަށް ދާންވީ މަގު ބުނެދިނީމެވެ. ސައިކަލު ނައްޓައިލިއެވެ.
"ރޭގަ ގުޅީމޭ!" ހަންނާން ބުންޏެވެ. "ގަސްތުގަ ފޯނު ނުނެގީ ދޯ؟"
"ތެދަށް ބުނަންޏާ.. ޔޭސް!" އަހަރެން ބުނީމެވެ. "ހައެއްކަ އަހަރުގެ ތަފާތަކީ ބޮޑު ތަފާތެއް. ގޮތެއް ނިންމަން ނޭނގިފަ ހުރީ."
"އަދިވެސް؟" ހަންނާން ސުވާލުކުރިއެވެ. "ހަނާއަކަށް ނުޖެހޭނެ އަހަރެން އުރައިގެން ގެންގުޅޭކަށް."
ހަންނާނަކީ ވާހަކަދެއްކުމުގައި ލަދުރަކި ގޮތެއް ހުންނަ ޒުވާނެކެވެ. އެ ކަން އަހަންނަށް ފާހަގަވިއެވެ. ސައިކަލުގައި އިންނައިރު ވެސް އޭނަ އިންނަނީ ތަންކޮޅެއް ކުރިޔަށް ޖެހިގެންނެވެ. އަހަރެން ގައިގައި ޖެހެން އޭނަ ބޭނުން ނުވާ ކަހަލައެވެ. ނުވަތަ އެއީ ކުށްހީއެއް ހެއްޔެވެ؟ ފިރިހެނުންނަކީ ލިބޭ އެ ފަދަ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފާ ބަޔެކެވެ. އިތުރު އެއްޗެއް ނުބުނެ އަހަރެން އިންދައި ގެޔާ ހަމައަށް އާދެވުނެވެ. ހަންނާން ދިޔައީ އަހަރެން އޮފީހަށް ލައިދީފައެވެ. ނަސީބަކުން އޮފީސް މީހަކަށް ނުފެނެއެވެ. އޮފީސް ނިންމައިފައި ނުކުތްއިރު ހަންނާން ބަލާ އައިސް އިނެވެ.
"އޮފީހަށް ގެންދިޔަ މީހަކު ގެއަށް ވެސް ލައިދޭންޖެހޭނެ ކަމަށް ގަބޫލުކުރެވޭތީ މި އައީ،" ހަންނާން ހިނިތުންވެލައިފައި ބުންޏެވެ. "ސައިކަށް އަރަން ޖެހިލުން ވަންޏާ ހިނގައިފަ ވެސް ދެވިދާނެ. އެކަމަކު ވަރަށް ފެންގަނޑު ބޮޑު."
އަހަންނަށް އެ ކަން ވަރަށް މަޖާވިއެވެ. ސައިކަލު ފަހަތަށް އެރީމެވެ. ގެއަށް ދިޔަ މަގުމަތީގައި އަހަރުމެންގެ އެކުވެރިކަން އިތުރަށް ބަދަހިވިއެވެ. ހަންނާންގެ ފަރާތުން އަހަންނަށް ފެނުނީ، ކުރިން ވެސް ފެނުނު ސިފައެވެ. މަޑީގެ ތަންކޮޅެއް ކުރިޔަށް އަހަރެން ޖެހިލައިފިއްޔާ، އެ އަށް ވުރެ ކުރިޔަށް ހަންނާން ޖެހިލައެވެ. އަހަރެން ގެންދަން އެހާ ލަދުގަންނަންޏާ ބަލާ އައީ ކީއްވެގެން ހެއްޔެވެ؟ ސައިކަލަށް އަރަން ބުނީ ކީއްވެގެން ހެއްޔެވެ؟ މުޅީން ވެސް ހިތުގައި ސުވާލު އުފެދޭ ކަހަލަ މީހުން އަހަންނާ ދިމާވަނީ ކީއްވެގެން ހެއްޔެވެ؟
"އެބައޮތް ރިކުއެސްޓެއް،" ހަންނާން ބުންޏެވެ. "މިރޭ ދަރުބާރުގޭގަ އޮންނާނެ ރިލޭޓިވެއްގެ ވެޑިން ޕާޓީއެއް. ފެމެލީގެ ވަރަށް ގިނަ މީހުން ދާނެ. އަހަރެން ބޭނުން ހަނާ ގޮވައިގެން ދާން."
އަނެއްކާ އަނެއް ކަންތަކޭ ހިތަށްއެރިއެވެ. ހަންނާނަކީ ކާކުކަން ރަނގަޅަށް ނޭނގިގެން އުޅެނިކޮށް ޢާއިލާގެ އެންމެނަށް އަހަރެން ދައްކަނީ ކީއްކުރަން ހެއްޔެވެ؟ މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަންނަށް ވިސްނަން އިނދެވުނީއެވެ. ހަންނާނަކީ ކޮން ކަހަލަ ފޮތެއް ހެއްޔެވެ؟ އެ ފޮތުން އެންމެ ފޮޅުވަތެއް ވެސް އަހަންނަށް ދަސްވާނެ ބާއެވެ؟
"އޯކޭތަ؟" ހަންނާން އެހިއެވެ.
"ވިސްނާލާފަ ޖަވާބެއް ދިނަސް އޯކޭތަ؟" އަހަރެން ވެސް ކުރީ ސުވާލެކެވެ.
"އަޖައިބެއްނު! ކޮންމެ ފަހަރަކު ތިހާ ވިސްނަން ޖެހޭތަ؟" ސަމާސާ ރާގެއްގައި ހަންނާން ބުންޏެވެ.
"ކޮންމެ ފަހަރަކު ތި އަހަނީ އެއްވަރުގެ ސުވާލު ވިއްޔަ!" ހީނގެންފައި އަހަރެން ބުނީމެވެ. "ޓެން މިނެޓްސް ދީ! އޯކޭއެއްނު!"
ގެއަށް ވަދެފައި އެނދުގައި އޮވެގެން ވިސްނީއެވެ. އަހަންނަކަށް ގޮތެއް ނުނިންމުނެވެ. ސަމީރާއަށް ގުޅީމެވެ.
"ކޮބާ މައްސަލައަކީ؟" ސަމީރާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "ތީން ވެސް ތި އެނގެނީ އޭނަ ކިހާ ސީރިޔަސްކަމެއްނު! މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާނެކަމެއް ނެތް. މި ފަހަރު ޖެހޭނެ ކޮޅެއްގަ ޖައްސަން. އޭރުން ގޭގަ ތި އުޅޭ ސައިކޯ ކައިރިން ސަލާމަތްވާނީ ވެސް."
ފޯނު ބާއްވައިފައި ވިސްނާލަން އިރުކޮޅަކު އޮތީމެވެ. މުބާހު ކަހަލަ މީހަކާ ކުރިމަތިލާން އަހަންނަށް ނުޖެހޭ ނަމަ އިތުރަށް ވިސްނީމުހެވެ. އަހަރެން ގޭގައި އުޅޭހާ ހިނދަކު އެ ކަމަކަށް ނިމުމެއް ނާންނާނެއެވެ. ވިސްނުން ހުއްޓައިލައިފައި ހަންނާނަށް ގުޅީމެވެ. ޕާޓީއަށް ދާން އެއްބަސްވީމެވެ. ހަންނާން ހުރީ އަހަރެން ދާނެކަމަށް ނިންމައިގެންނެވެ.
"މިހާރު މަންމަ ގާތުގަ ބުނެފިން މިރޭ އޮންނާނޭ ސަޕްރައިޒެއް،" ހަންނާން ހުރީ ވަރަށް އުފާވެފައެވެ. "އެކަމަކު މަންމައަކަށް ހިޔެއް ނުވޭ ގަބޫލުކުރެވުނު ހެނެއް."
މަންމައަށް ގަބޫލު ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ އެ އިން ދޭހަވަނީ ކޮން މާނައެއް ހެއްޔެވެ؟ ހިތުގައި ސުވާލުތައް އުފެދުނު ނަމަވެސް އަހަރެން އެ ސުވާލުތަކެއް ނުކުރަމެވެ. އަތުގައި އޮތް އެންމެ ރީތި ހެދުން އިސްތިރިކޮށްލައިގެން ޕާޓީއަށް ދިޔުމުގެ ތައްޔާރީތައް ފެށީމެވެ. އެންމެ ފަހު ވަގުތަކަށް އެއްވެސް ކަމެއް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. އިރުއޮއްސެން އުޅެނިކޮށް ނުދަންނަ ނަންބަރަކުން ފޯނެއް އައެވެ. އަހަރެން ފޯނު ނެގީމެވެ. ފޯނު ނެގި ވަގުތު ހަންނާންގެ އަޑު އިވުނުހެން އަހަންނަށް ހީވިއެވެ.
"ކޮބާ ކިހިނެއް ހާލު؟" އަންހެނަކު ސުވާލުކުރިއެވެ. "މިރޭ ޕާޓީއަށް ދާން ކޮން ކުލައެއްގެ ހެދުމަށް ލަނީ؟"
އެ ސުވާލުގެ ޖަވާބަށް ވުރެ އަހަންނަށް މުހިންމުވީ ސުވާލެކެވެ.
"ތީ ކާކު؟" އަހަރެން އެހީމެވެ.
"ނޭނގުނު ދޯ!" ހީނގެންފައި އޭނަ ބުންޏެވެ. "މީ ހަންނާންގެ މަންމައޭ! ހެދުމުގެ ކުލަ ބުނަން އޭނަ ހަނދާން ނެތުނީމަ މި ގުޅީ. ނުލުގެ ކޮންމެ ޝޭޑެއް ވެސް އޯކޭވާނެ އިނގޭ. ތަންކޮޅެއް އަވަހަށް އަންނައްޗޭ!"
"ލައްބަ!" އަހަންނަށް ބުނެވުނީ އެހެންނެވެ.
ނަސީބަކުން އަހަރެން ލާން އުޅުނީ ވެސް ނޫކުލައިގެ ހެދުމެކެވެ. އެ ކަމުގެ އުފަލާއި، ހަންނާންގެ މަންމަ ގުޅުމުގެ އުފާ އެކުވެގެން އަހަރެންގެ ހިތުގެ ނުތަނަވަސްކަން ފިލައިގެންދިޔައެވެ. އުފަލުން ނުހުރެވިގެން ސަމީރާ ގާތުގައި އެ ވާހަކަ ބުނީމެވެ.
"ތީ އެކަމަކު ހާދަ ވިއަޑް ކަމެކޭ،" ސަމީރާ ވިސްނީ އެހެން ގޮތަކަށެވެ. "ތި ދެ މީހުން އަދި ދިމާ ނުވެސް ވޭ! ދެން ކީއްވެ މަންމަ ޓަސްލާފަ މާ ގުޅާލީ؟ ތިބޭ ވަރަށް ނައިސް މީހުން ވެސް. މިހެން ބުނާކަށް ބޭނުމެއް ނޫން އެކަމަކު، އެއީ ތަންކޮޅެއް ބޮޑުވަރު."
އެ ހިސާބުން އަހަރެންގެ ހިތުގައި ވެސް ސުވާލު އުފެދުނެވެ.
ނުނިމޭ